ޖިންސީ ގޯނާގެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް ޕްރޮފެޝަނަލް ކޮމާންޑުން ވެސް ބަލަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމުގެ މަސައްކަތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ވެސް ކުރަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.


މި މައްސަލައިގައި ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ދެ މީހުން ވެސް ވަނީ ތަހުގީގަށް އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލައިފަ އެވެ.

އެ ދެ މީހުން ދޫކޮށްލުމުން ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެ ދެމީހުންނަކީ ވެސް ސިޔާސީ ގޮތުން ބާރުވެރި ބައެއް ކަމަށާއި ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ބައެއް ކަމަށް ބުނެ، ފުލުހުން އެ މީހުން ދޫކޮށްލީ ސިޔާސީ ނުފޫޒުން ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުން އަމަލުކުރި ގޮތާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑާއި، ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިތުރަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސީޕީ ވިދާޅުވީ ފުލުހުންނާ ގާނޫނުން ހަވާލުވެފައިވާ މަސައްކަތްތައް ކުރާނީ މިނިވަންކަމާ އެކުގައި ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ކަން އެގޮތަށް ކުރުމަށް ފުލުހުންނަށް ބާރު ވެސް އަޅުއްވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑް ކޮމާންޑުން މި މައްސަލަ ބަލަން ފަށާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވެސް ވަނީ މި މައްސަލައިގައި ފުލުުހުން އަމަލުކުރި ގޮތް ބެލުމުގެ މަސައްކަތް ފަށައިފަ އެވެ.

ސަފާރީގައި އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓްކުރި ނަމަވެސް "މިހާރު"އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނީ އެމީހުން ހަމައެކަނި އޭނާ ގައިގަ އަތްލީ ކަމަށާއި، އެކަމަށް އެމީހުންގެ މައްޗަށް މައްސަލައެއް ރިޕޯޓްކޮށް ދައުވާކުރަން ވެސް ބޭނުންނުވާ ކަމަށެވެ.