ފުލުހުން ބިދޭސީންގެ އެއްވުމެއް ހުއްޓުވައިފި

ބިދޭސީން ލައްވާ މަސައްކަތްކުރުވުމަށް ފަހު އެ މީހުންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް ބޮޑުވެ، ނުރުހުން ފާޅުކުރުން އިތުރުވެފައި ވަނިކޮށް މިއަދު ހަވީރު ބިދޭސީންގެ ބަޔަކު އާޓިފިޝަލް ބީޗަށް އެއްވެއްޖެ އެވެ.


އެ ސަރަހައްދަށް އެއްވީ ވެސް މުސާރައިގެ މައްސަލާގައި ޝަކުވާކުރި ބަޔަކު ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ހަމަނުޖެހުން ހިންގައި އަޑު އުފުލުން ފަދަ އެއްވެސް ކަމެއް ނުކުރެ އެވެ. އެތަނަށް 200 ވަރަކަށް މީހުން އެއްވުމާ އެކު ފުލުހުން ގޮސް އެކަން ވަނީ ހުއްޓުވައިފަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ ބިދޭސީންގެ ބަޔަކު އެއްވުމާ އެކު ފުލުހުން ގޮސް އެ މީހުންނާ ވާހަކަ ދެއްކުމުން އެ މީހުން ދިޔައީ ކަމަށެވެ.

މުސާރަ ނުދީ ބިދޭސީން ލައްވާ މަސައްކަތްކުރުވުމުގެ މައްސަލަ އަބަދުވެސް އޮވެ އެވެ. ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް ހިންގާ ޕްރޮޖެކްޓާ ހަވާލުވެގެން އުޅުނު ރިޒް ކުންފުނީގެ ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި އެ ރަށުގައި 13 ދިވެއްސަކު ރަހީނުކޮށް މުދަލަށް ގެއްލުން ދިން މައްސަލަ ބޮޑުވެފައި ވަނިކޮށް ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އަޅާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުން ވެސް ވަނީ މުސާރައިގެ މައްސަލާގައި މުޒާހަރާކޮށްފަ އެވެ.

ފުލުހުން ބުނީ އާޓިފިޝަލް ބީޗަށް ބިދޭސީންގެ ބަޔަކު އެއްވި ނަމަވެސް އެތަނުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.