މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަަމަނުޖެހުމެއް

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މަސައްކަތްތެެރިންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އެމީހުން މިއަދު ކުރި މުޒާހަރާގައި ފުލުހުންނަށް ހަމަލާދީ ބޮޑު ހަމަނުޖެހުމަކަށް ހިނގައްޖެ އެވެ.


ސޯޝަލްް މީޑިއާގައި އާއްމުން ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުުންކަން އެނގޭ ގޮތަށް، ޖެކެޓް ލައިގެން ގިނަ އަދަދެއްގެ ބިދޭސީން އެމީހުން ތިބޭ ލޭބާ ކުއާޓަރުން މުޒާހަރާއަށް ނުކުންނަންް ދިޔަ ވަގުތު އެކަން ހުއްޓުވަން ތިބީ މަދު ފުލުހުން ތަކެކެވެ. ހުޅުމާލޭ ސަހަރާ މިސްކިތާ ޖެހިގެން އިރަށް އޮންނަ ގޯޅީގެ އަނެއް ފަރާތުގައި ހުރި ލޭބަ ކުއާޓަރުން ނުކުމެގެން، ދާން އުޅުނު ބިދޭސީން ފަހަތަށް ޖައްސަން ފުލުހުން މަސައްކަތް ކުރާ ތަން ވީޑިއޯއިން ފެނެ އެވެ. އެއާ އެކު ބިދޭސީން ފަހަަތަށް ޖެހި ގަލާއި އެހެން އެއްޗެހި ފުލުހުންނާ ދިމާލަށް އުކަން ފެށި އެވެ.

ބިދޭސީން އުކި ގަލުން ޖެހި ބައެއް ފުލުހުންނަށް ހާނީއްކަވީ އިރު، އެހިސާބުގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑު ވެސް ތެޅުނެވެ. އަދި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ވީ ތަން ވެސް ފެނެ އެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ފުލުހުން އެމީހުންނާ މުއާމަލާތް ކުރަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

ފުލުހުންނަށް ހަމަލާ ދިނުމުގައި ގިނަ ބަޔަކު ބައިވެރިވާ ތަން، އެތަނާ ކައިރި އިމާރާތެއްގެ މަތިން ނަގާފައިވާ ވީޑިއޯއިން ސާފުކޮށް ފެނެ އެވެ. އެކަމަކު އެވަރުގެ ހަމަނުޖެހުމެއް ކޮންޓްރޯލްކުރެވޭ ވަރަށް، ފުރަތަމަކޮޅު އެ ހިސާބަށް ފުލުހުން ގޮސްފައެއް ނުވެ އެވެ.

ރަޔަޓް ގިއަރުގައި ތިބި ފުލުހުންގެ ފައުޖެއް އެ ސަރަހައްދަށް އައީ އޭގެ ފަހުންނެވެ. އެކަމަކު މާ ބޮޑު ހަމަނުޖެހުމެއް ނެތި، މީހުން ކޮންޓްރޯލްކޮށް ސަރަހައްދު ކޯޑަންކޮށް، ބިދޭސީން ވެއްދީ ލޭބާ ކުއާޓާޒްގެ ގޯތި ތެރެއަށެވެ. ހަމަނުޖެހުން ހިންގި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުން ކަމަށް ވާތީ ފުލުހުން އެމީހުންނާ މުއާމަލާތްކުރީ ބަންގްލަދޭޝް ބަހުން ވާހަކަ ދައްކާ ތަރުޖަމާނަކު މެދުވެރިކޮށްގެންނެވެ.

ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި މީހުން ދެނެގަތީ ލޭބާ ކުއާޓާޒްގެ ގޯތިތެރޭގައި ބިދޭސީން އިށީނުމުންނެވެ. ތަރުޖަމާނުގެ އެހީގައި ބިދޭސީންނަށް ދިން އިރުޝާދަށް ތަބާވީ ރަޔަޓް ގިއަރުގައި ގިނަ އަދަދެއްގެ ފުލުހުން އައުމާ އެކު އެވެ.

އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ހައްޔަރުކުރި މީހުން ފުލުހުންގެ ވެހިކަލެއްގައި ގެންދަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

ހަމަނުޖެހުން ހިންގުމުގައި ސީދާ ގޮތެއްގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 40 އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްގެން އެ ސަރަހައްދުން ގެންދިޔަ އިރު ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފިޝަލުންނާއި ރެެޑް ކްރެސެންޓްގެ އެހީތެރިން ވެސް ހަރަކާތްތެރިވި އެވެ. ރެޑް ކްރެސެންޓްގެ އެމްބިއުލާންސެއް ވެސް ލޭބާ ކުއާޓަރުގެ ކައިރީގައި ތައްޔާރީ ހާލަތުގައި އޮތެވެ.

ހަަމަނުޖެހުން ކޮންޓްރޯލް ކުރި އިރު ބިދޭސީންގެ މީހަކަށް ހާނީއްކައެއް ވި ކަމުގެ މައުލޫމާތެއް ނުލިބެ އެެވެ.

ބިދޭސީންގެ ލޭބާ ގުއާޓަރުގެ ބޭރު ފެންސްގައި ހަރުކޮށްފައިވާ ބޯޑުތަކުގައި ލިޔެފައިވާ ލިއުންތަކުން އެނގޭ ގޮތުގައި އެމީހުންގެ އޮތީ މައިގަނޑު ދެ ޑިމާންޑެކެވެ. އެއީ މުސާރަ ދިނުމާއި އެނބުރި ގައުމަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްްލެޓްތަކުގެ މަޝްރޫއު، އަށް އަހަރު ދުވަހަށް ވުރެ ދިގުލައިގެން ގޮސްފައި ވާއިރު، ސީދާ ކޮންޓްރެކްޓަރުގެ ގޮތުގައި އައިލެންޑް އެކްސްޕާޓުން އެ މަސަައްކަތާ ހަވާލުވިތާ ވެސް ހަތަރު އަހަރު ވެއްޖެ އެވެ. އޭގެ ކުރިން ހަތަރު އަހަރު ދުވަހު އެންފުނިން މަސައްކަތް ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރުގެ ގޮތުގަ އެވެ. ތައިލެންޑްގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ އަކީ އޭރު ނޫމަޑީގެ ވެސް ހިއްސާދާރެކެވެ.

އަނޮން މިދިޔަ ބުރާސްފަތި ދުވަހު "މިހާރު"އަށް ވިދާޅުވީ މައްސަލަ ހައްލުކޮށް މުވައްޒަފުންނަށް މުސާރަ ދޭން ފަށާފައިވާ ކަމަށެވެ. އެކަމަކު މުސާރަ ދިނީ ކިތައް މުވައްޒަފުންނަށް ކަމެއް، ދިނީ ކިތައް މަހުގެ މުސާރަ ކަމެއް ވެސް އޭނާ ވިދާޅުވެއް ނުވެ އެވެ.

"އަޅުގަނޑުމެން މި އަންނަނީ ތަފްސީލްތައް ލޭބާ ރިލޭޝަންސް އޮތޯރިޓީއާ ހިއްސާކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ލޭބާ ރިލޭޝަންސް އޮތޯރިޓީން އޭރު އެކަން ކަށަވަރެއް ނުކޮށްދެ އެވެ. މުސާރައިގެ މައްސަލައިގައި މުވައްޒަފުން ދެން މުޒާހަރާ ނުކުރާނެ ކަމުގެ ޔަގީންކަން ވެސްް އަނޮން ދެއްވި އެވެ. އޭގެ ކުރިން އޭނާ ވިދާޅުވެފައިވާ ގޮތުގައި މުސާރަ ދިނުމަށްޓަކައި ކުންފުނީގެ އިކްއިޕްމެންޓް ވިއްކަން ވެސް އޮތީ ނިންމައިފަ އެވެ.

އެކަމަކު ފުލުހުންނާއި ސިފައިން ވަނީ ސައިޓްތަކުގައި ހުރި އެއްވެސް އެއްޗެއް ނުވިއްކަން އަންގައިފަ އެވެ.