ބޮޑުފިނޮޅު: ބިދޭސީންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހިންހި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ޖަހައިފި އެވެ.


މި މަހުގެ 3 ވަނަ ދުވަހު ހައްޔަރުކުރި އެ ބިދޭސީންގެ ބަންދަށް ފުރަތަމަ ވެސް ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ. އެ މުއްދަތު ހަމަވުމުން އިތުރަށް ބަންދުގައި ބަހައްޓައި ދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަނެއްކާވެސް އެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ސީލް މޯލްޑިވްސް އިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކޮމްޕެނީ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ރިޒް ކުންފުނީގެ 203 މުވައްޒަފަކު އެ ރަށުގެ ދިވެހި މުވައްޒަފުން ރަށުން ފޭބިޔަ ނުދީ ހުރަސް އެޅުމުން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ މިމަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 9:30 ކަމަށް ފުލުހުން ބުންޏެވެ.

މި ރިޕޯޓާ ގުޅިގެން އެންމެ ފުރަތަމަ އެ ރަށަށް ދިޔައީ ބޮޑުފިނޮޅާ އެއް ފަޅެއްގައި އޮންނަ ބ .ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކަމަށާއި ފުލުހުން ދިއުމުން އެ މީހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑު އުކައި ހަމަލާ ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ބޮޑުފިނޮޅުގެ ބަނދަރު ކައިރީގައި ހުރެ ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯއަކުން ފެންނަ ގޮތުގައި ކުޑަވަރެއްގެ ލޯންޗެއްގައި ފުލުހުން ތޮށިގަނޑާ ގާތްކުރަން އައި އިރު ގިނަ އަދަދެއްގެ ބިދޭސީން ތިބީ ލަޓިބުރިބުރި އާއި ގަލާއި ދަގަނޑުބުރި ފަދަ ތަކެތި ހިފައިގެން ރުޅިވެރިކަމުގަ އެވެ. އެ މީހުން ތިބީ ބޮޑު ކުރިމަތިލުމަކަށް ތައްޔާރުވެގެން ކަން އެ މީހުންގެ ހަރަކާތްތަކުން އެނގެ އެވެ.

އިތުރު ފުލުހުންނާ އެކު އެރަށަށް އަރައި ރަހީނު ކުރި 13 ދިވެހީން ސަލާމަތްކޮށް، ފުލުހުން ވަނީ އެ ހަމަނުޖެހުންތައް ހިންގި ކަމަށް ތުހުމަތު ކުރެވޭ 19 ބިދޭސީން ހައްޔަރުކޮށް އެވެ.

ހަަމަނުޖެހުން ހިންގި ބިދޭސީން ވަނީ ރަށުގެ ބައެއް އިމާރާތްތަކާއި ވެހިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ހަމަނުޖެހުން ހިންގީ އެ ބިދޭސީންނަށް އެތައް މަހެއްގެ މުސާރަ ދީފައިނުވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކޮށް، މެމްބަރު އަލީ ރިޒާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަލީ ރިޒާގެ ރިޒް ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެ އެވެ.

މުސާރަ ނުދޭތާ ގިނަ ދުވަސް ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ބިދޭސީން މުޒާހަރާ ކުރުން މިފަހުން ވަނީ އިތުރުވެފަ އެވެ. ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތަކުގައި މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން ވެސް މިފަހުން މުޒާހަރާކޮށް ފުލުހުންނާ ވަނީ ކުރިމަތިލައިފަ އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެންގެން އެތައް ބިދޭސީންނެއް ހައްޔަރު ކޮށްފައިވެ އެވެ.