ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 39 މީހުން

ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު 39 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.


އިއްޔެގެ ހަވީރު 6 ން މިއަދު ހަވީރު 6 އާ ހަމައަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަށް އަލަށް 27 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތް މީހުން އަދި އިންޑިއާގެ ފަސް މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ބަލިން ރަނގަޅުވެފައި ވަނީ 12 މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 2،801 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެ އިން 2،302 މީހުން ބަލިން ރަނގަޅުވެފައިވާ އިރު ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 470 އެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ވަނީ 14 މީހުން މަރުވެފަ އެވެ. ކަރަންޓީނުގައި 47 މީހުން ތިބި އިރު އައިސޮލޭޝަނުގައި 410 މީހުން އެބަތިއްބެވެ. ރާއްޖެ އިން މިހާތަނަށް ވަނީ 63،559 ޓެސްޓްކޮށްފަ އެވެ.

އޭޕްރީލް 15 ގައި މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް މި މަހުގެ 1 ގައި ބޮޑު ލުޔެއް ދިން ފަހުން ވޭތުވެދިޔަ ދެ ތިން ދުވަހު ކޭސްތައް ވަނީ އިތުރުވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ 1،344 މީހަކު ޕޮޒިޓިވްވެފައިވާއިރު، ދިވެހިންގެ އަދަދަކީ 1،131 އެވެ. ދެން އެންމެ ގިނަ އިންޑިއާގެ މީހުންގެ އަދަދަކީ 238 އެވެ. ނޭޕާލުގެ 45 މީހުން އަދި ލަންކާގެ 19 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.