ހޯމް މިނިސްޓަރު އުޅުއްވާ ފްލެޓް ކައިރީ މުޒާހަރާކޮށް ޔާމީން މިނިވަންކުރަން ގޮވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުޅުމާލޭގައި ދިރިއުޅުއްވާ ފްލެޓް ކައިރީގައި އިދިކޮޅު ކޯލިޝަނުން މިރޭ މުޒާހަރާ ކޮށްފި އެވެ.


މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެކު އެ މަނިކުފާނު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެ މަނިކުފާނު ގެއަށް ބަދަލުކުރަން އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ.

ހުޅުމާލޭގައި އިމްރާން ދިރިއުޅުއްވާ ގެ ކައިރީގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން މިރޭ ކުރި މުޒާހަރާގައި ޔާމީން މިނިވަން ކުރުމަށް ގޮވާލުމުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާންގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވައިފަ އެވެ. އަދި މިއީ މުޒާހަރާތަކާއި އިދިކޮޅު ހަރަކާތްތަކުގެ ފެށުމެއް ކަމަށް ވެސް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރަން ގޮވާލައި، މުޒާހަރާ ކުރިއިރު އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވެ، އަމިއްލަފުޅަށް ހިންގަވައި އުޅުއްވަން ވެސް ދަތިވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފައިވެ އެވެ. އަދި އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމަށާއި ސަރުކާރު ދެވަނަ ވިސްނުމަކަށް ދާންޖެހޭ މިންވަރަށް ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެ އެވެ.