އަރީފަށް ނަސޭހަތްތެރިވެ، ވިޕްލައިނާ ހިލާފު ނުވުމަށް އިތުރު ފުރުސަތެއް ދީފި

ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ނެރޭ ވިޕްލައިނާ ހިލާފުނުވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ މެމްބަރު ހުސެއިން އަރީފަށް ނަސޭހަތްތެރިވެއްޖެ އެވެ.


އެމްޑީއޭއިން ބުނި ގޮތުގައި އަރީފު ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވެވަޑައިގަންނަވާތީ ޕާލަމެންޓްރީ ކައުންސިލަށް މައްސަލަ ހުށަހަޅައިގެން އޭނާ އަށް އިތުރު ފުރުސަތެއް ދޭން ވަނީ ނިންމައިފަ އެވެ. އަދި ދެ ވަނަ ފަހަރަށް ވިޕްލައިނާ ހިލާފުނުވާން އެމްޑީއޭއިން އަރީފަށް ނަސޭހަތްތެރިވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އަރީފަކީ މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ކޯލިޝަނުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެވަޑައިގަންނަވާ އެމްޑީއޭގެ ހަމައެކަނި މެމްބަރެވެ. އެ ގޮތުން ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ހިޔާލު ފާޅުކުރުން ނިގުޅައިގަތުމަށް ފާސްކުރި ބިލާއި ކޮމަންވެލްތުގެ މެމްބަރު ކަމުން ވަކިވާން ނެގި ވޯޓުގައި ވެސް ސަރުކާރާ ދެކޮޅަށް އޭނާ ވޯޓު ދެއްވި އެވެ.

މީގެ އިތުރުން އަރީފަކީ މިހާރު ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާކަން ހާމަކޮށް، މައުމޫން ބާއްވަވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ފަހަކަށް އައިސް މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ މެމްބަރެކެވެ.

އެމްޑީއޭގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާލެމެންޓްރީ ކައުންސިލުން ނިންމާ ނިންމުން ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހުށަހަޅަން ޖެހޭއިރު، އެ ކޮމެޓީ އަށް ނަސޭހަތްތެރިވުމާއި، އިންޒާރު ދިނުމާއި ޕާޓީން ވަކި ކުރުމުގެ ބާރު ކޮމެޓީ އަށް ލިބެ އެވެ.

ނަމަވެސް ކޮމެޓީން ނިންމާ ނިންމުން ތަންފީޒު ވާނީ ގައުމީ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ. އަސާސީ ގަވާއިދުގައިވާ ގޮތުން ގައުމީ މަޖިލީހުގެ ޖަލްސާއެއް ކޮންމެ ތިން މަހުން އެއް މަހު ބާއްވަން ވާނެ އެވެ. އަދި ޕާޓީގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ބޭނުންވެ ވަޑައިގެންފި ހާލަތެއްގައި ނުވަތަ ކައުންސިލްގެ 10 މެމްބަރުން ސޮއިކޮށް ޖަލްސާއެއް ބޭއްވިދާނެ އެވެ.

އަރީފަކީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް ގޮނޑި އަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، އޭނާ ޕީޕީއެމަށް ވެސް ސޮއިކުރެއްވި އެވެ. ނަމަވެސް މިއަދާ ހަމައަށް އޭނާ ހުންނެވީ އެމްޑީއޭގަ އެވެ.

އެމްޑީއޭއިން މިދިޔަ ބުރާސްފަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައަލީ މައުރޫފް ވިދާޅުވި ގޮތުގައި އަރީފަކީ އެމްޑީއޭގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫނެވެ. އަދި އަރީފަކީ "ދައުރުވުމުގެ ތެރޭގައި" އެމްޑީއޭ އަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުރުވާ ބޭފުޅުންގެ ވާހަކަތައް ދައްކާނީ ދައުރުވާ ގޮތަށް. އެމްޑީއޭގެ ލޯޔަލް އެމްޕީއެއް ނޫން އަރީފަކީ. މެމްބަރުން ދައުރުވާ ގޮތް އެނގޭ، އެ ދައުރުވުމުގެ ތެރޭގައި އައިސް ހުރި ބޭފުޅެއް އަރީފަކީ،" އެމްޑީއޭގެ ނައިބު ލީޑަރު ވިދާޅުވި އެވެ.