ވިސާގެ މައްސަލައިގައި ނަޝީދު އަމަލުކުރެއްވީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ ހިތްހަމަނުޖެހުން!

ބިދޭސީންނަށް ފަސޭހަ އިން ރެސިޑެންސް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ބައެއް މެމްބަރުން އެކަމުގައި އެ މަނިކުފާނު އެހެން ގޯހެއް ވެސް ހައްދަވާފައިވާ ކަމުގެ ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.


އިމިގްރޭޝަން ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާކޮށް، ރައްޔިތުންގެ މަޖިލީިހުން ގޮތެއް ނިންމައި ދިނުމަށް މަޖިލީހުގެ ރައީސް ނަޝީދަށް މިދިޔަ ހަފުތާގައި ކޮމިޓީގެ ރިޕޯޓު ފޮނުވި ނަމަވެސް އެ މަނިކުފާނު ވަނީ ރެސިޑެންސް ވިސާ ލިބޭނެ ލުއި ގޮތްތަކެއް އިސްލާހުތަކުގެ ތެރޭގައި ހިމަނައި ދިނުމަށް އެދިވަޑައިގެން އެ ރިޕޯޓު އަނބުރާ ފޮނުވާލައިފަ އެވެ. .

ކޮމިޓީގެ މަސައްކަތް ނިންމާފައި ވަނިކޮށް، ނަޝީދު އެދިވަޑައިގަތީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމާ މެދު ކޮމިޓީން އަލުން ވިސްނުމަށެވެ. މި ގޮތަށް ވިސާ ދިނުމަކީ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވެސް ނުރުހުން އޮތް ކަމެކެވެ. މިކަމާ ފާޅުގައި ބައެއް މެމްބަރުން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

މިހާރު ވެސް ރާއްޖޭގައި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނަމަ ރެޒިޑެންސް ވިސާ ލިބެ އެވެ. އަދި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭނެ އެވެ. ނަޝީދު ބޭނުންފުޅުވަނީ މި ތިން ކަންތައްތަކުގެ އިތުރުން މާ ބޮޑަށް ވެސް ލުއިކޮށް ރެސިޑެންސް ވިސާ ބިދޭސީންނަށް ލިބޭނެ ފުރުސަތު ދިނުމަށެވެ.

މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއް.

ނަޝީދު ބޭނުންފުޅުވާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ، ކޮމިޓީން ގޮތެއް ނިންމާފައި ވަނިކޮށް، އެ އިސްލާހު ގެނައުމަށް މަޖިލީހުގެ ރައީސަށް އެދިވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަނީ: ބިދޭސީންނަށް ރެސިޑެންސް ވިސާ ދޭން އުޅޭ ގޮތާ މެދު އިދިކޮޅުން އަންނަނީ ހިތްހަމަނުޖެހުންފާޅުކުރަމުން.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ރޭ ޕީޕީއެމްގެ ބައްދަލުވުމުގައި ވިދާޅުވީ، އިމިގްރޭޝަން ގާނޫނުގެ 16 ވަނަ މާއްދާ އަށް ސަރުކާރުން ގެންނަން ހުށަހެޅި އިސްލާހާ މެދު ކޮމިޓީގައި މަޝްވަރާކޮށް، އެ މަރުހަލާ ނިންމައި ތަޅުމަށް ފޮނުވާފައި އޮއްވައި މަޖިލީހުގެ ރައީސް ބޭނުންފުޅުވެގެން އެ އިސްލާހު އަނބުރާ ފޮނުވައިލުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

"އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫން. ކޮމިޓީއަކުން ނިންމާ ރިޕޯޓެއް އަނެއްކާ ކޮމިޓީ އަށް އަނބުރާ ފޮނުވާ މަޖިލީހުގެ ރައީސް މި އޮތީ އެ ކޮމިޓީ އަށް ތިން ހަތަރު އިސްލާހެއް ޕްރޮޕޯސް ކޮށްފައި،" ޝިޔާމް ވިދާޅުވި އެވެ.

ވިލާމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހްމަދު އުޝާމް ވެސް ވަނީ އިމިގްރޭޝަން ގާނޫނުގެ އިސްލާހުތަކުގެ ރިޕޯޓް، ކޮމިޓީ މަރުހަލާ ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އަނބުރާ ކޮމިޓީ އަށް ފޮނުވައިލި ގޮތާ މެދު ހިތްހަަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

ކޮމިޓީތަކުގެ ރިޕޯޓް މަޖިލީހުގެ ރައީސަށް ފޮނުވުމުން، އެ ބިލުގައި ނުވަތަ ރިޕޯޓުގައި ހުރި ކަމެއް އިސްލާހުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސަށް ފެނިވަޑައިގެން އަނބުރާ ފޮނުވާ ނަމަ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ސަބަބު ބަޔާންކޮށް ފޮނުއްވިދާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 97 ވަނަ މާއްދާގައި އޮންނަ ކަން އުޝާމް ފާހަގަކުރެއްވި އެވެ. އެކަމަކު ގާނޫނަށް ވަކި އިސްލާހެއް ގެނައުމަށް ބިލް އަނބުރާ ފޮނުވިދާނެ ކަމަކަށް އުޝާމް ގަބޫލު ނުކުރައްވަ އެވެ.

"އުސޫލީ މައްސަލަތަކެއް އުޅޭ ނަމަ މަޖިލީހުގެ ރައީސަށް [ބިލް] އަނބުރާ ފޮނުވާލެވިދާނެ. އެކަމަކު ބިލެއްގައި ވަކި ކަމެއް ހިމެނުމަށް، ވަކި ގޮތަށް ބިލް ފަރުމާ ކުރުމަކަށް އަނބުރާ ކޮމިޓީ އަށް ފޮނުވާލުން ބަލައެއް ނުގަނެވޭ. އެގޮތަށް އެ ކަމެއް ނުކުރެއްވޭނެ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީގެ ރިޕޯޓެއް އަލުން ކޮމިޓީ އަށް ފޮނުއްވާ ނަމަ އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ވެސް ލިޔެކިޔުމުންނެވެ.

"އެގޮތަށް ނޫން އެކަން ހިނގައި ދިޔައީ. ކޮމިޓީގެ މުގައްރިރު އެފަދަ ލިޔުމެއް މެމްބަރުންނަށް ހިއްސާއެއް ނުކުރައްވާ. މަޖިލީހުގެ ރައީސް، އިސްލާހު ގެންނަވަން ބޭނުންވާތީ ފޮނުވީއޭ ވިދާޅުވީ. އަޅުގަނޑު އެ ދުވަހު ވެސް ކޮމިޓީގައި އިއުތިރާޒްކުރިން،" އިމިގްރޭޝަންގެ ގާނޫނުގެ އިސްލާހު ދިރާސާކުރި ކޮމިޓީގެ މެމްބަރު އުޝާމް ވިދާޅުވި އެވެ.

އިމިގްރޭޝަން ގާނޫނަށް ނަޝީދު އިސްލާހު ހުށަހެޅުއްވީ ކަމަށް ބުނެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އެކަން ދިފާއު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ އެ މަނިކުފާނު ހުށަހެޅުއްވީ އިސްލާހެއް ނޫން ކަަމަށެވެ. ނަޝީދު ވެސް އެހެން ވިދާޅުވެ އެމްޑީޕީގެ ވަޓްސްްއެޕް ގްރޫޕަކަށް ފޮނުއްވި ކަމަށް ބުނާ މެސެޖެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

އެ މެސެޖުގައި އޮތީ، "ބިލްގެ އިބްތިދާއީ ބަހުސްގައި ފާހަގަކުރެވުނު ކިތަންމެ ކަމެއް ބިލް ކޮމިޓީ އިން ދިރާސާކުރިއިރު ހިމެނިފައި ނުވާތީ ކޮމިޓީގެ މަސައްކަތް ފުރިހަމަ ކުރުމަށް ބިލް ފޮނުވީ" ކަމަށެވެ. އެ ބިލް ފޮނުވި އިރު "އިބްތިދާއީ ބަހުސްގައި ފާހަގަވެފައިވާ ކަންކަން އަނެއްކާވެސް ފާހަގަކޮށްދިނީ" ކަމަށް އެ މެސެޖުގައިވެ އެވެ.

