ބޮޑުފިނޮޅުގެ 198 ބިދޭސީއަކަށް މުސާރަ ހޯދައިދޭން ޓްރައިބިއުނަލަށް

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް އެއްފަހަރާ މުސާރަ ދިނުމަށާއި އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އިތުރުން ގައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އަމުރެއް ރިޒް ކުންފުނީގެ މައްޗަށް ނެރެދިނުމަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.


މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން މަސައްކަތް ކުރުވަން ގެންގުޅުނު އެ ބިދޭސީން ވަނީ މުސާރަ ނުދޭ މައްސަލާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ބަޔަކު ރަހީނުކޮށް މުދަލަށް ވެސް ގެއްލުން ދީފަ އެވެ. މި ހަމަނުޖެހުމާ އެކު ފެށި ތަހުގީގުގައި ރިޒްގެ މައްޗަށް ވަނީ ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.

އެ މުވައްޒަފުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިން ރޭ ނެރުނު ބަޔާނުގައި ބުނީ 198 ބިދޭސީންނާއި ދެ ދިވެއްސަކަށް ހައްގުވާ މުސާރަ ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދަން ލޭބަ ރިލޭޝަންސް އޮތޯރިޓީ އާއި އިމިގްރޭޝަނާ ވެސް ބައްދަލުކޮށްފައިވާ ކަމަށާއި އިކޮނޮމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ އަށް މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ބަޔާނުގައިވެ އެވެ.

އެ މައްސަލައިގައި ލިބިފައިވާ ލިޔެކިޔުންތަކާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް، ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ގެންދިޔަ 200 މަސައްކަތްތެރިންގެ ފަރާތުން، އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓަރު ކަމަށްވާ ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުންގެ މައްޗަށް ރައްދުވާގޮތަށް މިދިޔަ ބުދަ ދުވަހު ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

"މިގޮތުން ހުށަހެޅި މައްސަލައިގައި، މަސައްކަތްތެރިންނަށް ނުދީވާ މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށް އެދުމުގެ އިތުރުން މުސާރަ ނުދީ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އެ ފަރާތްތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި މަސައްކަތްތެރިންގެ ތެރެއިން އެ ފަރާތްތަކުގެ ގައުމަށް އެނބުރިދާން އެދޭ ފަރާތްތަކަށް ގައުމަށް އެނބުރި ދިއުމުގެ އިންތިޒާމްތައް އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިދިނުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވާނެ އެވެ،" ބަޔާނުގައި ބުންޏެވެ.

އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ އިތުރުން ޝަރުއީ މަރުހަލާގެ ބޭރުން ހައްލުކުރަން ރިޒް ކުންފުންޏާ ބައްދަލުކޮށް މަޝްވަރާ ކުރިއަސް އެއްވެސް ހައްލެއް ލިިބިފައިނުވާކަން ފާހަގަކުރި އެވެ.

އެ ހަމަނުޖެހުންތަކަށް ފަހު މި މަހުގެ ހަތަރު ވަނަ ދުވަހު އެ ރަށަށް ގޮސް ޕީއައިއެލްސީން ބިދޭސީންނާ ބައްދަލުކޮށްފައި ވެ އެވެ. އޭގެ އިތުރުން ބޮޑުފިނޮޅުގައި މި މަހުގެ ކުރީކޮޅު ހިނގި ހަމަނުޖެހުމުގައި ހައްޔަރުކުރި 19 މީހުންނާ ދޫނިދޫ ޖަލުގައި ބައްދަލުކޮށްފައިވެ އެވެ.

އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން ވަނީ ކުރިން ބުނެފަ އެވެ. މި ބިދޭސީންނަށް މުސާރަ ނުދެވި އޮތީ ބޮޑުފިނޮޅުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ ކަމަށް ބުންޏަސް ސީލް އިން ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ރިޒުން ބުނަމުން އަންނަނީ އެއީ ރިޒްގެ މުވައްޒަފުން ނޫން ކަމަށެވެ. އެހެންވެ އެ މީހުންނާ ހަވާލުވާން ވެސް ރިޒުން އިންކާރު ކުރުމުން ކޯޓުން އަމުރެއް ނެރުމުން އެ އަމުރަށް ވެސް ރިޒުން އަދި އަމަލެއް ނުކުރެ އެވެ.