ޝަމީމް ހުންނަވައިގެން އިންސާފުވެރިކޮށް މައްސަލައެއް ނުބެލޭނެ، އިސްތިއުފާ ދޭންޖެހޭ: އިދިކޮޅު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މަސްލަހަތު ފުށުއަރާ ކަމަށާއި އޭނާ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފަައިވާ ކަމަށް ބުނެ ޝަމީމްގެ މައްސަލަ ބާ ކައުންސިލަށް އަމިއްލަ މީހަކު ހުށަހަޅާފައިވެ އެވެ. އެ ތުހުމަތުތައް ދޮގު ކުރައްވައި، ޝަމީމް ވިދާޅުވެފައިވަނީ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ މައްސަލަތަކާ ގުޅޭ ކަންކަމުން ތަނާޒުލްވެވަޑައިގެންފައިވާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޝަމީމަށް ތުހުމަތުކޮށް، ބާ ކައުންސިލަށް ހުށަހެޅި ކަންކަމުގައި ޖިނާއީ ތުހުމަތުތަކެއް ވެސް ހިމެނޭ ކަމަށެވެ. އެހެންވެ، ޝަމީމް އެ މައްސަލަތަކުން ތަނާޒުލްވުމަކުން ނުފެދޭ ކަމަށް ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ ޝަމީމް އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި މަގާމުގައި ހުންނަވައިގެން އިންސާފުވެރިކަމާ އެކު އެމްއެމްޕީއާރުސީގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އިސްތިއުފާ ނުދެއްވައިފި ނަމަ، ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލީހުން އެބަޖެހޭ ހުސައިން ޝަމީމް އެ މަގާމުން ވަކިކުރަން. ހުސައިން ޝަމީމް އެ މަގާމުގައި ހުރެގެން އެމްއެމްޕީއާރުސީގެ މައްސަލަ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޖީ ޝަމީމް މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޝަމީމް، އެ މަގާމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އިންސާފުވެރިކަމާ އެކު، ބެލޭނެ ކަމަށް އިދިކޮޅުން ގަބޫލެއް ނުކުރޭ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ އިންސާފުވެރިކޮށް ނުބެލުމުގެ ނަތީޖާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން އަނިޔާތަކެއް ލިބުން ކަމަށެވެ. އަދި މަސްލަހަތު ފުށުއަރާ ޕްރޮސެކިއުޓާ ޖެނެރަލަކު މަގާމުގައި ހުންނަވައިގެން ޔާމީނަށް ދައުވާ އުފުލުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށާއި އެހެންވެ، ބާ ކައުންސިލުން އެ މައްސަލަ އަވަހަށް ބަލަން އޭނާ ގޮވާލެއްވި އެވެ. އަދި އެ ކައުންސިލް އުވާލަން އުޅޭ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މި މައްސަލަ ނިމޭ ގޮތަކުން ބާ ކައުންސިލް އުވާލަން ވެސް ސަރުކާރުން މަޝްވަރާ ކުރަމުން އެބަދޭ. އަޅުގަނޑުމެން ދައުލަތުގެ އެޓާނީ ޖެނެރަލަށް ދަންނަވާނީ ބާ ކައުންސިލްގެ މަަސައްކަތަށް ހުރަސް ނާޅުއްވާށޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރުން ވެސް އެއްވެސް ޖެހިިލުމެއް ނެތި، ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރަން ގޮވާލައްވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބިރު ދެއްކުންތަކަށް ފަސް ނުޖެހުމަށް އެދޭ ކަމަށާއި އަދި ޕީޕީއެމްގެ ސަރުކާރެއްގައި އެފަދަ ފަނޑިޔާރުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީން ޖަލުގައި ހުންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން މިހާރު ހާމަވެފައިވާ ކަމަށާއި އެހެންވެ، މިހާރުން މިހާރަށް އެމަނިކުފާނު މިނިވަން ކުރަންޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.