ޚަބަރު / ހުސައިން ޝަމީމް (ޕީޖީ)

ޚިޔާނާތުގެ ހެކިތަކަށް ބަލައި 30 މީހުންގެ މައްސަލަ ބާރަށް ކުރިއަށް އެބަދޭ: ޝަމީމް

ްޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް "މިހާރު"އާ ވާހަކަ ދައްކަވަނީ: ޚިޔާނާތުގެ ތަހުގީގު ބާރަށް ކުރިއަށް އެބަދާ ކަމަށާއި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދައުވާކުރަން ފޮނުވޭނެ ކަމަށް އުއްމީދުކުރައްވާ ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން 30 މީހެއްގެ ތަހުގީގު ބާރަށް ކުރިއަށް އެބަދާ ކަމަށާއި އެ މައްސަލަތައް ލިބުމާ އެކު ލަސްނުކޮށް ދައުވާ އުފުއްލަވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މީގެ ފަސް އަހަރު ކުރިން 2015 ގައި ފަޅާއެރި ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ދައުލަތުގެ މަތީ މަގާމްތަކުގައި ކުރިން އަދި މިހާރު ތިއްބެވި ބޭފުޅުންނާއި ނުފޫޒާއި ބާރުގަދަ އެހެން ބައެއް މީހުން ވެސް ހިމެނޭ ލިސްޓެއް ވަނީ އެކުލަވާލައިފަ އެވެ. ޕީޖީ އެ ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހު އާއްމުކުރި ލިސްޓުގައި ހިމެނޭ 267 މީހެއްގެ ތެރެއިން 30 މީހަކަށް ތުހުމަތު ކުރާ މައްސަލަތަކުގެ ތަހުގީގުގެ ވާހަކަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް އަހްމަދު އަދީބާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުންނަށް ބައި އެޅުނު ޚިޔާނާތް މިދިޔަ ސަރުކާރުގައި އެކަށީގެންވާ ތަހުގީގެއް ނުހިންގުނެވެ. އެ ތުހުމަތާ އެކު މި ސަރުކާރުގައި ނިންމީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ އަދި ޕީޖީ އޮފީހުގެ ބައިވެރިވުމާ އެކު މައްސަލަ ތަހުގީގުކުރާށެވެ.

މި ސަރުކާރުގެ އިސް މަގާމުތަކާއި ވެރިކަން ކުރާ ކޯލިޝަނަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ވެސް ހިމެނޭ ހިޔާނާތް ތަހުގީގު ކުރަމުން އަންނަ އިރު ޕްރޮސިކިއުޓަ ޖެނެރަލްގެ މޭޒުކޮޅު މަތީގައި އަދިވެސް އޮތީ ޔާމީނާއި އަދީބުގެ މައްސަލަ އެކަނިތޯ "މިހާރު" އަށް ދެއްވި ގަޑިއެއްހާ އިރުގެ ޚާއްސަ އިންޓަވިއުގައި ސުވާލު ކުރުމުން ޕީޖީ އެކަން ދޮގެއް ނުކުރައްވަ އެވެ. ސީދާ ޖަވާބު ނުދެއްވައި ވިދާޅުވީ ވަކި ޝެޑިއުލެއް ހަދައިގެން ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށެވެ.

މި މައްސަލައިގައި ޔާމީނަށް އެކަނި ޖަލު ހުކުމެއްގައި ހުންނެވުމުން އިދިކޮޅު ޕީޕީއެމްގެ ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ވަކި މީހަކަށް ދައުވާ ކުރަން ނުވަތަ ނުކުރަން ނުބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ޝަމީމް ވިދާޅުވި ގޮތުގައި ހެއްކާ އެކު ފޮނުވާފައިވާ އެއްވެސް މައްސަލައެއްގައި މިހާތަނަށް ދައުވާ ނުކުރަން ނިންމަވައިފައެއް ނުވާނެ އެވެ.

"ޚާއްސަކޮށް އެމްއެމްޕީއާރުސީ މައްސަލައިގައި، ދައުވާ ކުރެވޭ ވަރަށް ހެކި ހުރެއްޖިއްޔާ ދައުވާ ނުކުރަން ނިންމާފައެއް ނުވާނެ. އެހެންވީމާ މާދަން ވެސް މި ހަފުތާގައި ވެސް އެހެން މައްސަލައެއް ފޮނުވައިފިއްޔާ ކުރިއަށް ގެންދާނަން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ އުއްމީދު ކުރައްވަނީ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެވެސް ދައުވާތަކެއް ކޯޓާ ހަމައަށް ފޮނުވޭވަރުވާނެ ކަމަށެވެ.

