ކޮވިޑް-19 ޖެހުނު އިތުރު މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭން ރާއްޖެއިން އިތުރު މީހަކު މިރޭ މަރުވެއްޖެ އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވީ ޑީއެޗް 11ގައި ފަރުވާދެމުން ދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މިރޭ 11:54 ގަ އެވެ.

މިއީ ކޮވިޑް-19ގައި ރާއްޖެއިން މަރުވި 10 ވަނަ މީހާ އެވެ. އެ ބަލީގައި ރާއްޖެ އިން އެންމެ ފަހުން މަރުވެފައި ވަނީ ޑީއެޗް 11ގައި ފަރުވާ ދެމުން ދިޔަ ފިލިޕީންސްގެ 43 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް މަރުވެފައި ވަނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހުންނާއި ފިލިޕީންސް މީހެކެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 2،382 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 1،954 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް-19 ގެ ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 414 މީހުންނެވެ. ކަރަންޓީނުގައި 134 މީހުން ތިބި އިރު އައިސޮލޭޝަންގައި ތިބީ 284 މީހުންނެވެ. ރާއްޖެއިން މިހާތަނަށް ވަނީ 51،576 ސާމްޕަލް ނަގައިފަ އެވެ.

މާލޭގައި އާންމުންގެ ތެރޭ ކޮވިޑް-19 ފެތުރޭކަން އެނގުނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކޮށް މިއަދުން ފެށިގެން ނިއު ނޯމަލް އަށް އަމަލު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.