މީހުން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުން އޯކޭ ވުމަކީ ގައުމަށް ޣައްދާރުވުން: މާރިޔާ

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑު ފިނޮޅުގައި ބިދޭސީ މުވައްޒަފުންތަކެއް ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކުރުން އެއީ ރަނގަަޅު ކަމެއް ކަމަށް ދެކުމަކީ ގައުމަށް ޣައްދާރުުވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


އިއްޔެ ހެނދުނު ކުރެއްވި ޓްވީޓެއްގައި މާރިއާ ވިދާޅުވީ ބިދޭސީންގެ ހައްގު ހޯދަން ރާއްޖޭގެ ކޯޓުތަކާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ލެބާ ރިލޭޝަންސް އޮތޯރިޓީ އަދި އެ ނޫން ވެސް މުއައްސަސާތައް އެބަހުރި ކަމަށެވެ.

"ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށްް މުދަލަށް ގެއްލުން ދިނުން އެއީ މުސާރަ ނުލިބުމުން އޯކޭ ކަމުގައި ދުށުން އެއީ ގައުމަށް ޣައްދާރުވުން ކަމަށް ޣައްދާރުވުން ކަމަށް އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި މާރިއާ މިހެން ވިދާޅުވީ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބިދޭސީންނަކީ އެތައްް މަހެއް ވަންދެން މުސާރަ ނުދީ ބައިތިއްބާފައި ތިބި ބައެއްކަން އެނގުމުން، އެމީހުން ގެންގުޅޭ ކުންފުންޏަށް ފާޑުކީ ބައެއް މީހުން، ޓްވިޓާގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވުމަށެވެ. ބިދޭސީން ހިންގި ހަމަނުޖެހުމުގެ ސަބަބަކީ މުސާރަ ނުދީ އެމީހުން ލައްވާ މަސައްކަތް ކުރުވުން ކަަމަށް ބުނެ އެތައް ބަޔަކު މިއަދު ނުރުހުން ފާޅުކުރި އެވެ.

މާރިއާގެ ޓްވީޓަށް ވެސް ބައެއް މީހުން ރައްދު ދިނެވެ. އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ ހައްގު ހޯދަން ދާން ދެއްކެވި މުއައްސަސާތަކުގެ ލިސްޓަށެވެ. އެ ތަންތަނުން ދިވެއްސަކަށްް ވެސް އިންސާފު ނުލިބޭ އިރު، ބަސް ވެސް ރަނގަޅަށް ނުދަންނަ ބިދޭސީންގެ ބަޔަކު އިންސާފު ހޯދާނީ ކިހިނެތްތޯ ބައެއް މީހުން ސުވާލުކުރި އެވެ.

ހިއުމަން ޓްރެފިކިން ކަަމަށް ބެލެވޭ ގޮތަކަށް ބިދޭސީން ގެންގުޅުނު މައްސަލަ މާރިޔާ ކުށްވެރި ނުކުރެއްވުމުން ވެސް މީހުން ފާޑުކިއެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކުރީ އެ ރަށުގެ ބައެއް މަސައްކަތްތައް ކުރަން ހަވާލުވެފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 ވަރަކަށް ބިދޭސީ މުވައްޒަފުންނެވެ.

ރިޒް އަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.

ރިޒާގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީން ހަމަނުޖެހުމަކަށް ދިޔައީ މުސާރަ ނުދީ، ބޮޑުފިނޮޅުން ފޭބިޔަވެސްް ނުދީ ތިބޭތާ އެތައް މަހެއް ވީ ފަހުން ކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން ރޭ ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އެކަމުގެ ޒިންމާ އެކުންފުނިން އެޅުވީ ޑިވެލޮޕަރު، ސީލް މޯލްޑިވްސްގެ ބޮލުގަ އެވެ. މީހުންނަށް މުސާރަ ނުދެވުނީ ސީލް އިން ޕޭމަންޓްތައް ނުދީގެން ކަމަށް ބުންޏެވެ.

އެކަމަކު ސީލް މޯލްޑިވްގެ ވަކީލުން މިއަދު ބުނީ އެއީ ދޮގެއް ކަަމަށާއި ރިޒް މޯލްޑިވްސް އަށް ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ވެސް ފައިސާ ދީފައިވާ ކަމަށެވެ