241 ކޮމިޓީގެ ބާރު ކުޑަކުރަން އިދިކޮޅު ކޯލިޝަނުން ފުލުހުންގެ ބިލަށް އިސްލާހު ހުށަހަޅައިފި

ފުލުހުންގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލުން އެ ބާރުތައް ކުޑަކުރަން އިދިކޮޅު ކޯލިޝަނުން ހުށަހަޅައިފި އެވެ.


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ޚިދުމަތުގެ ބިލު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން އެ ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި 241 ކޮމެޓީއަށް ބައެއް ބާރުތައް ލިބޭ ގޮތަށް ބިލުގައި އޮތް އޮތުން އުނިކުރުމަށާއި އެ ބިލުގެ ދަށުން އަލަށް އުފައްދާ ޕޮލިސިން ބޯޑަށް ވެސް ބަަދަލުތައް ގެންނަން ހިމަނާފައިވެ އެވެ. އެގޮތުން ފުލުހުންގެ ކަންކަމާ ގުުޅޭގޮތުން ހޯމް މިނިސްޓަރާއި ޕޮލިސް ކޮޮމިޝަނަރަށް ލަފާ ދިނުމާއި ކަންކަން އިސްލާހު ކުރަން އެންގުމުގެ ބާރު 241 ކޮމެެޓީއަށް ލިބޭ ގޮތަށް އޮތްއޮތުން ބިލުން އުނި ކުރުމަށް އެ ކޯލިޝަނުން ހުށަހެޅި އިސްލާހުތަކުގައިވެ އެވެ.

މީގެ އިތުރުން ފުލުހުން 241 ކޮމެޓީން މައުލޫމާތު ހޯދުމުގައި ތަހުގީގުތަކާއި އޮޕަރޭޝަންތަކަށް ހުރަސް ނޭޅޭ ގޮތަށް މައުލޫމާތު ހޯދުމާއި އިތުބާރު ދަމަހައްޓަން އަޅާ ފިޔަވަޅުތަކާއި ހަތިޔާރުތައް ބޭނުން ކުރާ ގޮތާ ބެހޭ މައުލޫމާތު 241 ކޮމެޓީއަށް ހޯދޭ ގޮތަށް ވެސް އެ ބިލަށް ހުށަހެޅި އިސްލާހުތަކުގައިވެ އެވެ.

ޕޮލިސިން ބޯޑުގައި ރައީސްގެ މެމްބަރަކާއި މިނިސްޓަރު ކަނޑައަޅާ މެމްބަރެއްގެ އިތުރުން 241 ކޮމެޓީގެ މެމްބަރަކު އިންނަ ގޮތަށް އޮތްއޮތުން ބަދަލުކޮށް، ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެމްއެންޑީއެފްގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ފަރާތުން އެ ބޯޑުގައި މެމްބަރުން ތިބޭ ގޮތަށް ހަދަން އެ އިސްލާހުގައި ހުށަހަޅާފައިވެ އެވެ. އަދި ފުލުހުންގެ ކަންކަމާ ގުޅޭގޮތުން އިސްލާހު ކުރަން މަޖިލީިހަށް ފެންނަ ކަންކަން ހޯމް މިނިސްޓަރު ތަންފީޒު ކުރަންޖެހޭ ގޮތަށް ވެސް އެ އިސްލާހުތަކުގައި ހިިމަނާފައިވެ އެވެ.

ފުލުހުންގެ ޚިދުމަތުގެ ބިލު އޮތްގޮތުން 241 ކޮމެޓީއަށް މަޖިލީހުގެ ނުފޫޒު ވަނުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެ ބިލަށް ބައެއް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެކަމަކު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެފައިވަނީ އެ ބިލުގެ ސަބަބުން ފުލުހުންގެ އޮޕަރޭޝަންތަކާއިި ތަހުގީގުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއް މަޖިލީހަށް ނުލިބޭނެ ކަމަށެވެ.