ޖުމައްޔިލްގެ މައްޗަށް ކުރި ރޭޕްގެ ތުހުމަތުގައި އޭރު ނިންމާފައި އޮތީ ދައުވާ ނުކުރަން: ޕީޖީ އޮފީސް

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް އެކްޓަރު ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި ނަމަވެސް ޕީޖީ އޮފީހުން އޭރު ނިންމާފައި އޮތީ ހެކި ނެތުމުން ދައުވާ ނުކުރަން ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.


އުމުރުން 17 އަހަރުގައި އޭނާގެ ދެބެންގެދެދަރި ބޭބެ ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ބުނެ އަންހެނަކު މިއަދު ވަނީ ޓްވިޓާގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީ އޭނާގެ އުދާސްތައް ބޭރުކޮށްލައިފަ އެވެ. މީގެ ތިން އަހަރާ ބައި ކުރިން ޑިސެމްބަރު 2016 ގައި ލިބުނު އެ އަނިޔާ އަށް އިންސާފު ނުލިބުނީ، ވިކްޓިމް ބުނިގޮތުގައި، ޕީޖީ އޮފީހަށް މައްސަލަ ދިޔަ ހިސާބުން، ބާރުގަދަ ބަޔަކު މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން އެ ކަންތައް އޮއްބާލީމަ އެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކޯޓަށް ފޮނުވާ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ނިންމާފައި އޮތް ނިންމުމުގެ ތަފްސީލް މިހާރު ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލައިގައި ޕީޖީ އޮފީހުން އޭރު ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[ވިކްޓިމް] ބުނާ ބުނުން ފިޔަވައި އިތުރު ހެއްކެއް ނެތީމަ ދައުވާކުރެވެން ނެތް ކަމަށް ނިންމާފައި އޮތީ. ދެން އޭގެ ތަފްސީލް ހުންނާނީ ކޭސް ލޮގްގައި. އެ އެއްޗެހި ފިޒިކަލީ ބަލަން ޖެހޭނީ. އެ އެއްޗެހި ބަލަމުން މިހާރު މި ދަނީ. އެއިން އެނގޭނެ އިތުރު މައުލޫމާތު، ކޮން ހެއްކެއްތޯ ހުރީ، ކޯއްޗެއްތޯ ނެތީ، ކިހިނެއްތޯ ވީ،" އޮފިޝަލް ވިދާޅުވި އެވެ.

"ގޯހެއް ހަދާފައި އޮތް ކަމަށް ގަބޫލުކުރެވެންޏާ، ކޯޓަށް ހުށަހަޅައިގެން ސާބިތުކުރެވޭނެ ކަމަށް ގަބޫލުކުރެވެންޏާ އެކަން ކުރާނަން."

އޭރު ޕީޖީއަކަށް ހުންނެވީ އައިޝަތު ބިޝާމެވެ.

ޖުމައްޔިލް ޖިންސީ އަނިޔާކުރި ކަމަށް ބުނެ އަންހެންމީހާ ކޮށްފައިވާ ޓްވީޓްތައް

ޖިންސީ އަނިޔާގެ ތުހުމަތާ ގުޅިގެން ޖުމައްޔިލްގެ ބަހެއް ހޯދަން، "މިހާރު"ގެ ފަރާތުން ނެރޭ "ދޯ" މެގަޒިން އިން ގުޅުމުން އޭނާ ބުނީ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އަނިޔާ ތަހައްމަލްކުރި މީހާ ބުނިގޮތުގައި އެކަން ހިނގި ގޮތް އާއްމުކޮށް ކިޔައިދިނުމުގެ ހިތްވަރު ހޯދީ ވަރަށް އުނދަގުލުންނެވެ. އެއީ އޭނާގެ ހަޔާތުގެ "އެންމެ އަނދިރި" ދުވަހުގެ ގޮތުގައި ސިފަކޮށް އޭނާ ބުނީ "މިއަދާ ހަމައަށް ވެސް، އެ ބިރުވެރި ރޭ، އެ ހާދިސާގެ ކޮންމެ ސިކުންތެއް، އިއްޔެ ވީ ކަމެއް ފަދައިން، ވަރަށް ރަނގަޅަށް ހަނދާން އެބަހުރި" ކަމަށެވެ.

ޖުމައްޔިލްގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އަށް ޕީޖީ ހުސައިން ޝަމީމް ޖަވާބު ދެއްވައި ކުރެއްވި ޓްވީޓް

އެކަމާ ގުޅިގެން ނަފްސާނީ މައްސަލަތައް ދިމާވެ، ސިވިއަ އެންޒައިޓީ އާއި ޑިޕްރެޝަނަށް ފަރުވާ ހޯދަން ޖެހުނު ކަމަށާއި އޭނާ އަދިވެސް އުޅެމުން ދަނީ އެ އަނިޔާގެ އަސަރުތަކުން ސަލާމަތް ނުވެވިގެން ކަމަށް ވެސް ޓްވީޓުގައި ބުންޏެވެ.

"ކަލޭ އަހަރެން ބަރުބާދު ކޮށްލައިފި،" މުޅި ހާދިސާގެ ހުލާސާއެއް ލިއެ ނިންމާލަމުން، މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލްގެ ނަން ވެސް ގެނެސް ތުހުމަތުކުރި އެވެ.