ކެންޑިޑޭޓުންގެ މާލީ ބަޔާން އޮޑިޓް ކުރުވަންޖެހޭ ގޮތަށް ހަދައިފި

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މާލީ ބަޔާން އޮޑިޓަރަކު ލައްވައި، އޮޑިޓް ކުރުވަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.


އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިޚާބާ ގުޅިގެން ކުރި ޚަރަދުތަކާއި ލިބުނު ފައިސާ ހިމެނޭ ގޮތަށް މާލީ ބަޔާނެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. ކުރިން އޮންނަ ގޮތުން އެ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ނަމަވެސް އިންތިޚާބުތަކާބެހޭ އާންމު ގަވާއިދަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ގެނައި އިސްލާހުގެ ދަށުން، ހުރިހާ އިންތިޚާބެއްގައި ވެސް، ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ ކުރިން، ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އޮޑިޓަރަކު ލައްވައި، އެ މާލީ ބަޔާނެއް އޮޑިޓް ކުރުވަން ޖެހޭނެ އެވެ. މާލީ ބަޔާން އޮޑިޓް ކުރުމުގައި، އެ ކެންޑިޑޭޓަކު އިންތިޚާބުގައި ޚަރަދުކުރީ ގާނޫނާ އެއްގޮތަށް ކަން އެ އޮޑިޓަރު ކަށަވަރު ކުރަން ވެސް އާ ގަވާއިދު ލާޒިމް ކުރެ އެވެ.

އެގޮތުން، ކެންޑިޑޭޓަށް ލިބޭ ފައިސާ ޖަމާކުރަން ވަކި އެކައުންޓެއް ހަދާފައިވޭތޯ އާއި ކެންޑިޑޭޓަށް ލިބޭ އެހީ ބަލައިގަންނަނީ ކެންޑިޑޭޓް ނުވަތަ އޭނާގެ އެޖެންޓް ކަން ކަށަވަރު ކުރުމަށާއި ކެންޑިޑޭޓް ޚަރަދުކުރީ ގާނޫނުގައި ބުނާ މިންވަރަށް ވުރެ އިތުރުނުވާ ގޮތަށް ތޯ އާއި ކެންޑިޑޭޓުން އެހީ ބަލައިގަތީ ގާނޫނުގައި ބުނާ މިންވަރަށް ވުރެ އިތުރު ނުވާ ގޮތަށް ކަން ވެސް އޮޑިޓަރުން ބަލަން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ. އެކަންކަން ސާބިތު ކުރަން އިންވޮއިސް އާއި ބިލް ފަދަ ލިޔުންތައް ހުށަހަޅާފައިވާ ކަން އޮޑިޓަރުން ބަލަންޖެހޭ ގޮތަށް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

އިސްލާހުގައިވާ ގޮތުން، ގަވާއިދުގައިވާ ކަންކަމަށް ރިއާޔަތް ނުކުރާ އޮޑިޓަރުންނާ މެދު ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކުގައި އިލެކްޝަންސް ކޮމިޝަނުން އެދޭނެ އެވެ.