"އުސޫލީ މައްސަލަތަކެއް އުޅޭ ނަމަ މަޖިލީހުގެ ރައީސަށް [ބިލް] އަނބުރާ ފޮނުވާލެވިދާނެ. އެކަމަކު ބިލެއްގައި ވަކި ކަމެއް ހިމެނުމަށް، ވަކި ގޮތަށް ބިލް ފަރުމާ ކުރުމަކަށް އަނބުރާ ކޮމިޓީ އަށް ފޮނުވާލުން ބަލައެއް ނުގަނެވޭ. އެގޮތަށް އެ ކަމެއް ނުކުރެއްވޭނެ،"--- އުޝާމް

މިދިޔަ ބުދަ ދުވަހު ބޭއްވި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ ފައްޓަވައި ދެއްވަމުން ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅޭ ރިޕޯޓް ކޮމިޓީ އަށް މަޖިލީހުގެ ރައީސް އަނބުރާ ފޮނުއްވީ އަލުން ވިސްނުމަށް އެދިވަޑައިގެން ކަމަށެވެ. އެ ކޮމިޓީގައ ނިންމާނީ ޝަރީފް ވިދާޅުވި ގޮތުގައި އިމިގްރޭޝަން ގާނޫނު އޮންނަންވީ ގޮތާ ގުޅޭ ގޮތުން ކޮމިޓީން ގަބޫލުކުރާ އުސޫލެވެ. މަޖިލީހުގެ އިދާރީ މުވައްޒަފުން އެ އިސްލާހުތައް ޑްރާފްޓް ކުރެއްވިޔަސް ކޮމިޓީން ފާސްކުރާނީ ހިތްހަމަޖެހޭ ދަރަޖައަަކަށް އިބާރާތް ކުރުމާއި ކަންކަން ހުރެއްޖެ ނަމަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެ ކޮމިޓީގައި، 100،000ރ. އަށް ވުރެން މަތިން އިންވެސްޓްމެންޓް ކުރާ މީހުންނަށް ރަށްވެހިކަން ދިނުމާ މެދު ކޮމިޓީގެ މެމްބަރުންގެ ވެސް ކަންބޮޑުވުންތަކެއް ހުރި ކަން ޝަރީފް ފާހަގަކުރެއްވި އެވެ.

"އަދި ތިޔަ ބޭފުޅުން [ކޮމިޓީގެ މެމްބަރުން] ވާހަކަ ދެއްކެވި 10 އަހަރު ވިޔަސް އަދި 20 އަހަރު ވިޔަސް ބޭރު މީހަކު ރާއްޖޭގައި ތަނެއް ކުއްޔަށް ހިފީމާ، އެ ސަބަބަށްޓަކައި އޭނަ އަށް ޕާމަނަންޓް ރެސިޑެންސީއެއް ނުދެވޭނެއޭ،" ޝަރީފް ވިދާޅުވި އެވެ.

ގާނޫނުގައި ރަށްވެހިކަން ދެވޭ ގޮތަށް މިހާރު ވެސް އޮވެ އެވެ. އެކަމަކު ދައުލަތުގެ އިދާރާތަކުން ގަބޫލުކުރާ މިންވަރަކަށް އިންވެސްޓްމެންޓްތައް ކުރާ ފަރާތްތަކަށެވެ.

ދިވެހިންނާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް މިހާރު ވެސް ރަށްވެހިކަން ދީފައި އޮވެ އެވެ. އެކަމަކު އަހަރުން އަހަރަށް އާ ކުރަން ޖެހޭ ގޮތަށެވެ. އަހަރުން އަހަރަށް ރަށްވެހިކަން އާ ކުރަން އުނދަގޫވާ ނަމަ އެއީ ލުޔެއް ހޯދިދާނެ ކަމެއް ކަމަށާއި އެކަމަކު މިހާރު ހުށަހަޅާފައި އޮތް ގޮތަށް، މިނިވަންކަމާއ އިސްތިގުލާލަށް ނުރައްކާވާ ގޮތަށް ރަށްވެހިކަން ދޫކޮށްލުން ގޯސް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭން މަޖިލީހުގެ ރައީސް ގެންގުޅުއްވާ ވިސްނުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވި ގޮތުގައި އިސްލާހު ގާނޫނުއަސާސީއާ ވެސް ޚިލާފެވެ.

ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ވިދާޅުވީ މީހަކު ތަނެއް ކުއްޔަށް ހިފުމަކީ އެއްވެސް ގައުމެއްގައި ވިސާ ދޭން އޮންނަ އުސޫލެއް ނޫން ކަމަށެވެ. އޭގައި ބަލަން ޖެހޭނީ އެތަން ކުއްޔަށް ހިފައިގެން އޭނާ ގައުމަށް ކުރާ ހޭދައަކަށް ކަމަށާއި އެހާ ލުއިކޮށް އެކަން ބާއްވާކަށް ފެނިވަޑައިނުގަންނަވާ ކަަމަށް އަފީފް ވަނީ ވިދާޅުވެފަ އެވެ.