ބޮޑު އީދުގައި މާލޭގައި އުޅޭ މީހުންނަށް "ރަށު ބަންދެއް"

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ލޮކްޑައުން ކުރުމާ އެކު މި އަހަރުގެ ކުޑަ އީދުގައި މާލޭގެ ރައްޔިތުން ތިބީ ގޭ ބަންދެއްގަ އެވެ. އަދި ކުރިއަށް އޮތް ބޮޑު އީދުގައި ވެރިރަށުގެ ދެ ލައްކައެއްހާ މީހުންނަށް އޮތީ ގާތްގަނޑަކަށް ރަށު ބަންދެކެވެ.


މާޗު 12 އިން ފެށިގެން އިއުލާންކޮށް، އަދި މުއްދަތު އިތުރުކުރަމުން އަންނަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު، އަންނަ މަހު ހަތަކަށް ދިގު ދަންމާލުމުން، މާލޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ހުއްޓުންތަކެއް އަންނާނެ އެވެ. އެހެންކަމުން ބޮޑު އީދު ބަންދު އެހެން ރަށެއްގައި މިނިވަންކަމާ އެކު ހޭދަކުރުމުގެ ފުރުސަތެއް ނެތެވެ.

ލޮކްޑައުންގައި މާލެ އޮންނަތާ ދެ މަސް ފަހުން ޖޫން 15 އިން ފެށިގެން ދެމުން އައި ލުއިތަކާ އެކު މިހާރު ގެއިން ބޭރަށް ނުކުމެވެ އެވެ. އޮފީސްތަކާއި އެހެން މަސައްކަތްތައް ވަނީ ހުޅުވިފަ އެވެ. އެކަމަކު މާލެއިން ބޭރަށް ދަތުރުކުރަން އަދިވެސް އޮތީ ހުރަސްތަކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ބުނީ ކަރަންޓީން ނުވާ ގޮތަށް މާލޭން އެހެން ރަށަކަށް އަދިވެސް ނުދެވޭނެ ކަމަށެވެ. މާނައަކީ ބޮޑު އީދަށް އެހެން ރަށަކަށް ދިޔަ ނަމަވެސް އެ ދާ ތަނެއްގައި ދެ ހަފުތާއަށް ކަރަންޓީން ވާން މަޖުބޫރުވުމެވެ.

ރާއްޖޭގެ މިނިވަން ދުވަސް ކަމަށް ވާ ޖުލައި 26 އާ ޖެހިގެން ބޮޑު އީދު އަންނާތީ، 11 ދުވަހުގެ ޗުއްޓީއެއް މިފަހަރު އެބަ ލިބެ އެވެ. އާންމުކޮށް މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުކުރަނީ ޖުލައި 26،27 ކަމަށް ވިޔަސް، ޖުލައި 30 ހައްޖު ދުވަހަށް ވާތީ، ސަރުކާރުން ވަނީ ޖުލައި 28 އަދި 29 ވެސް ރަސްމީ ބަންދު ދެ ދުވަސް ކަމަށް ހަމަޖައްސައިފަ އެވެ.

ޖުލައި 26ގެ ބަންދުގެ ކުރިން ޖުލައި 24 އަދި 25 ދިމާވަނީ ހުކުރާއި ހޮނިހިރަކަށް ކަމުން، ޗުއްޓީ ފެށިގެން އެ އަންނަނީ ޖުލައި 24 ގަ އެވެ. އެހެންކަމުން މި އަހަރުގެ ބޮޑު އީދު މި ވަނީ ނިސްބަތުން ބޮޑު ޗުއްޓީއަކަށެވެ.

ކޮވިޑް-19 ގެ ނުރައްކާ ނެތް ނަމަ މިއީ ފަހަކަށް އައިސް ރާއްޖެ ނުދެކޭނެ ފަދަ ދަތުރުފަތުރުގެ ބިޒީ ދުވަސްވަރަކަށް ވީހެވެ. އެކަމަކު ބާރަށް ފެތުރެމުން ދާ ބައްޔާ ގުޅިގެން ދަތުރުފަތުރަށާއި ގެސްޓް ހައުސްތަކުގެ ވިޔަފާރިއަށް ވެސް ވަނީ ވަރަށް ބޮޑު އަސަރުކޮށްފަ އެވެ. އޮގަސްޓް 7 ގެ ކުރިން ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފާނެ ކަމަކަށް ނުބެލެވެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުން

ކޮވިޑް-19ގެ އަސަރެއް ނެތް ރަށްރަށުގެ މެދުގައި ދަތުރުކުރާކަށް ހުރަހެއް ނެތެވެ. އެކަމަކު ކޮމިޔުނިޓީ ސްޕްރެޑެއް އޮތް މާލޭގައި އުޅެފައި އެހެން ރަށަކަށް ދާ ނަމަ، ގެއިން ބޭރަށް ނުކުމެވޭނީ 14 ދުވަސް ފަހުންނެވެ.

ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ ހަތަރު މަސް ވާން އުޅެނިކޮށް މިއަދު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ސަބަބުން ރާއްޖޭގެ މައި އިންޑަސްޓްރީ ކަމަށް ވާ ޓޫރިޒަމަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބޭނެ ކަމަށް ބެލެވެ އެވެ. މިއަދު އައި ގަތަރު އެލާއިންސްގެ ފްލައިޓުން، މާޗު 27 ގެ ފަހުން ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަރުހަބާ ކި އެވެ.