ދަތުރުކުރަން ޔޫކޭ އިން ލުއިދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭ

ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިނގިރޭސި ވިލާތުން، ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި ލުއިތަކެއް ދޭން ނިންމިއިރު އޭގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ.


އެހެން ގައުމުތަކުން އިނގިރޭސި ވިލާތަށް މިހާރު ދަތުރުކުރާ މީހުން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހެ އެވެ. ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން 59 ގައުމަކުން އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީނުގައި ތިބެން ނުޖެހޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއީ ކޮވިޑް-19 މިހާރު ކޮންޓްރޯލް ކޮށްފައިވާ ގައުމުތަކެވެ. އޭގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ.

އެ ލިސްޓްގައި ރާއްޖެ ނުހިމެނުނުއިރު ޓޫރިޒަމްގެ މަގުބޫލު މަންޒިލްތައް ކަމަށްވާ މޮރިޝަސް، ސީޝެލްސް ފަދަ ގައުމުތައް ޔޫކޭގެ ލިސްޓުގައި ހިމެނެ އެވެ. އަދި އޭޝިއާ ސަރަހައްދުން ޖަޕާނާއި ވިއެޓްނާމާއި ހޮންކޮންގް ފަދަ ގައުމުތަކަށް ވަނީ ލުއި ދީފަ އެވެ.

އިނގިރޭސި ވިލާތުން ދަތުރު ކުރުމަށް ލުއިދިން ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ބޮޑެތި ގައުމުތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޖަރުމަނާއި ގްރީސް، ޑެންމާކް އިޓަލީ ފަދަ ގައުމުތައް ހިމެނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާނީ މި މަހުގެ 15 ގަ އެވެ.

ޗުއްޓީ އަށް އެކި ގައުމުތަކަށް ދާން ބުކިން ހައްދާ މީހުންގެ އަދަދު އިނގިރޭސި ވިލާތުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހައްދާފައިވާ ބުކިން ކަމަށް އިނގިރޭސި ވިލާތުގެ މީޑިއާތަކުން މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ މި އަހަރު ޗުއްޓީ ހޭދަކުރަން އެކި ގައުމުތަކަށް ދިއުން ރައްކާތެރި ނޫން ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ. އެހެންވެ އަންނަ އަހަރު "އެކްސްޓްރާ ސްޕެޝަލް" ޗުއްޓީއެއް ހޭދަކުރަން މިހާރުން ފެށިގެން ގިނަ ބަޔަކު ފައިސާ އެއްކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.