މުސާރަ ނުދިން މައްސަލައިގައި ބިދޭސީން މުޒާހަރާކޮށް، ފުލުހުންގެ ފްލެޓުތަކަށް ގެއްލުންދީފި

ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓްސްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި އެ މީހުން މިއަދު ވެސް މުޒާހަރާކޮށް، އެ ފްލެޓްތަކުގައި ހުރި މުދަލާއި އިމާރާތްތަކަށް ގެއްލުން ދީފި އެވެ.


ތައިލެންޑުގެ އެ ކުންފުނީގެ މަސައްކަތު މީހުންނަށް މުސާރަ ނުދޭ މައްސަލައާ ގުޅިގެން، އެ މީހުން ވަނީ މިދިޔަ މަހުގެ 25 ގައި ވެސް މުޒާހަރާކޮށްފަ އެވެ. މި ކަމަށް ހައްލެން ހޯދަން، އެ ކުންފުނީގެ އިސްވެރިންނާ 80 ވަރަކަށް މުވައްޒަފުން މިއަދު ބައްދަލުކޮށްފައިވާ ވެސް ވެ އެވެ. ދެ ފަރާތުން އެއްބަސްވެފައި އޮތީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މުސާރަ ދިނުމާ ގުޅޭ ކަންކަމުގައި ނިންމާ ގޮތެއް އެންމެ ލަސްވެގެން މި މަހުގެ 10 ގެ ކުރިން ބިދޭސީންނަށް އެންގުމަށެވެ.

ނައުޓީމަޓޮކްސް ޓްވިޓާ ގައި މިއަދު ކުރި ޕޯސްޓެއް

އެގޮތަށް އެއްބަސްވެފައި ވަނިކޮށް، 50 ވަރަަކަށް ބިދޭސީން އަނެއްކާ ވެސް ހުޅުމާލޭގެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރީ އެވެ. އެނގިފައިވާ ގޮތުގައި، މުޒާހަރާ ކުރަމުން ގޮސް އެ މީހުން ވަނީ އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ފްލެޓްތައް ހުންނަ ސަރަހައްދަށެވެ. އެތަނުގައި ހުރި ބައެއް އެއްޗެހިތައް ވައްޓައިލާ، މުދަލަށް ގެއްލުން ދިން ކަމަށް ވެ އެވެ. އެ މީހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުން ހިނގި މަންޒަރު ވެސް އާންމު ވެފައިވާ ބައެއް ވީޑިއޯތަކުން ފެނެ އެވެ.

ފުލުހުން ބުނީ، އައިލެންޑް އެކްސްޕާޓްސްގެ އޮފީސް ކުރިމައްޗަށް އެއްވި ބިދޭސީންނާ ފުލުހުން ވާހަކަ ދެއްކުމަށް ފަހު، އެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރި ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން، އެ އިމާރާތުގެ ކުރިމަތީގައި އެއްވެފައި ތިބި ބިދޭސީން އެ ސަރަހައްދުން ދުރަށް ގެންދަން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ.

ސިފައިންނާ ފުލުހުންގެ ފްލެޓުތައް އިމާރާތްކުރާ އައިލެންޑް އެކްސްޕާޓުގެ މަސައްކަތު މީހުން ވަނީ މުސާރަ ނުލިބިގެން އޭޕްރީލް 23، 2018 ވެސް އިހުތިޖާޖު ކޮށްފަ އެވެ. އޭރު ވެސް ތިން މަހުގެ މުސާރަ ނުލިބޭ ކަމަށް އެ މީހުން ބުނެފައި ވެ އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ ގެންގުޅުނު މައްސަލައިގައި، އެ ރަށުގައި މަސައްކަތްކުރި ބިދޭސީންތަކެއް ވަނީ ވަނީ މިދިޔަ ހަފުތާގެ ބަންދުގައި އެ ރަށުގައި ހަމަނުޖެހުން ހިންގައިފަ އެވެ. ކޮންޓްރެކްޓަރެއްގެ ގޮތުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާ އެވެ. ސައްހަ ލިޔެކިޔުމެއް ނެތް ބިދޭސީންތަކެއް ލައްވައި އެ މަސައްކަތް ކުރުމުން، މެމްބަރު ރިޒާގެ ރިޒް ކުންފުންޏަށް ފުލުހުން ވެސް ވަނީ ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ،

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދީގެން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މުޒާހަރާތަކާއި އިހުތިޖާޖުތަކާ އެކު، ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.