ސަރުކާރުގެ އޮފީސްތައް އާދީއްތަ ދުވަހުން ފެށިގެން ހުޅުވާނެ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްް ކުރަންް އެޅި ފިޔަވަޅެއްގެ ގޮތުން މިދިޔަ މާޗު މަހުން ފެށިގެން ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، ސަރުކާރުގެ އޮފީސްތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުޅުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.


ރައީސް އޮފީހުން ބުނީ، ރައީސް ހަމަޖައްސަވާފައި ވަނީ ކުރިއެކޭ އެއްގޮތަށް ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8 ން މެންދުރު ފަހު 2 އަށް ކަމަށެވެ. އޮފީސްތައް ހުޅުވާ އިރު ކޮވިޑުން ރައްކާތެރި ވުމަށް އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އޮފީސްތައް އަލުން ހުޅުވާއިރު ރައްކާތެރިވާން ކުރަން ޖެހޭ އަށް ކަމެއް ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ވެއެވެ.

އޮފީސްތައް ހުޅުވާއިރު އަމަލުކުރަން ޖެހޭ އުސޫލުތައް

1- ސާފުތާހިރު ކަމާއި ގައިދުރުކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުން

2- ނުރަސްމީ ގަޑީގައި އޮފީހުގައި މަސައްްކަތް ކުރަން ނުޖެހޭ ގޮތަށް ރޭވުން

3- ޝިފްޓް ޑިއުޓީ އޮންނަ ތަންތަން ފިޔަވަައި އެހެން އޮފީސްތައް މެންދުރުފަހު 2:00 ގެ ފަހުން ހުޅުވާފައި ނުބެހެއްޓުން.

4- ކޮންމެހެން ކުރަން ޖެހޭ ކަމަކަށް އޮފީހެއް ހުޅުވިޔަސް ހަވީރު 4:00 އަށް ވުރެ ފަހުން ހުޅުވާފަައި ނުބެހެއްޓުން

5- ކޮވިޑާ ހެދި އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ދެމުން އައި ހިދުމަތްތައް އަދިވެސް އެގޮތުގައި ދެމެހެއްޓުމާ އެކު އޮންލައިން ކޮށް ދެވޭނެ އިތުރު ހިދުމަތްތަކެއް ހުރިތޯ ބެލުން.

6- އޮންލައިންކޮށް ދެވެން އޮންނަ ހިދުމަތްތައް އޮންލައިންކޮށް ދިނުމަކީ އާއްމު އުސޫލުކަަމަށް ހެދުން.

7- ލިިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒްކޮަށް، ކަރުދާސް ގެންގުުޅޭ ވަރު މަދުކުރުން.

8- ކޮވިޑާ އެކު ދައުލަތުުގެ އާމްދަނީ ދަށްވެ، ހަަރަދުކުޑަކުރަން ޖެހިފައިވާތީ އޮފީސްތަކުގެ ހަރަދު ކުޑަކުރުން.

ސަރުކާރުގެ އޮފީސްތައް ބަންދުކުރީ، ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މާޗް 12 ގައި އިއުލާން ކުރެއްވި ސިއްހީ ނުރައްކަލުގެ ހާލަތާ އެކު އެވެ. އެކަމަކު، ވަކި ހިސާބަކުން ފެށިގެން ކޮންމެވެސް ވަރެއްގެ ލުޔެއް ދީ، ކޮންމެ ދުވަހެއްގެ ވަކި ވަގުތުތަކެއްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް މުވައްޒަފުން އޮފީހަށް ނުކުމެ އައީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ އޮފީސްތައް ފުރަތަމަ ހުޅުވަން ނިންމީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެކަމަކު ފަހުން އެނިންމުން ބަަދަލުކޮށް އިއްޔެއައި މިއަދު ނުހުޅުވަން ފަހުން ނިންމި އެވެ.