ރާއްޖޭން އީޔޫ އަށް އަދި އެތެރެއެއް ނުވެވޭނެ، އެއީ ބްލެކްލިސްޓް ކުރުމެއް ނޫން: އީޔޫ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށްފައިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު އެ ގައުމުތަކަށް އެތެރެވެވޭ ލިސްޓުގައި ރާއްޖެ އަދި ނުހިމެނޭ ކަމަށާއި އެކަމަކު މީގެ މާނަ އަކީ ރާއްޖެ ބްލެކްލިސްޓް ކުރުން ނޫން ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.


އީޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ ޔޫރަޕްގެ އެތެރޭގެ ބޯޑަރުތައް ހުޅުވުމަށް މިހާރު މަސައްކަތް ކުރަމުން އަންނައިރު، އެހެން ގައުމުތަކުން ޔޫރަޕަށް އެތެރެވުމުގެ ހުއްދަ ދޭން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރެވޭނެ 15 ގައުމެއް މިހާތަނަށް ލިސްޓްކޮށްފައިވާ ކަމަށާއި އެއީ ގައުމުތަކުގައި ބަލިމަޑުކަން އޮތް ހާލަތަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވެސް އީޔޫ އިން ބުންޏެވެ.

އީޔޫން ބުނީ ލިސްޓުގައި ރާއްޖެ އަދި ނެތް ކަމުގައި ވިޔަސް އީޔޫގެ ވަކިވަކި ގައުމުތަކުން، އެ ގައުމަކުން ބޭނުންވާ ގޮތަކަށް މިކަން ހަމަޖެއްސުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ލިސްޓުގައި ނަން ނެތުމަކީ ގައުމެއް ބްލެކްލިސްޓު ކުރުން ނޫން ކަމަށާއި އެއީ ނިއުނޯމަލްގެ ފުރަތަމަ ފިޔަވަޅު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޔޫރަޕްގެ ގައުމުތަކަށް އެތެރެވުމަށް ހުއްދަ ދީފައިވާ ގައުމުތަކުގެ ލިސްޓު އަބަދުވެސް ހާލަތާ އެއްގޮތަށް ބަދަލުކުރަމުން ގެންދާނެ ކަމަށާއި އަންނަ ބަދަލުތައް ހާމަކުރަމުން ދާނެ ކަމަށް ވެސް އީޔޫގެ ބަޔާނުގައިވެ އެވެ.

އެ ޖަމިއްޔާ އިން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭން ކުރި މަސައްކަތް ރަނގަޅުކަން ފާހަގަކޮށް، ރާއްޖޭގައި ބަލީގެ ހާލަތު މިހާރު ކޮންޓްރޯލްވެފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.

ބަލީގެ ހާލަތަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކޮށް އަންނަ މަހު 1 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވައި ބައެއް ރިސޯޓުތައް ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ.

ތިން މަަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ގިނަ ރިސޯޓުތައް އަންނަނީ، ކަނޑައަޅާފައިވާ ތާރީހަށް ހުޅުވަން ތައްޔާރުވަމުންނެވެ. އެކަމަކު ބައެއް ރިސޯޓުތައް ހުޅުވަން ނިންމާފައިވަނީ ސެޕްޓެމްބަރުގެ ފަހުންނެވެ.