ކޮވިޑް-19 އިން 16 މީހަކު ރަނގަޅުވެ އިތުރު 13 މީހަކު ޕޮޒިޓިވް

ރާއްޖޭގައި އަލަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 2،337 އަށް އަރައިފި އެވެ.


އިތުރު ބަޔަކު ޕޮޒިޓިވްވި އިރު މިއަދު ވަނީ މި ބަލިން އިތުރު 16 މީހަކު ރަނގަޅުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު މިއާ އެކު މިހާރު ވަނީ 1،927 އަށް އަރައިފަ އެވެ. މި ބަލީގައި ރާއްޖޭހް މިހާތަނަށް އަށް މީހަކު މަރުވެފައިވެ އެވެ. ބަލި ޖެހިފައި ވަނިކޮށް ފަސް ބިދޭސީއަކު ވަނީ ފުރައިގެން ގައުމުން ބޭރަށް ގޮސްފަ އެވެ.

އެހެންވެ ކޮވިޑް-19 އަށް ޕޮޒިޓިވް މިހާރު ތިބީ 397 މީހުންނެވެ.

މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެެރެއިން ދިވެހިންގެ އަދަދަކީ 820 އެވެ. ދެން އެންމެންނަކީ ވެސް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ޓޫރިސްޓުންނެވެ. ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލާދޭޝް މީހުންނެވެ. އެއީ 1،220 އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލޭން އެންމެ ފުރަތަމަ ފެނުނީ އޭޕްރީލް 15 ވަނަ ދުވަހު އެވެ. އެ ދުވަހު މާލެ ސަަރަހައްދު ލޮކްޑައުންކޮށް މުޅި ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފަހު މިހާރު އަންނަނީ މި ލޮކްޑައުން އަށް ލުދި ދެމުންނެވެ.

އާންމު ހާލަތަށް ރުޖޫއަވާން މަސައްކަތްކުރަމުން އަންނައިރު، އަންނަ މަހު 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލައި ޓޫރިޒަމް ފަށާނެ އެވެ. އަދި އަންނަ މަހުން ފެށިގެން ކެފޭ/ރެސްޓޯރަންޓްތައް ވެސް އާންމުކޮށް ހުޅުވަން ހުއްދަ ދޭނެ އެވެ.