ޝަމީމް "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އަލީ ނިޝާން/މިހާރު

ޝަމީމް ވިދާޅުވީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ތަހުގީގު މިހާރު ކުރިއަށްދާ 30 މީހުންގެ މައްސަލަތަކާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ހަފުތާއަކު ދެ ފަހަރު މުއައްސަސާތަކާ ބައްދަލުކުރާ ކަމަށެވެ. އޭނާ އުއްމީދު ކުރައްވައިގެން ހުންނެވީ ފަހަރަކު މައްސަލައެއް ދައުވާކުރަން އެ އޮފީހާ ހަމައަށް ލަސްނުވެ ލިބޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ލިސްޓުގައި ހިމެނޭ މީހުންގެ ތެރޭގައި "ރަނގަޅު މީހުން" ނުވަތަ އެއީ ކޮން ފައިސާއެއް ކަން ނޭނގި މުއާމަލާތް ކުރި މީހުން އެބަތިއްބެވެ. އޭގެެތެރޭގައި ޑޮލަރު މާރުކޮށްގެން ވިޔަފާރި ކުރި މީހުންނާއި ޑޮލަރު މާރުކުރުމޭ ކިޔާފައި ފައިސާ ނަގައި ދަތުރުކުރުން ފަދަ ސުވާލު އުފެދޭ ބައިވަރު ކަންކަން ކޮށްފައި ހުރި ކަމަށް ވިދާޅުވި އެވެ.

"ޑޮލަރު މާރުކުރާ ވާހަކަ ދައްކާއިރު މިސާލަކަށް އަޅުގަނޑުގެ ކުންފުންޏަކުން ފައިސާއެއް ނުދޭ ޑޮލަރު ގަންނާކަށް، އެކަމަކު ޑޮލަރު އެބަދޭ. އެއީ ހަމަޖެހޭ ކަމެއް ނޫންތާ. ޑޮލަރު ގަންނަން ލިބެން ޖެހޭ ދިވެހި ފައިސާ ލިބުނީމަތާ ޑޮލަރު ދެވޭނީ. އެކަމަކު ދިވެހި ރުފިޔާ ވެސް ނުދީ ޑޮލަރު ދީ އަނެއްކޮޅުން ފައިސާ ނުވަދެ އޮޅުންތަކެއް އެބައުޅޭ. އެކަންކަން ސާފުކުރުން އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ،" ޝަމީމް ވިދާޅުވި އެވެ.

އެންމެ އަވަހަށް ނިންމަން އަމާޒު ހިފާފައިވާ މައްސަލަތަކުގެ ލިސްޓެއް ހެދީ، މިކަމުގައި އެންމެ ބޮޑަށް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމަނައިގެންނެވެ. އެއީ، ވަކި މަގާމެއް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ބަލައިގެން ނިންމާފައިވާ ކަމެއް ނޫން ކަމަަށް ޝަމީމް ވިދާޅުވި އެވެ.

"މި ވަގުތަށް ލިބިފައި ހުރި ހެކިތަކަށް ބަަލައިގެން ލިސްޓް ތަރުތީބުކުރީ،" އޭނާ ވިދާޅުވި އެވެ.

ތަހުގީގުގައި ލަސްކަމެއް ކުރިމަތިވީ ޝަމީމް ވިދާޅުވި ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ލޮކްޑައުނަކަށް ދާން ޖެހުމުން ބޭންކްތައް ފަދަ ތަންތަނުން ހޯދަން ޖެހޭ ލިއެކިއުންތައް ހޯދުން ފަދަ ކަންކަމުގައި ދަތިތަކެއް ކުރިމަތިވުމުންނެވެ.

"އަޅުގަނޑުމެން އުއްމީދުކޮށްގެން ތިބީ ޖުލައި 9 އާ ހަމައަށް މައްސަލަތަކެއް ކޯޓަށް ވެއްދޭވަރުވާނެ ކަމަށް. އޭގެ ފަހަށް ވެސް ޝެޑިއުލްތަކެއް ހަދައިގެން އުޅުނީ،" ޝަމީމް ވިދާޅުވި އެވެ.

"ތަހުގީގު މިހާރު ކުރިއަށްދާ 30 މީހުންގެ މައްސަލަ ނިމުނީމަ އެހެން ބެޗެއް ވެސް ކުރިއަށް ދާނެ. ތަރުތީބުން އެބަ ކުރިއަށްދޭ."

