އެކެއްގެ ޝަކުވާ: މުސާރަ ނުދޭތާ ހަތް މަސް، ގައިން ތާހިރުވެވޭނެ ގޮތެއް ވެސް ނެތް!

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަތާ އަށް އަހަރުވީ އިމާރާތްތަކުގެ މަސައްކަތުގައި އުޅޭ ބިދޭސީ މުވައްޒަފުންގެ ޝަކުވާތައް މިހާރު ވަނީ ކޮޅުން ލައިފަ އެވެ. އޭގެ ތެރެއިން އެކެއްގެ ވާހަކަތަކުން ވެސް، އެމީހުން ތިބި ނިކަމެތި ހާލު އެނގެ އެވެ.


އިއްޔެ އެމީހުން ކުރި މުޒާހަރާއެއްގައި ބައިވެރިވި އިންޑިއާ މީހަކު، ހިންދީ ބަހުން ވާހަކަ ދައްކަމުން ރުޅިވެރިކަމާ އެކު ބުނީ، މުސާރަ ނުލިބޭތާ ހަތް މަސް ވެއްޖެ ކަމަށާއި ގައިން ތާހިރުވެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

ޖުމުލަ 14 ބުރީގެ އެ އިމާރާތްތައް ހަދަމުން އަންނަނީ ތައިލެންޑް ބައެއްގެ ހިއްސާ އޮންނަ އައިލެންޑް އެކްސްޕާޓްސް އިންނެވެ. މުސާރަ ނުދީ އެތައް މަހެއް ވުމުން އުފެދުނު ހިތްހަމަނުޖެހުންތަކުގައި އިއްޔެ މުޒާހަރާކޮށް ފްލެޓްތަކުގައި ހުރި މުދަލަށް ވެސް ގެއްލުންދިނެވެ.

މުސާރަ ނުލިބޭތީ މިދިޔަ މަހުގެ 25 ގައި ވެސް ވެސް ބިދޭސީން މުޒާހަރާކުރި އެވެ.

އޭގެ ތެރެއިން 80 ވަރަކަށް މުވައްޒަފުން ވަނީ އައިލެންޑް އެކްސްޕާޓްސްގެ އިސް ވެރިންނާ ބައްދަލުކޮށްފަ އެވެ. ދެ ފަރާތުން އެއްބަސްވެފައި އޮތީ މުސާރަ ދިނުމާ ގުޅޭ ކަންކަމުގައި ނިންމާ ގޮތެއް އެންމެ ލަސްވެގެން އަންނަ ހުކުރު ދުވަހުގެ ކުރިން އަންގާށެވެ.

އިއްޔެ މުޒާހަރާ ކުރި އެކެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެމީހާ ބުނާ ގޮތުން މުސާރަ ނުލިބޭތާ ހަތް މަސް ވެއްޖެ އެވެ. ގައިން ތާހިރުވާން ދަތް އުނގުޅާ ބޭހާއި ސައިބޯންޏެއް ވަރު ވެސް އަތުގައި ނެތް ކަމަށް އޭނާ ބުންޏެވެ.

"މިއީ ކިހިނެއް ކުންފުނި ހިންގާ ބައެއް؟ ފުލުހުން ވެސް އެކަމާ ގުޅިގެން އެއްވެސް ކަމެއް ނުކުރޭ. ދެން އަހަރެމެން ކީއް ކުރާނީ؟" އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

މީގެ ކުރިން ބޭއްވި މުޒާހަރާގައި ބައިވެރިވި ބިދޭސީއަކު "މިހާރު" އަށް ބުނީ ބައެއް މީހުންނަށް މުސާރަ ނުދޭތާ ހަތް މަސް ވެއްޖެ ކަމަށެވެ. ކޮންމެ މަހެއް ނިމޭއިރަށް އަންނަ މަހު މުސާރަ ދޭނަމޭ ބުނާ ކަމަށާއި އެކަމަކު އެެހެން ނުވާ ކަމަށް އޭނާ ބުންޏެވެ.

ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލަ މިހާރު ބޮޑެވެ. އެގޮތުން ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަސް ވެ، އެ މީހުން ވަނީ އެ ތަނުގައި ތިބި ދިވެހިންތަކެއް ރަހީނު ވެސް ކޮށްފަ އެވެ. ރަށުގެ މަސައްކަތް ކުރަމުން އަންނަ، ރައްޔިތުންގެ މަޖިލިހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ވެސް ވަނީ ކޮށްފަ އެވެ.