ރިޒާއާ ދެކޮޅަށް ދައުވާކުރަން ޕީއައިއެލްސީން އެހީތެރިވާން ނިންމައިފި

މުސާރަ ނުދީ އެތައް މަހެއް ވެފައިވާތީ ބ. ބޮޑުފިނޮޅުގައި ރިސޯޓު ހަދާ މުވައްޒަފުން، އެ މީހުން މަސައްކަތްކުރާ ކުންފުންޏާ ދެކޮޅަށް ހިލޭ ސާބަހަށް ދައުވާ ކޮށްދޭން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ނިންމައިފި އެވެ.


މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ރައީސް މަރިޔަމް ޝުނާނާ ރޭ ވިދާޅުވީ، އެ މުވައްޒަފުން ބޭނުން ނަމަ ހިލޭ ސާބަހަށް ދައުވާކޮށްދޭން ތައްޔާރަށް ހުރި ކަމަށެވެ.

"އެ މުވައްޒަފުންނާ ވާހަކަ ދައްކައި ބިދޭސީ މަސައްކަތްތެރިންނަށް މަދަނީ ދައުވާ ކުރުމުގައި އެހީތެރިކަން ދިނުމަށް މި ހުރީ ތައްޔާރަށް،" ޝުނާނާ ވިދާޅުވި އެވެ.

އެ މީހުންނާ ބައްދަލުކުރަން ބޮޑުފިނޮޅަށް ދާން ތައްޔާރަށް ހުންނެވި ނަމަވެސް ހާލަތު ގޮތުން، ބ. ތުޅާދުއާ އެއްފަޅެއްގައި އޮންނަ ރަށަށް ދިއުން އެހާ ރައްކާތެރި ނޫން ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު އަންގާފައިވާ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި މިއަދު ހެނދުނު ފުލުހުން ހަރަކާތްރިވަނީ.---ފޮޓޯ: ޕޮލިސް

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އާރުއައި އެކްސް ކުންފުންޏާ ހަވާލު ކޮށްގެން ހަދަމުން އަންނަ ރިސޯޓުގައި 190 ބިދޭސީން މަސައްކަތްކުރެ އެވެ. އެމީހުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވުމުން އިއްޔެ ހަޅުތާލު ފަށައި، ބޮޑު ހަމަނުޖެހުމަކަށް ވަނީ ގޮސްފަ އެވެ. އެކަމަކު، މާލެ އިން ދިޔަ ފުލުހުންގެ ޚާއްސަ ޓީމުން މިއަދު ފަތިހު އެ ރަށަށް އަރައި ވަނީ، ބިދޭސީން ހިފެހެއްޓި 12 ދިވެހިން ސަލާމަތް ކޮށްފަ އެވެ. އެކަމުގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ފުލުހުން ބުނެ އެވެ.

އެކަމަކު، އެ ބިދޭސީން ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށް ރޭ އަނިޔާވެ، ހާލަތު ވަނީ ވަރަށް ބޮޑަށް ސީރިއަސް ވެފަ އެވެ.

ރިޒާ "މިހާރު" އަށް ރޭ ވިދާޅުވީ، މުވައްޒަފުންނަށް މުސާރަ ނުދެވި ލަސްވެގެން ދަނީ، ބޮޑުފިނޮޅުގައި ރިސޯޓު ހަދަން ހަވާލުކުރި ސީލް މޯލްޑިވްސް އިން ދޭން ޖެހޭ ފައިސާ ނުލިބޭތީ ކަމަށެވެ. ނަމަވެސް އެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެ ރަށުގެ މެނޭޖްމަންޓާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.

"ރަށުގެ ވެރިފަރާތާ ވާހަކަ ދައްކައިގެން ވީހާ ވެސް އަވަހެއް ކުރެވޭތޯ، މި ހުރިހާ ދުވަހެއް ވެސް މި ދިޔައީ އެ ބޭފުޅުންނާ އެކީގައި މަޝްވަރާ ކުރުމުގައި. ސީދާ މާދަމާއޭ ބުނާކަށް ނުކެރޭނެ. ވީހާ އަވަހަކަށް ހައްލުކުރަން މަސައްކަތް އެބަ ކުރަން،" މުސާރަ ދެވޭނެ ދުވަހަކާ ގުޅޭ ގޮތުން ރިޒާ ވިދާޅުވި އެވެ.