ހުކުރު ނަމާދުކުރުމުގައި ގައިދުރުކަމެއް ނެތް، އާއްމުން ކަންބޮޑުވެއްޖެ

ތިން މަސް ދުވަހަށްފަހު ފުރަތަމަ ފަހަރަށް އިއްޔެ މާލެ ސަރަހައްދުގައި ހުކުރު ނަމާދުކުރިއިރު، ރައްކާތެރިކަމާއި ގައިދުރުކަމެއް ނެތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.


ދުނިޔޭގެ އެހެން ގައުމުތަކާއި އިސްލާމީ މަރުކަޒުގައި އިއްޔެ ކުރި ހުކުރު ނަމާދުގެ ފޮޓޯއާ އެކު، އައިޖީއެމްއެޗްގެ ލޮލުގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އައްޒާމް ކުރެއްވި ޓްވީޓަކަށް މީހަކު ބުނީ، ރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން ހިސާބުތަކުގައި މުސްލިމުން ނަމާދުކުރަމުން އަންނަނީ މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ. އެކަން ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާރުނާޅަނީ ކީއްވެގެންތޯ އޭނާ ސުވާލު އުފައްދާފައިވެ އެވެ.

އިބްރާހިމް އައުފްގެ ނަމުގައި ކުރި ޓްވީޓެއްގައި ބުނީ މިސްކިތުގައި ގައިދުރުކަމެއް ނެތި ނަމާދުކޮށްފައި ވަނީ މިނިސްޓްރީން އެއްވެސް ކަމެއް ހަމަޖައްސާފައި ނުވާތީ ކަމަށެވެ.

"[ކޮވިޑް-19ގެ] ދެ ވަނަ ރާޅު އޮތީ މާ ދުރަކު ނޫން،" އެހެން މީހެއްގެ ޓްވީޓުގައިވެ އެވެ.

މުޅި ދުނިޔޭގައި ވެސް ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އޭޕްރީލް 15 ގައި މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރި އެވެ. އެ ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ މަހުގެ 15 ގައި ލުއިދޭން ފަށާފައިވާއިރު އިއްޔެއަކީ، އެ ލުއިދިން ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނި ވެސް 64 މީހުން ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 44 ދިވެހިން ހިމެނެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 18 އިން ފެށިގެން ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލައިފަ އެވެ. ތިން މަހަށް ފަހު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވެ އެވެ. އެކަމަކު ހުކުރު ކުރާކަށް އޭރު ހުއްދައެއް ނުދެ އެވެ.

ޖަމާއަތުގައި ނަމާދުކުރަން ފެށުމާ ގުޅޭގޮތުން މިދިޔަ މަހުގެ 30 ގައި މިނިސްޓްރީން ނެރުނު ސާކިއުލާގައި ވަނީ، ނަމާދަށް ދާ މީހުން ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިއުމާއި އަމިއްލަ މުސައްލައެއް ހިފައިގެން ދާން އެދިފަ އެވެ. އޭގެ އިތުރުން މާސްކް އެޅުމާ އެކު މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ވެސް އެދިފައިވެ އެވެ. ނަމަވެސް ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަކަށް ސީދާ ބުނެފައެއް ނެތެވެ.

ލޮކްޑައުނަށް ދިން ލުއިތަކާ އެކު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކެފޭ/ރެސްޓޯރެންޓާއި ސެލޫންތައް ވެސް ވަނީ ހުޅުވައިފަ އެވެ. ނަމަވެސް އެ ތަންތަނުގައި އަމަލުކުރާނެގޮތުގެ އެސްއޯޕީ އެޗްޕީއޭ އިން އާއްމުކޮށްފައިވެ އެވެ. ސްކޫލުތައް ވެސް ހުޅުވާފައިވާއިރު، ކިޔަވައިދޭނެ ގޮތުގެ ގައިޑްލައިން އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވަނީ އެޗްޕީއޭގެ ލަފާގެ މަތިންނެވެ.