ހަވާލުވާނީ 14 ބިދޭސީންނާ ކަމަށް ބުންޏަސް ރިޒުން ވަނީ 205 ބިދޭސީ މުވައްޒަފުން ތިބިކަން އަންގާފައި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގި ބިދޭސީންނަކީ، އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވްސް އިން މަސައްކަތް ހަވާލުކޮށްފައިވާ ރިޒް ކުންފުނީގެ މުވައްޒަފުން ނޫން ކަމަށާއި އެ ތަނުގައި ތިބީ އެ މީހުންގެ 14 މުވައްޒަފުންނާ ކަމަށް ބުންޏަސް 205 ބިދޭސީންގެ ލިސްޓެއް ރިޒް ކުންފުނިން ފޮނުވާފައި އެބައޮތް ކަމަށް ސީލްގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނި ތަމްސީލްކުރާ ލޯ ކްރާފްޓުގެ ވަކީލް "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި ބޮޑުފިނޮޅުގައި މިވަގުތު ތިބި 179 ބިދޭސީންނަކީ އެ ކުންފުނިން ހަވާލުވާންޖެހޭ ބައެއް ނޫނެވެ. އޭގެ ތެރޭގައި ތިބީ ރިޒްގެ އެންމެ 14 މީހުން ކަމަށް އޭނާ ވިދާޅުވެ އެވެ. ރަށުގެ ވެރި ފަރާތުން އެ ބިދޭސީން ރަށުން ބާލަން އެންގުމުން ވެސް އެއީ ކޮން ބައެއްކަން އެނގެން ނެތް ކަމަށް ބުނެ ރިޒް އިން ވަނީ އެ މީހުން ގެންދަން އިންކާރުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މުސާރަ ނުދީ ތިބި، ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވި ރިޒް އިން އެ މީހުންނާ ހަވާލުވާން އިންކާރުކުރި ނަމަވެސް ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް ތަމްސީލްކުރާ ލޯ ފާމް އެޑްވޮކަސީ ޗެމްބާސްގެ ވަކީލް ހަސަން ފަލާހް ވިދާޅުވީ، ރަށުގައި މިހާރު ތިބި މުސާރަ ނުލިބޭ 179 ބިދޭސީއަކާއި މިހާރު އެ ރަށުގައި ނެތް އެކަމަކު ކުރިން މަސައްކަތްކޮށް މުސާރަ ނުލިބި ތިބި 26 ބިދޭސީއެއްގެ ނަމާއި އެ މީހުންނަށް ނުލިބި ހުރި މުސާރައިގެ ތަފްސީލް ޝީޓެއް ރިޒް އިން ސީލް މޯލްޑިވްސް އާއި ފުލުހުންނާއި ލޭބަ ރިލޭޝަން އޮތޯރިތީ އަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

"ފުލުހުންނާއި އިމިގްރޭޝަނާއި ލޭބަ ރިލޭޝަން އޮތޯރިޓީގެ ހާޒިރުގައި ބިދޭސީ މުވައްޒަފުންގެ މައުލޫމާތު މި މަހު ހަތަރު ވަނަ ދުވަހު ސާފުކޮށް، އެ މުވައްޒަފުންނަށް ލިބެންޖެހޭ މުސާރައިގެ ތަފްސީލް ޝީޓެއް ރިޒް އިން އޮތީ ފޮނުވާފައި. ބޮޑުފިނޮޅުގައި ތިބި 179 މީހަކާއި އެ ރަށުގައި ނެތް 26 މީހެއްގެ ނަން ވެސް އޭގައި އެބަ އޮތް،" ފަލާހް ވިދާޅުވި އެވެ.

ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭންޖެހެނީ ސީލް މޯލްޑިވްސް އިން ކަމަށް ރިޒް އިން ބުންޏަސް، މަސައްކަތް ހަވާލުކުރި އެއްބަސްވުމުގައި އެކަން އޮންނަނީ ކޮންޓްރެކްޓަރުގެ ޒިންމާއެއްގެ ގޮތުގަ އެވެ. މުސާރަ ނުދެވި އޮތީ ސީލް އިން ފައިސާ ނުދޭތީ ކަމަށް ބުންޏަސް ރިޒް އިން ކޮށްފައިވާ އިންވޮއިސްތަކަށް ސީލް އިން މިހާތަނަށް ޕްރޮޖެކްޓްގައި ބުނާ ވަރަށް ވުރެ އިތުރަށް ވެސް ފައިސާ ދެއްކިފައި ވާތީ މުވައްޒަފުންނަށް މުސާރަ ނުދެވި އޮވެގެން ނުވާނެ ކަމަށް ސީލްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ފަލާހް ވިދާޅުވި ގޮތުގައި، ބޮޑުފިނޮޅުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށް ބުނާއިރު ރިޒް އިން ފޮނުވި ލިސްޓުގައި މުވައްޒަފުންގެ ނަމާއި އަދި އެ މުވައްޒަފަކަށް ދީފައިވާ ކޯޑު ނަންބަރެއް ވެސް ހިމަނާފައި ވެ އެވެ. އެހެންވެ، އެ ރަށުގައި ތިބި ބިދޭސީންނަކީ ރިޒް އަށް ނޭނގޭ ބައެއް ކަމަށް ބުނާ ބުނުމާ މެދު ވަކީލް ސުވާލު އުފެއްދެވި އެވެ.

މުސާރަ ނުލިބިގެން ހަމަނުޖެހުން ހިންގައި، ބަޔަކު ރަހީނުކުރި މައްސަލަ އަށް ފަހު، ރިޒް ކުންފުނިން ވަނީ އެ ކުންފުނީގެ ނަމުގައި ގެނައި ބިދޭސީއަކު ބޮޑުފިނޮޅުގައި ނުހުންނާނެ ކަމަށް ވެސް ބުނެފަ އެވެ. ބިދޭސީން ގެނެސްފައި ވަނީ ބޮޑުފިނޮޅު ހޮޓެލް އެންޑް ރިސޯޓް ކިޔާ ކުންފުންޏެއްގެ ކޯޓާގައި ކަމަށް ވެސް ބުންޏެވެ. އަނެއްކޮޅުން، ސީލް އިން ބުނެފައިވަނީ މަސައްކަތް ހަވާލުކުރުމަށް ފަހު ރިޒް އަށް ކޯޓާ ހަމަޖައްސަން ޓްރޭޑް މިނިސްޓްރީ އަށް ސިޓީ ވެސް ފޮނުވާފައި އޮންނާނެ ކަމަށާއި ބޮޑުފިނޮޅު ހޮޓެލް އެންޑް ރިސޯޓް ކިޔާ ކުންފުންޏަކީ ސީލް މޯލްޑިވްސްއާ ގުޅުމެއް ވެސް އޮތް ކުންފުންޏެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީ އަށް، ބިދޭސީންނާ ގުޅޭ މައްސަލަތަކުގައި ފިޔަވަޅު އަޅާ މުއައްސަސާތައް މިއަދު ހާޒިރު ކުރުމުން އިމިގްރޭޝަނުން ބުނެފައިވަނީ ބޮޑުފިނޮޅުގައި ތިބި 48 ބިދޭސީން ފިޔަވައި އެންމެންނަކީ ވެސް ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުން ކަމަށެވެ. އިމިގްރޭޝަނުން ބުނިގޮތުގައި 58 ޕްރޮޖެކްޓަކަށް ރާއްޖެ ގެނައި 16،000 ބިދޭސީންގެ ތެރޭގައި ހިމެނޭ މީހުން ވެސް ބޮޑުފިނޮޅުގައި ތިބި އިރު މި ބިދޭސީން ގެނައި 29 ކުންފުންޏަކީ ބްލެކް ލިސްޓްކޮށްފައިވާ ކުންފުނިތަކެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ މީހުން ކަމަށް ބެލެވި ފުލުހުން ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާއިރު ރިޒް ކުންފުނިން ވަނީ އެ ކުންފުނީގެ ނަމަކީ "ރިޒް" ނޫން ކަމަށް ވެސް ބުނެފަ އެވެ. އެ ކުންފުނި ތަމްސީލްކުރާ ވަކީލަކު ވިދާޅުވެފައިވާ ގޮތުގައި ކުންފުނީގެ ނަމަކީ އާރް.އައި.އެކްސް އެވެ. އެކަމަކު ކުންފުނީގެ ވަކީލުން ނެރުނު ބަޔާނެއްގައި ވެސް "ރިޒް" ކަމަށް ލިޔެފައިވެ އެވެ. އަދި ސީލް މޯލްޑިވްސްއާ އެކު ވެފައިވާ މަސައްކަތުގެ އެއްބަސްވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ސޮއިކުރައްވާފައިވަނީ "ރިޒް މޯލްޑިވްސް" ގެ ނަމުގަ އެވެ.