މެމްބަރުންނަށް އަމާޒުކޮށް "ރެއިޑްކުރަން" ފުލުހުންތަކެއް އެބަ އުޅޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ރެއިޑްތަކެއްކުރަން ވަކިވަކި ފުލުހުންތަކެއް މަސައްކަތްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވޯޓަށް އެހުމަށްޓަކައި ރަނގަބީލު ޖެހުމަށް ފަހު، ދެއްވި ހުސް ވަގުތުކޮޅުގައި ނަޝީދު ވިދާޅުވީ އެގޮތަށް ކަންތަައް ކުރަން އުޅެނީ ވަރަށް މަދު ފުލުހުންތަކެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ފުލުހުން އުޅެނީ މެމްބަރުންގެ ގެކޮޅަށާއި ސައިކަލަަށް، އެހެން ރައްޔިތުންނަށް ނުދޭ ވަރުގެ ސަމާލުކަމެއް ދޭން ކަމަށާއި އެއީ ފުލުސް އޮފީހުގެ އުސޫލާ ހިލާފު ކަމެއް ކަަމަށް ވެސް ވިދާޅުވި އެވެ.

"ދަންނަވަން އޮތީ ވަރަށް އުނދަގޫ ވާހަކައެއް. އަޅުގަނޑަށް ވަރަށް މައުލޫމާތު އެބަ ލިބޭ ފުލުހުންގެ ތެރެއިން މަދު ބޭފުޅުންކޮޅެއް މަޖިލީހުގެ މެމްބަރުންގެ އެކިއެކި ކަންކަން ރެއިޑް ކުރުމަށް، ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ގެކޮޅަށް ވިޔަސް ސައިކަލަށް ވިޔަސް އެހެން ކަމަަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަކަށް އަދި ފުލުސް އޮފީހުގެ އާއްމު އުސޫލުތަކާ ހަމަތަކާ ހިލާފަށް، ވަކިން ހާއްސަކޮށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ޗެކްކޮށް ރައްޔިތުންގެ މަޖިލީހުގެ ގެ ބަލައިފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އެ ވެނިކަމެއް މި ވެނިކަމެއް ކުރަން އެ ވިސްނުމުގައި އެއްވެސް ފުުލުހެއް ނުހުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،"--- ނަޝީދު

އެއާ ގުޅުވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހާރު އަންނަނީ ފުލުހުންގެ ބިލްގެ މަސައްކަތް ކުރަމުން ކަމަށާއި އެ ބިލްގެ ސަބަބުން ފުލުހުންގެ މުއައްސަސާ އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެކަމަކު މެމްބަރުންނަށް އަމާޒުކޮށް ފުލުހުންގެ ބަޔަކު ރެއިޑްތަކެއް ކުރަން އުޅެނީ ސީދާ އެހެންވެ ކަމަކަށް ވިދާޅެއް ނުވެ އެވެ. ބިލްގެ ސަބަބުން ފުލުހުންގެ މުއަައްސަސާ ވަރަށް ބޮޑަށް އިސްލާހުވާނެ ކަމަށާއި އެދިވަޑައިގަންނަަވަނީ ފުލުހުންގެ މުއައްސަސާ ރަނގަޅުވާން ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު އިލްތިސާމްކުރެއްވީ އާންމުންނަށް ނުދޭ ސަމާލުކަމެއް މެމްބަރުންނަށް ދީ، އާންމު އުސޫލާ ހިލާފަށް ފުލުހުން އަމަލު ނުކުރުމަށެވެ.

"އަޅުގަނޑު މި ދަންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ގެކޮޅަށް ވިޔަސް ސައިކަލަށް ވިޔަސް އެހެން ކަމަަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަކަށް އަދި ފުލުސް އޮފީހުގެ އާއްމު އުސޫލުތަކާ ހަމަތަކާ ހިލާފަށް، ވަކިން ހާއްސަކޮށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ޗެކްކޮށް ރައްޔިތުންގެ މަޖިލީހުގެ ގެ ބަލައިފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އެވެނި ކަމެއް މި ވެނި ކަމެއް ކުރަން އެ ވިސްނުމުގައި އެއްވެސް ފުުލުހެއް ނުކުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރަނގަޅަށެވެ. އެހެންވެ އެގޮތުގައި ތިއްބަވަން އެދިވަޑައިގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގައިވާ ގޮތުން، ކުށުގެ ވެށިން މެމްބަރަކު ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރެވޭނެ އެވެ. އެ ނޫން ހާލަތްތަކުގައި މެމްބަރަކު ހައްޔަރުކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރަކުންނެވެ. ހައްޔަރުކުރުމަށް ފަހު، ވީ އެންމެ އަވަހަކަށް މަޖިލީހުގެ ރައީސަށް ފުލުހުން އަންގަން ޖެހެ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި މަޖިލީހަށް މާ ގިނަ ބާރުތައް ނަގާ ކަމަށް ބައެއް ފަރާތްތަކުން ކުރިން ވަނީ ތުހުމަތުކޮށްފަ އެވެ.