މި ތަހުގީގުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އެއް ކަމަކަށް ފާހަގަކުރެއްވީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ބައިވެރިވުން ހިމެނޭ ގޮތަށް ހިންގާފައި އޮތް ހިޔާނާތަކަށް ވުމެވެ. އެއާއެކު ތުހުމަތު ކުރެވޭ ކަންކަން ނުބެލި އަހަރުތަކެއް ހޭދަވުމަކީ ވެސް ހުރަހެއް ކަމަށް ޕީޖީ ވިދާޅުވި އެވެ.

"މިއީ، އަޅުގަނޑު ބޭނުންވާ ސްޕީޑެއް ނޫން"

އެމްއެމްޕީއާރުސީގެ ޚިޔާނާތް އިންސާފުވެރިކަމާ އެކު ބަލައި އެކަން ކުރި މީހުންނާ މެދު ފިޔަވަޅު އަޅައި ދައުލަތަށް ގެއްލުނު ފައިސާ ހޯދައި ދިނުމަކީ މި ސަރުކާރުގެ މުހިއްމު އެއް ވައުދަށް ވިޔަސް ތަހުގީގުން ފެންނަނީ ލަސް ދުވެލީގައި ކުރިއަށްދާ ތަނެވެ. އަދީބަށް ލުއިތަކެއް ދޭން ނިންމައި ހެދި ޕްލީ ބާގެއިން އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ޚިޔާނާތް ހިނގައިދިޔަ ގޮތުގެ ސާފު މަންޒަރެއް ކިޔައިދެއްވައިފަ އެވެ. ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ހަވާލުކުރައްވައި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވި އެވެ. އެކަމަކު ތަހުގީގުގައި ބަލާނީ ހަމައެކަނި އަދީބުގެ ވާހަކަތަކަށް ނޫން ކަމަށާއި އެކަށީގެންވާ ހެކީގެ މައްޗަށް ކަން ހާމަކޮށް، ކަމާބެހޭ އިދާރާތަކުން ލިސްޓެއް އާއްމުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެ ލިސްޓުގައި ހިމެނޭ ހިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުވާ މީހުންނާ ސުވާލު ވެސް ކުރި އެވެ. އެކަމަކު އޭގެ ފަހުން ވެސް އަހަރަކާ ގާތްވެފައިވާ އިރު ޔާމީންގެ ފިޔަވައި އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ކޯޓެއްގައި ނެތެވެ.

ޝަމީމް ވިދާޅުވީ ތަހުގީގާއި ޝަރީއަތްތައް ވެސް އޭނާ ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާ ކަމަށެވެ. އެކަމަކު މުއައްސަސާތަކުގައި ވަސީލަތްތައް ހުރި މިންވަރާ އަޅާބަލާއިރު ތަހުގީގުގެ ސްޕީޑާ މެދު މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

"މިވަގުތު ހުރި ރިސޯސްއާ ބަލާއިރު އަޅުގަނޑު ހިތްހަމަޖެހޭ ސްޕީޑުގައި ކުރިއަށް އެބަދޭ،" ޝަމީމް ވިދާޅުވި އެވެ.

"ދައުވާ ކުރަން މި އޮފީހަށް އަންނަ ހިސާބުން ފެށިގެންތާ އަޅުގަނޑުގެ މަސައްކަތް ރަސްމީކޮށް ފެށެނީ. އޭގެ ކުރިން ލަފާ އެބަދެން، މަޝްވަރާ އެބަދެން. އަޅުގަނޑުމެންގެ ޕްރޮސެސްތައް އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި ކޯޓަށް މައްސަލަ ފޮނުވޭވަރަށް ހުރީ ތަރުތީބު ކުރެވިފައި."

ތަހުގީގީ އިދާރާތަކުން އާއްމުކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ އަށް ޚިޔާނާތް ވާން ފެށީ 2014 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އިއުލާންކޮށް އެއަށް ވަމުން ދިޔަ ތައްޔާރީތަކާ ހަމައިންނެވެ. މި ހިސާބުން ފަށައި، ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން ދައުލަތުގެ ފައިސާ ހޭދަކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ހިނގައިދިޔަ ބޮޑެތި ކަންކަމަށް ނުވަތަ މަޖިލީހުގައި ނެގި ވޯޓުތަކަށް ވެސް ފައިސާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތްކަމުގެ ވޯޓަށާއި ބައެއް ގާނޫނުތައް ފާސްކުރުމާއި ސަރުކާރުގެ އިސް ބޭފުޅުން ހިތްހަމަނުޖެހިވަޑައިގަންނަވާ ދައުލަތުގެ މުއައްސަސާތަކުގެ ވެރިން މަގާމުތަކުން ބޭރުކުރަން ވެސް އެ ފައިސާ ހޭދަކޮށްފައިވެ އެވެ.

