ސައްހަ ޕީޕީއެމަކީ ރައީސް ޔާމީން ފަޅި، އެގޮތަށް ދެމި ތިބޭނަން: އެމްޑީއޭ

ސަރުކާރު ހިންގާ ޕީޕީއެމް ދެ ފެކްޝަނަކަށް ބެހިފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ އެކު ކުރި އަށް ދިއުމުގައި ދެމިތިބޭނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިއަދު ބުނެފި އެވެ.


އެމްޑީއޭގެ ކައުންސިލް ބައްދަލުވުމުގައި ނިންމި ކަންކަން ހާމަކުރަން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވީ ގާނޫނީ ހައިސިއްޔަތުން ޕީޕީއެމަކީ ރައީސް ޔާމީންގެ ޒައާމަތުގައި ހިނގަމުން އަންނަ ޕީޕީއެމް ކަމަށެވެ.

ޕީޕީއެމް ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ހުކުމްކޮށްފަ އެވެ. ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާ ހައި ކޯޓުގައި މިއަދު ވަނީ ފަށައިފަ އެވެ.

މައުރޫފް ވިދާޅުވީ މީގެ ދެ އަހަރު ފަހުން 2018ގައި އޮންނަ ރިޔާސީ އިންތިހާބާ ހަމައަށް ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދެމިތިބުމަށް އެމްޑީއޭ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

"ޝަރުއީ ކޯޓަކުން އަމުރުކޮށްފައި އޮތްއިރު، އަޅުގަނޑުމެން ގަބޫލުކުރަނީ ސައްހަ ޕީޕީއެމަކީ ރައީސް ޔާމީންގެ ޒައާމަތުގައި އޮތް ޕީޕީއެމް ކަމާއި ކައުންސިލް ކަމަށް،" މައުރޫފް ވިދާޅުވި އެވެ.

"ސިޔާސީ މަސްރަހަަކީ އެކި ގޮތަށް ދައުރުވާ އެއްޗެއް، ރައީސް ޔާމީނާ އެކީގައި މި ތިއްބެވީ ކީއްވެގެން ކަން ރައްޔިތުންނަށް އެނގޭ،" ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި ޕީޕީއެމާ އެކު މަސައްކަތް ކުރުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ފަރާތްޕުޅުން ވެސް ސިޓީއެއް ލިބުނެވެ. އަދި އެ ސިޓީތައް ކައުންސިލަށް ހުށަހަޅައިގެން އިއްތިފާގުވީ ރައީސް ޔާމީނާ އެކު ކުރިއަށް ދާން ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުރޫފް ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަން ރައީސް މައުމޫން ސިޓީއަކުން އަންގަވާފައިވާ ކަމަށެވެ. އަދި ސިޔާމް ބޭނުންވެއްޖެ ނަމަ، ރައީސް މައުމޫނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމްޑީއޭގެ ވިސްނުމަކީ ރައްޔިތުންނަށް ތަރައްގީ ހާސިލްކޮށް ދިނުން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނާ އެކީގައި އިހްލާސްތެރިކަމާއި ސާބިތުކަމާ އެކު ދެމިތިބުމަށް ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް ތެރޭގައި އޮތް ހިޔާލު ތަފާތުވުންތަކުގެ ސަަބަބުން ޝަރުއީ ކޯޓުން ވަނީ މަގު ދައްކައިދީފައި. ރައީސް ޔާމީންގެ ލީޑާޝިޕްގެ ދަށުން ޕީޕީއެމްގެ ހުރިހާ ކަމެއް ކުރަން ވަނީ އަމުރުކޮށްފައި. އެހެންކަމުން ގާނޫނީ ގޮތުން ބަލާއިރު ސައްހަ ހަމައެކަނި ގޮތަކީ އެއީ،" މުއިއްޒު ވިދާޅުވި އެވެ.

އެމްޑީއޭއިން ބުނީ ޕީޕީއެމް ތެރޭގައި އޮތް ހިޔާލުތަފާތުވުންތައް ވީހާވެސް އަވަހަކަށް ނިމުމަކަށް އައިސް، އެ ޕާޓީ ކުރިން ހިންގި ގޮތަށް ހިނގަމުންދާ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ އިތުރުން އެމްޑީއޭ ކައުންސިލުން ވަނީ ސަރުކާރުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާ އެކު ބާއްވާ މަޝްވަރާގެ ބައްދަލުވުންތަކުގައި އެމްޑީއޭ ތަމްސީލު ކުރައްވާނެ ތިން ބޭފުޅަކު ކަނޑައަޅާފަ އެވެ. އެއީ އަލީ މައުރޫފްގެ އިތުރުން ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި އެސްޓީއޯގެ ބޯޑުގެ ޑިރެކްޓަރު އައިޝަތު ރަފިއްޔާ އެވެ.