އެމްއެމްޕީއާރުސީގެ މައްސަލަ އަހަރެއްހާ ދުވަހުން ވެސް ނުނިމޭނެ: އޭސީސީ

ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެއެމްއެމްޕީއާރުސީގެ މައްސަލަތައް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ބަލައި ނުނިމޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.


މިނިވަން މުއައްސަަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ މެެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތަހުގީގެއް ނިމޭނެ ކަމަށް ލަފާކުރާ މުއްދަތު ކަނޑައަޅަނީ ތުހުމަތުވާ މީހުންގެ ތެރެއިން މީހަކަށް ވަކިވަރެއް ކަނޑައަޅާ އުސޫލަކުން ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެކި މީހުންގެ މައްސަލަ އަށް އެކި ވަރަށް ވަގުތު ހޭދަވާނެ އެވެ.

"ރިއަލިސްޓިކް އަޅުގަނޑުމެން ވާން ޖެހޭނެ، ޕްރެކްޓިކަލް ވާން ޖެހޭނެ. އަަޅުގަނޑު ގަބޫލު ކުރަން އާއްމުން ވެސް މަޖިލީހުން އަދި ދެން ތިބި ހުރިހާ ފަރާތްތަކުން ވެސް ބޭނުން ވާނީ އަަވަހަށް ނިންމަން. އެކަމަކު ރަނގަޅަށް އަޅުގަނޑުމެން މި ގެންދާ ގޮތުން ކުރިއަށް އޮތް ހަ މަސް ތެރޭ ނުނިމޭނެ އަދި އެއް އަހަރު ދުވަސް ތެރޭ ވެސް ނުނިމިދާނެ،" ޝަކީލް ވިދާޅުވި އެވެ.

ނަމަވެސް ހަމަ އެ ނޭވާގައި އޭނާ ވިދާޅުވީ މިހާރު ހުރި ވަސީލަތްތަކާ އެކު ކުރިއަށް ދާ ނަމަ މާ ގިނަ ދުވަސްތަކެއް ނުވާނެ ކަމަށާއި ގަބޫލު ނުކުރެވޭ ވަރަށް ތަހުގީގު ދިގުދެމިގެން ނުދާނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އަވަސް ކުރުމަށްޓަކައި ތިން މުއައްސަސާގެ ވެރިން ވަރަށް ގާތުން ކަންކަން ބައްލަވަމުން ގެންދަވާ ކަމަށާއި އެގޮތުން ހަފުތާއަކު އެއް ފަހަރު ބައްދަލުވުންތައް ބާއްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުން އަންނަނަނީ ފަހަރަކު 30 މީހުންގެ ތަހުގީގު ކުރިއަށް ގެންދާ ގޮތަށެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް ކުރަން ނިންމީ މަޝްވަރާ ކުރުމަށް ފަހު، ތިން މުއައްސަސާގެ ވެރިން ވެސް އެއްބަސްވެގެން ކަމަށެވެ.

ތަހުގީގަކަށް ހޭދަވާނެ ވަގުތު އަންދާޒާ ކުރަނީ ޝަކީލް ވިދާޅުވި ގޮތުގައި މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލައިގެންނެވެ.

"މިސާލަކަށް ވަރަށް ބައިވަރު ވިޔަފާރިތަކެއް ކުރާ މީހަކު، މީގެ ތެރޭ ހިމެނޭ ކަމަށް ވެއްޖިއްޔާ، އެއްވެސް ވަރަކަށް ވިޔަފާރި ނުކުރާ މީހަކާ ބަލާއިރު، މީގެ ފައިނޭންޝަލް ސްޓޭޓްމަންޓްތަައް ބަލައި ޕްރޮފައިލިންގެ މަސައްކަތް ކޮށް، އެސެޓް ޓްރޭސް ކުރުމުގެ މަސައްކަތްތައް ކުރުމުގައި ވަރަށް ބޮޑު ޑިފަރެންސެއް އަންނާނެތާ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޝަކީލްގެ އެ ޖަވާބާ މެދު މެމްބަރު އަހުމަދު އަބްދުﷲ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުން އަންނަނަނީ ފަހަރަކު 30 މީހުންގެ ތަހުގީގު ކުރިއަށް ގެންދާ ގޮތަށެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް ކުރަން ނިންމީ މަޝްވަރާ ކުރުމަށް ފަހު، ތިން މުއައްސަސާގެ ވެރިން ވެސް އެއްބަސްވެގެން ކަމަށެވެ.

އޭނާގެ ހިތްހަމަނުޖެހުމަކީ ތަހުގީގު ވަރަށް އަވަހަށް ކުރާނަމޭ ނުވަތަ ވަރަށް އަވަހަށް ނިމޭނެ ކަމަށް އޭސީސީން ބުނުމެވެ. އަހުމަދު އަބްދުﷲ ވިދާޅުވީ، އެގޮތަށް ބުނުމަކީ ޓާގެޓެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެމްއެމްޕީއާރުސީގެ މައްސަލަ ނިންމައި ދައުވާ ކުރަން ފޮނުވަން އޭސީސީން ކަނޑައަޅާފައިވާ ޓާގެޓް އަންގައި ދިނުމަށެވެ.

"ހަމަަ ވަރަށް ސްޕެސިފިކް ކޮށް ވިދާޅުވެދެއްވަފާނަންތޯއޭ ތިޔަ ބޭފުޅުންގެ ޓާކެޓަކީ އެމްއެމްޕީއާރުސީގެ މައްސަލަ ނިންމައި ދައުވާ ކުރަން [މިސާލަކަށް] އެއް އަހަރު ދުވަހުގެ ތެރޭގައި ފޮނުވުމޭ. ޓާގެޓެއް އޮންނާނެ، ފަހަރެއްގައި އޭގައި އިސްފަސް ކަމެއް އައިސް ދާނެ،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭސީސީން މަސައްކަތް ކުރާކަން ވެސް ގަބޫލު ކުރައްވާ ކަަމަށާއި އެކަަމަކު މައްސަލަތައް ނިންމަން އިސްކަންދޭ ތަރުތީބެއް ކަނޑައަޅައި ޕްލޭންތަކެއް ހުރި ކަން ނުވަތަ ނޫން ކަން އޮޅުންފިލުއްވަން ބޭނުންވާ ކަމަށެވެ.

ޖަވާބުގައި ޝަކީލް ވިދާޅުވި ގޮތުގައި، ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. އެހެންވެ، ކެޓަގަރައިޒްކޮށް، ޓައިމްލައިނެއް ކަނޑައަޅަން މަސަައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.