ފަނޑިޔާރު ޝުޖާއުގެ މައްސަލަތައް ބެލުމުގައި ޖޭއެސްސީ އިންސާފުވެރިއެއް ނޫން: އުޝާމް

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނުގެ ސުލޫކީ މައްސަލަތައް ބެލުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިންސާފުވެރިކަމާއި ހަމަހަމަކަން ނުގެންގުޅޭކަން ސާފުވެފައިވާ ކަމަށް، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.


އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު އަދި ފަނޑިޔާރު ޝުޖާއުގެ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އެއްވެސް ވަރަކަށް އިންސާފުވެރިކަމާއި ހަމަހަމަކަން ނުގެންގުޅޭކަން ސާފުކަމަށެވެ.

އުޝާމް "މިހާރު" އަށް ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ފާހަގަވެއްޖެ ނަމަ އެކަން ބަލަންޖެހޭނެ ކަމަށެވެ. މައްސަލަތައް ބެލުމުގައި ހަމަހަމަކަން ގެންގުޅެން ޖެހޭނެ ކަމަށާއި އެކަމަކު މިހާރު ފެންނަނީ، ބައެއް ބޭފުޅުންގެ ސުލޫކީ އެންމެ މައްސަލައެއް ފެންނައިރަށް ވެސް ދެ ތިން ދުވަހުގެ ތެރޭގައި ސަސްޕެންޑުކުރާތަން ކަމަށް ވިދާޅުވި އެވެ. އަނެއް ބައި ބޭފުޅުންގެ ސީރިއަސް، ބޮޑެތި ތުހުމަތުތައްކޮށް މައްސަލަ ބެލުމުގައި އަހަރު ދުވަސް ވެގެންދާއިރު ވެސް އެ ބޭފުޅުންނަށް ފިޔަވަޅެއް ނާޅައި ފަނޑިޔާރުކަމުގައި ތިއްބަވާ ކަމަށް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ފަނޑިޔާރުކަމުގައި ހުންނަވައިގެން ކުރައްވާ ހުކުމްތަކާ ގުޅޭގޮތުން އަނެއްކާ ވެސް އިތުރު ޝަކުވާތައް އަންނަކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އިންސާފުވެރިކަމެއް ހަމަހަމަކަމެއް ނެތް. ވަރަށް ސިޔާސީގޮތެއްގައި ކަންކަން ނިމިގެންދާކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަން އެ ވަނީ ޖޭއެސްސީ އިސްލާހުކުރަން މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ޖޭއެސްސީން ކަންކަން އިސްލާހުނުކުރާތީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތް ބަދަލުނުކުރާހާ ހިނދެއްގައި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބޭރުކޮށްލެއްވުމުން ގާޒީ އިސްމާއިލް ރަޝީދަށް ސުލޫކީ މައްސަލަތަކެއް ތުހުމަތުކޮށް އޭނާ 60 ދުވަހަށް ސަސްޕެންޑުކުރަން ޖޭއެސްސީން ވަނީ އިއްޔެ ނިންމައިފަ އެވެ. މިއީ އޭނާއާ ގުޅޭގޮތުން ފާހަގަވި މިފަދަ ފުރަތަމަ މައްސަލަ އެވެ.

ނަމަވެސް ޝުޖާއުއާ ގުޅޭ އެތައް މައްސަލައެއް ޖޭއެސްސީން ބަލަމުންދާއިރު، މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް "ތަހުގީގުކުރާތާ" އަހަރެއް ވެދާނެ އެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަދި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކުރަން ކެމްޕެއިން ކުރެއްވި މައްސަލަތައް ބަލައި، ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުން ހަސަން ނަޖީބު ވަކިކުރަން ވެސް އެ ކޮމިޝަނުން ނިންމި އެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމުގެ އެއް ދުވަސް ކުރިން އޭނާ ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.

ސިޔާސީ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ތުހުމަތުގައި ނަޖީބު ވަކިކުރަން ނިންމިއިރު، އެ ކެމްޕެއިންތަކުގައި ފަނޑިޔާރު ޝުޖާއު ބައިވެރިވެވަޑައިގަންނަވާ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. ނަމަވެސް ފަނޑިޔާރު ޝުޖާއު އަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.