ކޮވިޑް-19: އައިޖީއެމްއެޗުގެ ކްލަސްޓާ ބޮޑުވަނީ

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ފުރަތަމަ އަމަލުކުރަން ފެށި އުސޫލު ދޫކޮށްލުމުން، އެ ހޮސްޕިޓަލްގެ ތެރެއިން ބަލި ޖެހުނު މީހުންނާއި އެ މީހުންގެ ކޮންޓެކްޓުން ހިމެނޭ ކްލަސްޓާ ބޮޑުވާން ފަށައިފި އެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އައިޖީއެމްއެޗުގެ އެހެން ދެ މުވައްޒަފަކާއި ވަަރަށް ފަހުން ހޮސްޕިޓަލުން ދޫށްލި ދެ ބަލިމީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަަމަށެވެ.

"މިހާތަނަށް އެހެންވީމާ އައިޖީއެމްއެޗުގެ މި ކޭސްއާ ގުޅިގެން ހަ ސްޓާފުންނާއި ހަތް ޕޭޝަންޓުންނާއި އަދި ދެ އެހީތެރިން ވަނީ ޕޮޒިޓިވްވެފައި،" ނަޒްލާ ވިދާޅުވި އެވެ.

އެހެންވެ، އައިޖީއެމްއެޗުން މި ފަހަރު ކޮވިޑް-19 ޖެހުުނު މީހުންގެ ޖުމުލައަކީ 15 އެވެ.

އޭގެ ތެރޭގައި ހިމެނޭ ދެ އެހީތެެރިންގެ ތެރެއިން އެކަކީ ހުޅުމާލޭގައި ހުންނަ، ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގެ މުވައްޒަފެކެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ފިޔަވަތީގެ އެ މުވައްޒަފު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އޭނާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 21 ކުއްޖަކާއި ފިޔަވަތީގެ 11 މުވައްޒަފަކު ވެސް މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ ކުދިންނާއި މީހުން ކަރަންޓީނު ކޮށްފައި ތިބީ ފިޔަވަތީގަ އެވެ.

އައިޖީއެމްއެޗުން ބަލި ޖެހުނު މީހުންނާ ކޮންޓެކްޓް ވެދާނެ އެންމެންގެ ސާމްޕަލް އަންނަނީ ނަގަމުންނެވެ. އެގޮތުން މިހާތަނަށް 308 ސާމްޕަލެއް ނަގާފައިވާ ކަމަށް ނަޒްލާ ރޭ ވިިދާޅުވި އެވެ. އިތުރު ސާމްޕަލްތައް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

"އިތުރަށް ކޭސްތައް ފެންނަ ވަރަކަށް އަޅުގަަނޑުމެން ހަމަ އިތުރަށް ކޮންޓެކްޓް ޓްރޭސިން އާއި ޓެސްޓިންގެ ކަންތައް ކުރިއަށް ގެންދާނަން،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އައިޖީއެމްއެޗުގައި ފުރަތަމަ އަމަލުކުރަމުން އައި ގޮތަކީ، އެޑްމިޓްކުރާ އެންމެން ކޮވިޑަށް ޓެސްޓް ކުރުމެވެ. މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުމާ އެކު، އަމަލުކުރަން ފެށި މި އުސޫލު ސާކިއުލާއަކުން ލުއިކޮށްލީ، އެނގިފައިވާ ގޮތުގައި، ކޮވިޑް ޓެސްޓުކޮށް، ނަތީޖާ ލިބެންދެން ކުޑަކުއްޖެއްގެ ސާޖަރީއެއް ހެދުން މަޑުޖައްސައިލުމުން، އެ ކުއްޖާގެ ގުނަވަނެއް ނަގަން ޖެހުނު ހާދިސާއާ ގުޅިގެންނެވެ. އެކަމަކު، ހޮސްޕިޓަލްގައި ބަލިި ފެތުރެން ފެށުމުން މިހާރު ވަނީ ކުރިން އޮތް ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.