ބިދޭސީންގެ މުސާރައިގެ މައްސަލަ ހައްލުކުރަން ޕްރޮޖެކްޓް އިންޝުއާ ކުރުމުގެ ވިސްނުން އެބަހުރި: ފައްޔާޒް

އެކިއެކި މަޝްރޫއުތަކަށް ބިދޭސީ މަސައްކަތު މީހުން ގެނެސް، ބައެއް ސަބަބުތަކާ ހެދި އެ މީހުންނަށް މުސާރަ ނުދެވޭ މައްސަލަ ބޮޑު ކަމަށާއި އެކަން ހައްލުކުރުމުގެ ވިސްނުންތަކެއް ސަރުކާރުގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވި ގޮތުގައި، މި މައްސަލަ އެކި ގޮތްގޮތަށް އެބަ ދިމާވެ އެވެ.

"އަޅުގަނޑުމެންނަށް ފެނުނު އެއް ކޭސްގައި، މަސައްކަތުގެެ ކޮންޓްރެކްޓް ނަގާފައިވާ މީހުންނަށް ވެރިފަރާތުން ފައިސާ ނުލިބިގެން އުޅޭ މައްސަލަ ވެސް އެބަ އުޅޭ. އެހެންވީމަ ތިން ހަތަރު ފަސް މަަސް މުސާރަ ނުދެވި އެބަހުރި،" މިދިޔަ ހަފުތާގައި 'މިހާރު' އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

"މިހެންވީމަ ދެން ދިމާވާ މައްސަލައަކީ އެ މަޝްރޫއުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުދެވި ކާންބޯން ވެސް ނުދެވޭ ހާލަތަކަށް މި ދަނީ. އަޅުގަނޑުމެން މި ކަމުގައި ވަރަށް ގިނަ ގޮތްގޮތަށް ވިސްނައިފިންް ކިހިނެއްތޯ ހެދޭނީ."

ފައްޔާޒް ވިދާޅުވި ގޮތުގައި، މިކަހަލަ ކަމެއްގައި ސަރުކާރަށް ވެސް ކުރެވޭނެ ކަމަކީ އެ މީހުންގެ ޑިޕޮސިޓް ފައިސާ އިން އަނބުރާ ގައުމަށް ފޮނުވާލުން އެކަންޏެވެ.

"އެކަމަކު އެ މީހުންގެ މުސާރައެއް ސަރުކާރަށް ދެވޭނެ ގޮތެއް ނޯންނާނެ. އަނެއްކޮޅުން އެ މީހުންނަށް މުސާރަ ވެސް ދޭން އެބަ ޖެހޭ. ކޮންޓްރެކްޓަރުގެ އަތަކު ފައިސާއެއް ނުހުރޭ. އޭނާ އަށް ފައިސާ ދޭން ޖެހޭ ފަރާތުން ފައިސާއެއް ނުދޭ. ކޮންޓްރެކްޓް ހިންގާ މީހާގެ އަތަކު ފައިސާ ނުހުރޭ އެހެން ބައެއް ސަބަބުތަކާ ހެދި. މިކަހަލަ ކަންކަން މި ދިމާވަނީ،" ފައްޔާޒް ވިދާޅުވި އެވެ.

މިކަހަލަ މައްސަލަތަކުގެ ހައްލަކީ ކޮބައިތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެއް ވިސްނުމަކީ ބިދޭސީން ގެންނަ ޕްރޮޖެކްޓްތައް އިންޝުއާ ކުރުން ކަމަށެވެ.

"އެއީ މީގެ މައިގަނޑު އެއް ވިސްނުން. ކޮންމެ ގޮތެއް ވިޔަސް މީގެ ހައްލަކަށް ދާން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

މިކަހަލަ މަޝްރޫތައް ފެށުމުގެ ކުރިން ވަކި އަދަދެއްްގެ ޑިޕޮސިޓެއް ސަރުކާރުގައި ބެހެއްޓިދާނެ ނޫންތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ގައުމުގެ އިގްތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ ސަރުކާރުގެ ތެރޭގައި ތާށިކޮށްފައި ބެހެއްޓުމަކީ ވިސްނުމެއް ނޫން ކަމަށެވެ. އޭރުން އިގްތިސާދީ ހަރަކާތްތަކަށް ބުރޫ އަރައި، މަޝްރޫއު ހިންގާ މީހުން އިތުރަށް ތާށިވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ހާދިސާ އަށް އިޝާރާތް ކުރައްވައި ފައްޔާޒް މިއަދު ވިދާޅުވީ އެ މައްސަލައިގައި ސަރުކާރަށް ކޮށްދެވޭނެ ކަމަކީ މެދުވެރިއެއްގެ ބައި އަދާކުރުން ކަމަށެވެ.

"އެ ބިދޭސީންނަށް ފައިސާ ނުދެވިގެން އުޅޭ މައްސަލަ އަކީ އަޅުގަނޑުމެންނަށް ވެސް ކުޑަ ދުވަސްކޮޅެއް ކުރިން އެނގިފައި އޮތް ކަމެއް. އެކަމަކު މީގައި އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން ކޮށްދެވިދާނެ ކަމެއް މާ ބޮޑު ކަމެއް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހާލަތުގައި މިކަހަލަ މައްސަލަތައް އިތުރަށް ދިމާވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ބިދޭސީންނަށް ވާތީ، މިކަހަލަ ކަމެއްގައި އެ މީހުން ދާނެ ތަނަކާއި ކައިބޮއި އުޅޭނެ ގޮތެއް ނެތިގެން އުޅެން ޖެހުމަކީ އެންމެ ހިތާމަވެރި އެއް މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން މީހުން ލައްވާ މަސައްކަތް ކުރުވުމަށް ފަހު އެ މީހުންގެ މުސާރަ ނުދިނުމުގެ މައްސަލަތައް މިހާރު ދަނީ ގިނަވަމުންނެވެ. އޭގެ ތެރެއިން އިއްޔެ ދިމާވި މައްސަލައެއްގައި، ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރާ 200 ވަރަކަށް ބިދޭސީންގެ ހަ މަހުގެ މުސާރަ ނުދީގެން އެ މީހުން ވަނީ އެ ރަށުގައި ތިބި ދިވެހިންތަކެއް ރަހީނުކޮށްފަ އެވެ. އެ މައްސަލަ ބޮޑުވެ، އެ ރަށުގައި ހިނގި ހަމަނުޖެހުމުގައި ރަށުގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ މައްސަލަ ހައްލު ކުރުމަށް ޓަކައި ރެއާއި މިއަދު ހެނދުނު ފުލުހުންގެ ޓީމްތަކެއް ވަނީ ގޮސް މައްސަލަ ހަމައަކަށް އަޅުވައިފަ އެވެ. ހަމަ މި އަހަރުގެ ތެރޭގައި، ބިދޭސީންގެ މުސާރައިގެ މައްސަލައިގައި ފުލުހުންނާ ބިދޭސީ މަސައްކަތު މީހުންނާ އެހެން ކުރިމަތިލުމެއް ވެސް އޮތީ ހިނގައިފަ އެވެ. އަދި އެހެން ކުންފުންޏަކުން ގެންގުޅޭ ބިދޭސީންތަކަކަށް މުސާރަ ނުދިނުމުގެ މައްސަލައިގައި އެ މީހުން ތިން ފަހަރެއްގެ މަތިން ވަނީ މުޒާހަރާކޮށްފަ އެވެ.