ލޮކްޑައުން ލުއިކުރިތާ އެއް މަސް: ކޭސްތައް ވީ މަދު

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އެންމެ ހަރުކަށިކޮށް ލޮކްޑައުން އޮތް އެއް މަސް ދުވަހުގެ ހިސާބުތަކާއި ލޮކްޑައުން އަށް ލުއި ދޭން ފެށި ފަހުން މި ވީ މަަސް ދުވަސް އަޅާބަލާއިރު، ލޮކްޑައުން ލުއިކުރި ފަހުން ކޭސްތައް ނިސްބަތުން މަދު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.


މާލެ ސަރަހައްދު ފުލް ލޮކްޑައުން އަކަށް ދިޔައީ އޭޕްރީލް 15 ވަނަ ދުވަހު، ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނުމާ އެކުގަ އެވެ. އޭގެ ފަހުން ލޮކްޑައުން އަށް ލުއި ދޭން ފެށީ މިދިޔަ މަހުގެ 28 އިން ފެށިގެންނެވެ. އަދި މި މަހުގެ 15 އިން ފެށިގެން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން އެޗްޕީއޭ އިން ކޮންމެ ދުވަހު އާންމުކުރަމުން އަންނަ ކޭސްތަކުގެ މައުލޫމާތަށް ބަލާއިރު އޭޕްރީލް 27 އިން މެއި 27 އަށް 1،294 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. މިއީ މާލެ ސަރަހައްދު ފުލް ލޮކްޑައުންގައި އޮތް ދުވަސްވަރެވެ. މި މުއްދަތުގައި ކޮންމެ ދުވަހެއްގެ އެވްރެޖް ކޭސްގެ އަދަދަކީ 41.74 އެވެ.

ލޮކްޑައުން ލުއިކުރަން ފެށި ފަހުން އިއްޔެގެ ނިޔަލަށް މަސް ދުވަސް ވަނީ ވެފަ އެވެ. މި މުއްދަތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ 797 މީހުންނެވެ. މިއީ ކޮންމެ ދުވަހަކަށް 25.71 ކޭހެވެ.

ލޮކްޑައުން އަށް ލުއި ދޭން ފެށީ އެޗްޕީއޭ އިން ކުރިން ބުނި ގޮތުގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމާއި ޓެސްޓްކުރުމުގެ ކެޕޭސިޓީ ވެސް އިތުރުކުރެވި މި ހާލަތަށް ތައްޔާރުވެވުނީމަ އެވެ. ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށާއި އަދިވެސް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަން އަންނަނީ އިލްތިމާސްކުރަމުންނެވެ. މިހާރު ކޭސްތަކުގެ އަދަދު މަދުވިޔަސް ކުރިއަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް މިހާރު ޓެސްޓުކުރެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މާލެ ސަރަހައްދު ފުލް ލޮކްޑައުންގައި އޮތީ އޭޕްރީލް 15 އިން މެއި 28 އަށެވެ. މި މުއްދަތުގައި 1،532 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ.

ލޮކްޑައުން އަށް މިދިޔަ މަހުގެ 28 ގައި ލުއި ދޭން ފެށި އިރު އެންމެ ފުރަތަމަ ދެ ހަފުތާގައި ފުލުހުންގެ ހުއްދައާ އެކު ކޮންމެ ގެއަކުން ތިން މީހަކަށް ދުވާލަކު ދެ ގަޑިއިރަށް ބޭރަށް ނުކުތުމުގެ ހުއްދަ ދިނެވެ. އަދި ހުއްދައަކާ އެކު ބައެއް އޮފީސްތަކުގައި މަސައްކަތްކުރަން ފުރުސަތު ދީ ސުޕަމާކެޓާއި ކަންމަތީ ފިހާރަތަކާއި ބޭކަރީތަކާއި ފާމަސީތަކާއި ބުކްޝޮޕްތަކާއި ކުޑަކުދިންގެ ފިހާރަތަކާއި ހާޑްވެއާ ފިހާރަތަކާއި އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރަތަކާއި ހުޅުވަން ވެސް ހުއްދަ ދިނެވެ. މީގެ އިތުރުން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކްއަވޭ އާއި ޑެލިވަރީ އަށް ހުއްދަ ދީ ޓެކްސީ ދަތުރުތަަކަށް ވެސް ހުއްދަ ދިނެވެ. މި ނޫން އެހެން ބައެއް ހިދުމަތްތައް ވެސް އަލުން ފެށި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މާލެ ސަރަހައްދު ފުލް ލޮކްޑައުންގައި އޮތީ އޭޕްރީލް 15 އިން މެއި 28 އަށް. މި މުއްދަތުގައި 1،532 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭ.

މި މަހު 15 އިން ފެށިގެން ވަނީ ހުއްދަ ނެގުމަކާ ނުލައި ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ބޭރުގައި އުޅެން ހުއްދަ ދީ ވިޔަފާރިތައް ވެސް އާންމުކޮށް ހުޅުވާލައިފަ އެވެ. ނަމަވެސް ފިހާރަތަކުގައި ރައްކާތެރިކަމުގެ ވަކި އުސޫލުތަކަކަށް އަމަލުކުރަން ޖެހެ އެވެ.

ބޮޑެތި ލުއިތައް ދިނުމުގެ ކުރިން އެންމެ ފުރަތަމަ ދިން ލުޔާ އެކު ވެސް ގިނަ އަދަދެއްގެ ބަޔަކު ބޭރުގައި އުޅެން ފަށައި މަސައްކަތަށް ނުކުތެވެ.

ލޮކްޑައުން އަށް ލުއި ދިނުމުން ގިނަ ބަޔަކު ބޭރުގައި އުޅުނަސް އެންމެންހެން މިހާރު ތިބެނީ މާސްކް އަޅައިގެންނެވެ. އަދި އާންމުން ހިދުމަތް ހޯދާ ތަންތަނުގައި އަތް ދޮވެވޭނެ އިންތިޒާމް ވެސް ހުރެ އެވެ. މިއީ ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހުން ރައްކާތެރިވެ ތިބެން އެންމެ މުހިންމު ދެ ކަންތައް ކަމަށް ސިއްހީ މާހިރުން އަންނަނީ ހަނދާންކޮށްދެއްވަމުންނެވެ.

އަންނަ މަހުގެ 1 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި ޓޫރިޒަމް އަލުން ފަށާނެ އެވެ. ކެފޭތަކާއި ރެސްޓޯރަންޓްތައް ޑައިން އިން އަށް ހުޅުވާލައި އިތުރު ހުއްދަތައް ވެސް ދޭނެ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭން 2،305 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރެއިން ދިވެހިންގެ އަދަދަކީ 808 އެވެ. ބިދޭސީންގެ އަދަދަކީ 1،494 އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 1,875 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި އަށް މީހަކު މަރުވެފައި ވާއިރު ބަލި ޖެހިފައި ހުއްޓާ ފަސް މީހަކު ރާއްޖޭން ފުރައިގެން ގޮސްފައިވެ އެވެ. އެހެންވެ ކޮވިޑް-19 ޖެހިފައި މިހާރު ތިބި މީހުންގެ އަދަދަކީ 417 އެވެ.