ގައުމަށް ފޮނުވައިދޭން އެދި ބިދޭސީންތަކެއް އެއްވެއްޖެ

ކޮވިޑް-19އާ ގުޅިގެން އާއްމު ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތިތަކާ ހެދި މަސައްކަތެއް ނެތި އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާތީ ރަށަށް ފޮނުވައިދޭން ޑިމާންޑްކޮށް ބިދޭސީންތަކެއް މިއަދު އެއްވެ ޝުއޫރުފާޅުކޮށްފި އެވެ.


ހީނާމާގޭ ޕާކިން ސަރަހައްދަށް މިއަދު އެއްވި ބަންގްލަދޭޝްގެ 50 އަށް ވުރެން ގިނަ މީހުން ގޮވާލީ އެ މީހުންނަށް ގައުމަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ. އެ ސަރަހައްދަށް ބިދޭސީންތަކެއް މި އެއްވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެއް ކުރިމަތިވެ، މުޒާހަރާ އަށް ނުކުމެ ހަމަނުޖެހުން ހިންގާފައި ވަނިކޮށެވެ.

ހުއްދަ ނުހޯދައި މާލޭގައި އެއްވުން މަނާކޮށްފައި ވަނިކޮށް މަޖީދީ މަގަށް ޖަމާވި ބިދޭސީން ބުނިގޮތުގައި، އެ މީހުންގެ އަތުގައި ޕާސްޕޯޓާއި ވިސާ ފަދަ އެއްވެސް ލިޔެކިޔުމެއް ނެތެވެ. މި ދުވަސްކޮޅު އެއްވެސް މަސައްކަތެއް ނުލިބޭތީ ކާބޯތަކެތި ގަންނާކަށް ވެސް ފައިސާއެއް ނެތް ކަމަށް އެ މީހުން ބުންޏެވެ.

ހީނާމާގެ ޕާކިން ކުރިމަތީ އެއްވެ ތިބި ބައެއް ބިދޭސީން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ކުއްޔަށް ތަނެއްގައި އުޅެވޭނެ ގޮތެއް ނެތްއިރު، ގައުމުގައި ތިބި އާއިލާ އަށް ވެސް އެހީވެވޭނެ ގޮތެއް ނެތް ކަމަށް އެ މީހުން ދިޔައީ ބުނަމުންނެވެ. އެހެންވެ، މިހާރު ބޭނުންވަނީ އަނބުރާ ގައުމަށް ދާން ކަމަށް ވެސް އެ މީހުން ބުންޏެވެ.

ހީނާމާގެ ޕާކިން ކުރިމަތީ އެއްވެ ތިބި ބިދޭސީން ފޮނުވާލަން ދިޔަ ފުލުހުން. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"އަނބުރާ ދިޔައީމަ [އާއިލާ] އެންމެން އެއްކޮށް ކޮންމެ ވެސް ކަމެއް ކުރެވޭނެ،" އެކަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ މީހުންގެ ހާލަތު އަންގަން ޖެހޭ ފަރާތްތަކަށް އެންގުމުން ވެސް ޖަވާބެއް ނުލިބެ އެވެ. ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަން ސަރަހައްދަށް ނުދިޔައީ އެތަނަށް އެއްވުމުން މައްސަލަ ޖެހޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މީހުން ބުނިގޮތުގައި ހީނާމާގޭ ސަރަހައްދަށް އެއްވީ ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަން ހޯދާށެވެ.

ސުލްހަވެރިކަމާ އެކު އެ މީހުން އެ ސަރަހައްދުގައި އެއްވެ ތިއްބައި ފުލުހުން ގޮސް އެ އެއްވުން ރޫޅާލާން އެންގި އެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިންގައި އެ ބިދޭސީން އެ ތަން ދޫކޮށް ދިޔައީ އެވެ.

ހީނާމާގޭ ޕާކިން ސަރަހައްދަށް ބިދޭސީންތަކެއް މިއަދު އެއްވިއިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރަމުން ދިޔަ ރިޒް ކުންފުނީގެ މުވައްޒަފުންނަށް ޖެނުއަރީ އިން ފެށިގެން މުސާރަ ނުދޭތީ އެ މީހުން ވަނީ މުޒާހަރާކޮށް، ފުލުހުންނާ ކުރިމަތިލައިފަ އެވެ. ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ. އަދި ހުޅުމާލޭގައި ހަދަމުން އަންނަ ޕޮލިސް ފްލެޓްތަކުގައި މަސައްކަތްކުރަމުން އަންނަ އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައާ ގުޅިގެން، އެ ކުންފުނީގެ މުވައްޒަފުން ވެސް ވަނީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގައިފަ އެވެ. މި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.