ކޮވިޑް-19 ޖެހިގެން 42 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން 42 އަހަރުގެ ދިވެއްސެއް މިއަދު މަރުވެއްޖެ އެވެ.


މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މަރުވި އުމުރުން އެންމެ ހަގު ދިވެއްސެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މެންދުރު މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށްގެން ފަރުވާ ދިން ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ކޮވިޑް-19 ގައި ރާއްޖެ އިން މަރުވި 15 ވަނަ މީހާ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ނުވަ ދިވެހިންނާއި ހަ ބިދޭސީން ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހުންނާއި ފިލިޕީންސް މީހެކެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 2،831 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 2،320 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ފަރުވާދެމުން މިހާރު ދަނީ 481 މީހުންނަށެވެ. ކަރަންޓީނުގައި 14 މީހުން ތިބި އިރު އައިސޮލޭޝަންގައި ތިބި މީހުންގެ އަދަދަކީ 423 އެވެ.