އަމުރު ނެރުނު ދަރަވަންދޫ އިސް މެޖިސްޓްރޭޓުގެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމައިފި

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރިޒް ކުންފުނީގެ މުވައްޒަފުން، އެ ރަށުން ބާލަން އަމުރު ނެރުނު ބ. ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ލަތީފާ ދެކޮޅަށް ހުށަހެޅި މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.


ކޮމިޝަނުން ބޭއްވި ބައްދަލުވުމަށް ފަހު، ނެރުނު ބަޔާނުގައި ބުނީ، ދަރަވަންދޫ ކޯޓުގައި ހިނގަމުންދާ ގަޟިއްޔާއަކާ ގުޅުން ހުރި ކަންތައްތަކެއްގެ ސަބަބުން ރިޒްގެ ގާނޫނީ ވަކީލަކު ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަމެއް ފާހަގަނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށް ބުންޏެވެ.

ދަރަވަންދޫ ކޯޓުގެ އަމުރުގައި ވަނީ، ސީލް ކުންފުނީގެ ބިދޭސީންނަށް މުސާރަ ނުދީގެން ހިންގި ހަމަނުޖެހުންތަކަށް ފަހު، އެ ކުންފުނިން ހަވާލުވާން އިންކާރުކޮށް، ނުގެންގޮސް ތިބި މީހުންނާ ހަވާލުވެ ބޮޑުފިނޮޅުން ވަގުތުން ބޭލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރިޒާގެ އެ ކުންފުންޏަށް ގާނޫނީ ލަފާދޭ ލޯ ފާމު، "ލޯ ކްރާފްޓް" އިން މިދިޔަ ހަފުތާގައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ މެޖިސްޓްރޭޓް ލަތީފު އަމުރެއް ނެރުއްވީ ވަކި ބަޔަކަށް މަންފާ ހޯދައިދޭން ގާނޫނާ ހިލާފަށް ކަމަށެވެ. އަމުރު ނެރުއްވީ ބޮޑުފިނޮޅުގެ މައްސަލައިގައި ހިންގަމުންދާ ހިއުމަން ޓްރެފިކިންގެ ތަހުގީގަށް ހުރަސްއެޅޭ ގޮތަށް ކަމަށާއި މިކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ވެސް ހިމެނޭ ކަމަށް އެ ލޯފާމުން ވަނީ ތުހުމަތުކޮށްފަ އެވެ.

ބޮޑުފިނޮޅުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް ބުނާގޮތުން، އެ ރަށުގައި ތިބި 179 ބިދޭސީންނަކީ އެ ރަށް ތަރައްގީކުރަން ހަވާލުކުރި ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. އެކަމަކު، ރިޒް ކުންފުނިން ބުނެފައިވަނީ އެއީ ކޮން ބައެއްކަން އެނގޭނެ ލިޔެކިޔުން ވެސް ނެތް ކަމަށާއި އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ.

ރިޒުން ބުނެފައިވަނީ މުވައްޒަފުންނަށް މުސާރަ ނުދެވުނީ ސީލް އިން ފައިސާ ނުދޭތީ ކަމަށެވެ. އެކަމަކު، ސީލް އިން ވަނީ އެ ތުހުމަތަށް އިންކާރުކޮށް، ފައިސާ ދިން ކަމަށް ބުނެފަ އެވެ. ބުނެފައިވަނީ ރިޒްގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގައި އޮންނަ ގޮތުން ރިޒްގެ ޒިންމާއެއް ކަމަށާއި އެއީ ސީލް އިން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.