ބެލަރުސްގައި ތާށިވި ދަރިވަރުންނަށް ރާއްޖެ އާދެވޭ ގޮތް ހަމަޖައްސައިފި

ބެލަރުސް އިން މާލެ އަންނަން މިންސްކް އެއާޕޯޓަށް ގޮސް ނާދެވި ތިބި ދިވެހި ދަރިވަރުންނަށް މާލެ އާދެެވޭނެ ގޮތް ހަމަޖައްސައިފި އެވެ.


މިމަހުގެ 18 ވަނަ ދުވަހު ބެލަރުސް އިން މާލެ އަންނަން މިންސްކް އެއާޕޯޓަށް ގޮސް ރާއްޖެ އަށް އާދެވޭނެ ގޮތެއް ނެތި 26 މީހަކު އެބަ ތިއްބެވެ. ފޮރިން މިނިސްޓްރީން ބުނީ ބެލަރޫސް ސަރުކާރާއި، ބެލާވިއާ އެއަލައިން އަދި ގަތަރު އެއަވޭސްއާ އެކު، ޖަރުމަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި މަޝްވަރާކޮށްގެން މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

ބެލަރޫސްގައި ތިބޭ ދިވެހި ދަރިވަރުންނަށް ކޮންސިއުލާ ހިދުމަތްދެނީ އެ ގައުމާ އެންމެ ކައީރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަން ކަމަށްވާ ޖަރުމަނުގައި ހުންނަ އެމްބަސީ އިންނެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ 26 ދަރިވަރުންނަށް ވެސް ރާއްޖެ އާދެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން ދަރިވަރަކު މިންސްކުން އިސްތަންބޫލަށް ގޮސް ދޯހާ މަގުން މާލެ އަންނަން ރޭ ފުރާފައި ވާއިރު ހަ ދަރިވަރަކު ހަމަ އެ މަގުން މާލެ އަންނަން މާދަމާ ފުރާނެ ކަމަށް ބުންޏެވެ.

ހަ ދަރިވަރަކު މިންސްކުން މިލާނަށް ގޮސް، ދޯހާ މަގުން މާލެ އަންނަން މިއަދު ފުރާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ފަސް ދަރިވަރަކު އެންސްޓަޑަމް އަށް ގޮސް ދޯހާ އިން މާލެ މަގުން މިއަދު ފުރާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމުތަކުގެ ބޯޑަރުތައް އަދިވެސް ބަންދުކޮށް، ވިސާގެ ބައެއް ކަންކަމަށް ވެސް ބަދަލު އައިސްފައިވާތީ، ބޭރުގައި ތިބެ ރާއްޖެ އަންނަ މީހުންނާއި ބޭރަށްދާ މީހުން ވެސް މި ކަންކަމަށް ބަލައިގެން ދަތުރުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

އެގޮތުން ރާއްޖެއިން ބޭރަށްދާ ކުރާ ދަތުރުތަކުގައި ޓްރާންސިޓްކުރާ ގައުމުތަކުގެ ވިސާ ރިކުއަޔަމަންޓް، ޓިކެޓް ނެގުމުގެ ކުރިން ބެލުމަށާއި ދަތުރުކުރުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެގުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބެފައި ރާއްޖެ އަންނަ ނަމަ އައުމުގެ ކުރިން އެޗްޕީއޭގެ "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓްރީކުރުމަށް ވެސް އެދިފައިވެ އެވެ.