ބޮޑެތި ބަލިތަކަށް ފަރުވާކުރަންޖެހޭ 37 މީހަކު މާދަމާ އިންޑިއާ އަށް ފުރާނެ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން، ބޮޑެތި ބަލިތަކުގެ ފަރުވާ އަށް ބޭރަށް ނުދެވި ތިބި މީހުންގެ ތެރެއިން 37 މީހަކު މާދަމާ އިންޑިއާ އަށް ފުރާނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަަރުޖަމާން، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އާސަންްދައިގެ އެހީގައި ރާއްޖޭން ބޭރަށް ދާން ޖެހޭ 37 މީހަކު ފޮނުވުމުގެ ހުއްދަ ލިބި މާދަމާ އެ މީހުން ފުރަން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭން ފަރުވާ ނުކުރެވޭ ބަލިތަކަށް ފަރުވާކުރަން އާސަންދަ އިން ފޮނުވަނީ ސްރީ ލަންކާއަށާއި އިންޑިއާއަަށެވެ. މާދަމާ އިންޑިއާ އަށް ފުރާ 37 މީހުންގެ އިތުރުން ވެސް 50 މީހަކު ފަރުވާ އަށް ރާއްްޖޭން ބޭރަށް ދާން އެދިފައި ވެ އެވެ. އެއީ ކުރިން އެދުނު 37 މީހުންނަށް ހުއްދަ ލިބުނު ފަހުން ނަން ނޯޓު ކުރި ބައެކެވެ.

"އެ މީހުން ވެސް ބޭރަށް ބޭސްފަރުވާ އަށް ފޮނުވުމަށް ރާވަންޖެހޭ އިންތިޒާމުތަކާއި ކުރަން ޖެހޭ މަސަައްކަތްތައް ފޮރިން މިނިސްޓްރީން މިވަގުތު ކުރައްވަމުން އެބަ ގެންދަވާ،" މަބްރޫކް ވިދާޅުވި އެވެ.

މި އެންމެން ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބުމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ގިނަ ގައުމުތަކުން އެޅި އެއް ފިޔަވަޅަކީ ބޯޑަރު ބަންދުކުރުމެވެ.

އިންޑިއާއަށާއި ލަންކާ އަށް ބޭސްފަަރުވާ އަށް ދާން ޖެހޭ މީހުންނަށް ނުދެވި ލަސްވީ އެހެންވެ އެވެ. އެ ދެ ގައުމުގެ ތެރެއިން އިންޑިއާ އަށް ބަލި މީހުން ގެންދަން ހާއްސަ ހުއްދައެއް ދީފައިވާކަން ސަރުކާރުން ހާމަކުރީ މި މަހުގެ 23 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވެވި މީޑިއާ ބްރީފިން ގަ އެވެ. ރާއްޖޭގެ ބަލިމީހުން ފޮނުވަން ހުއްދަ ދިން ނަމަވެސް އިންޑިއާގެ ބޯޑަރު އަދި ރަސްމީކޮށް ހުޅުވައެއް ނުލަ އެވެ.