ތިނަދޫ ފަޅުގައި ހުރި ދޯނިތައް އުދަޔާ އެކު "އެއްގަމަށް"

މޫސުން ގޯސްވެ، ބޮޑު ދިޔައިގައި ގދ. ތިނަދޫ އަށް ވަރަށް ބޮޑަށް މިއަދު އުދަ އަރައިފި އެވެ.


އާންމުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި އުދައިގެ އުސް ބާނިތަކާ އެކު، ފަޅުގައި ހުރި އުޅަނދުތައް ފަޅުގެ ތޮށިގަނޑާ ހަމަ އަށް އުފުލި ތޮށިގަނޑުގައި ގޮސް ޖެހެ އެވެ. އުޅަނދުތައް ސަލާމަތްކުރަން މީހުން ދިޔައީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ އަމްޖަދު "މިހާރު" އަށް ވިދާޅުވީ، މޫސުން ގޯސްވާ ކޮންމެ ފަހަރަކު އެ ރަށަށް އުދައަރާ ކަމަށެވެ. ނަމަވެސް ވިދާޅުވީ މިއަދު އުދަ އެރި ވަރަށް އާންމުކޮށް އުދަ ނާރާ ކަމަށެވެ.

އުދަ އެރުމުން ލޮނުގަނޑު ހެދުނަސް ރަށު ތެރެއަށް ނުފެތުރޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ގޮނޑުދޮށާ ކައިރީގައި ހުންނަ ފިހާރަތަކާއި ސަރުކާރުގެ އޮފީސްތަކަށް ކޮންމެ ވެސް ވަރަކަށް ލޮނުގެ އަސަރުކުރާ ކަމަށާއި އެކަމަށް ތައްޔާރުވާން ކޮންމެ ފަހަރަކު ވެސް ދޮރުތައް ކުރިމަތީ ވެލި ބަސްތާ ޖަހާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުދަ އަރާ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މީގެ ކުރިން މަޝްވަރާކޮށްފައިވާ ކަމަށް އަލީ ވިދާޅުވި އެވެ. އަދި އެ ރަށުގައި ބޭރު ތޮއްޓެއް ލައިދިނުމަށް އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އެކި ފަހަރު މަތިން، އުދަ އެރުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭން އެދިފައި ވާނެ. ރައީސްގެ އަރިހުން ވެސް ވާނީ އެދިފައި،" އަލީ ވިދާޅުވި އެވެ.

އުދަ އެރި ވަގުތު މީހަކު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ފަޅުތެރޭގައި ހުރި ދޯނިތައް ބަނދަރުގެ އެއްގަމު ތޮށިގަނޑުގައި ކޮންމެ ރާޅަކާ އެކު ގޮސް ޖެހެ އެވެ. އަދި ރަށުގެ މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރު ވެސް މި ވީޑިއޯ ނެގި މީހާ ހިއްސާކޮށްފައިވެ އެވެ.

"ހޮސްޕިޓަލް ހުންނަ މަގުގައި މިފަހަރު ވަރަށް ބޮޑަށް ފެންބޮޑުވި،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިޔަވަރު ބޮޑުވެ އުދަ އަރާ ވަގުތުތަކުގައި އޮޑިދޯނިފަހަރަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށެވެ. އަދި ދޯނިތައް މަރާމާތުކުރަން ޖެހޭ ހާލަތަށް ގޮސް ބައެއް ދޯނިތަކަށް މަހަށް ނުފުރި ތިބެންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މާދަމާ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އުދަ އެރުން އެކަށީގެންވާ ކަމަށެވެ.