ބ. ފެހެންދޫ ދަރިވަރުންނަށް އިންޑިއާ އިން ފެރީއެއް ހަދިޔާކޮށްފި

ބ. ފެހެންދޫ ދަރިވަރުންނަށް އިންޑިއާ ސަރުކާރުން ހަދިޔާކުރި ފެރީ، އެޑިއުކޭޝަން މިނިސްޓްރީއާ މިއަދު ހަވީރު ހަވާލުކޮށްފި އެވެ.


އިއްޒުއްދީން ފާލަމުގައި ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ފަރާތުން މި ސްކޫލް ފެރީއާ ހަވާލުވެވަޑައިގަތީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިއާޒެވެ. މި ފެރީ ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރެއްވި ޓްވީޓެއް

މި ރަސްމިއްޔާތު ފެހެންދޫގައި ކުރިއަށް ނުގެންދެވުނީ، ކޮވިޑް-19 އިން ރައްކާތެރިވާން ދަތުރުފަތުރުކުރުން މި ދުވަސްވަރު މަޑުޖައްސާލާފައި ވުމުންނެވެ.

މި ފެރީ ހަވާލުކުރުމުގެ ކުރިން، ފެހެންދޫ ދަރިވަރުން ބޭނުންކުރަމުން ދިޔައީ ހިޔާނުކޮށް އޮންނަ ކުޑަ ޑިންގީ އެކެވެ. އެ ރަށުގެ އާބާދީ ކުޑަވުމުން އެ ރަށު ސްކޫލުގައި ކިޔަވައިއެއް ނުދެ އެވެ. ފެހެންދޫ ދަރިވަރުން ކިޔަވަން ދަނީ، އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދު އަށެވެ.

އިންޑިއާ ސަރުކާރުން ފެހެންދޫ ދަރިވަރުންނަށް ހަދިޔާކުރި ފެރީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ، އިންޑިއާ އިން ރާއްޖެ އަށް މިދިޔަ އަހަރު ހަދިޔާ ކުރި 106 މިލިއަން ރުފިޔާ ގްރާންޓުން، 2.5 މިލިއަން ރުފިޔާ ހޭދަކޮށްގެން ބަނދެފައިވާ ފެރީ އެކެވެ.

ފެރީ ހަވާލުކުރި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މި ފެރީއާ އެކު އެ ރަށު ދަރިވަރުންނަށް ތައުލީމު ހާސިލްކުރަން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ ކަމަށެވެ.

"ޒަމާނީ ފެރީއާ އެކު، ފެހެންދޫ ދަރިވަރުންނަށް އުފާވެރި އަދި ރައްކާތެރި ދަތުރެއް ކުރެވޭނެ ކަން ކަށަވަރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޒުއްދީން ޖެޓީގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފެެހެންދޫ ދަރިވަރުންނަށް ފެރީއެއް ހަދިޔާކުރީތީ އިންޑިއާ ސަރުކާރަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އިންޑިއާ ސަފީރު ސަންޖޭ ސުދީރު މި ރަސްމިއްޔާތުގައި ވިދާޅުވީ، ފެހެންދޫ ދަރިވަރުންނަށް މި ކަމުގައި އެހީވެވުނީތީ އުފާކުރައްވާ ކަމަށެވެ.

"މި ފެރީގެ ސަބަބުން ފެހެންދޫ ކައުންސިލަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ. އެކަމަށްޓަކައި އަޅުގަނޑު އުފާކުރަން،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން މިދިޔަ އަހަރު ދިން 106 މިލިއަން ރުފިޔާގެ އެހީގައި، އިތުރު 17 މަޝްރޫއެއް އެކި ރަށްރަށުގައި ކުރިއަށް ގެންދާ ކަމަށް ސަންޖޭ ވިދާޅުވި އެވެ. އަދި އެ ގައުމުން ދީފައިވާ 86 މިލިއަން ރުފިޔާގެ އެހެން ގްރާންޓެއްގެ ދަށުން، އިތުރު ނުވަ މަޝްރޫއެއް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.