އެއް ބަޔަކު ސިފަކުރާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައިގަނޑު އެއް ބޭނުމަކީ، އޭރުގެ ސަރުކާރަށް ލޮޅުން އަޔަނުދީ، ދައުލަތުގެ މުހިންމު ނިޒާމުތަކުގެ ވެރިން، ފައިސާގެ ނުފޫޒުން ގަތުމެވެ.

26 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 0%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްކިޕަރ

22 July 2020

"އެހެންވީމާ އެއެއްޗެހި ސާފުކުރުން އަޅުގަނޑުމެން މިކުރަން އުޅޭ ކަމަކީ.. ކޮށްފައި...ސާފުކުރާއިރުގައި އޭގެތެރެއިން (**އަޅުގަނޑުމެންނާއި ސިޔާސީ ގޮތުން ހަތުރުވެރި ބަޔަކަށް**) ޖިނާއީ ދައުވާއެއްކުރެވޭ ވަރަށް ހެކިހުރިއްޔާ އެމީހެއްގެމައްޗަށް ޖިނާއީ ދައުވާއެއްކުރުން...ދެން ނެތިއްޔާ..." ޝަމީމޫ ... ކިހިނެއް ތިޔާވަނީ

The name is already taken The name is available. Register?

99999

22 July 2020

އޭ ބުރޯ ނާޒިމްސޯ އާ ރިޔާޒް ސޯ ފުލުހުންގެ ފްލެޓޭ ކިޔަ ހަޑިހާވައިގެން ކަށްވާލި 600 މިލިއަން ރުފިޔާގެ މައްސަލަ ބަލަނީ ކޮން އިރަކުން؟ އެމްޕީއާރުސީއަށވުރެ ބޮޑޭ އޭތި!

The name is already taken The name is available. Register?

އަބްދޫ

22 July 2020

ޑޮލަރު ދިނީ އެމްއެމްޕީއާރުސީންތޯ ؟ ޑޮލަރުދިނީ އެްސްއޯއެފް ކުންފުނިންތޯ؟ގާނޫނުގައިވާގޮތުން އެމްއެމްޕީއަރުސީ ގެ ހިޔާނާތުގެ ޒިންމާ އުފުލަންޖެހެނީ ކޮންބަޔަކުތޯ؟އެސްއޮއެފް ކުންފުނީގެ ހިއްސާދާރަކުވެސް އެ ކުންފުނި ހިނަގަފަރާފާއި ފައިނެންސިއަލް މުވައްޒަފަކުވެސް އެމްއެމްޕިއާރުސީގެ ފައިސާއަށް ހިޔާނާތްތެރި ނުވަނީސް އެސްއޯއެފް ކުންފިނިން ފައިސާއެއލިބުނުމީހަކީ އެމްއެމްޕީއަާރުސީ ގެ ހިޔާނާތުގެ ބައިވެރިޔަކަށް ކަނޑައެޅެނީ ކިހިނެތްބާ؟

The name is already taken The name is available. Register?

ސިމްޕަލް

22 July 2020

ޕްރޮސިކިއުޓަ ޖެނެރަލް ތިޔަ ކުރައްވާ މަސައްކަތް ނޫސްތަކުގެ ފަލަސުރުޚީން ބާރަށް ކުރިއަށް ނުގެންދަވާ، ދައުލަތުގެ އިދާރާތަކުން ބާރަށް ކުރިއަށް ގެންގޮސް ނިންމަވާދެއްވާ! މަނިކުފާނުގެ ތިޔަ މަސައްކަތަކީ އެތައް ދިވެހިންގެ ލޯ، އެމަސައްކަތަކާ ދިމާއަށް ހުއްޓިފައިވާ މަސައްކަތެއް.

The name is already taken The name is available. Register?

މިރުސާން

22 July 2020

މުއައްސަސާތަކާއި މަޝްވަރާކުރާ ވާހަކަ ބުނެފި..މަޝްވަރާ ކުރާނީ ވެރިންނާއި ވެރިންނަނީ ޕާޓީމީހުން..

The name is already taken The name is available. Register?

މިރުސާން

22 July 2020

މުއައްސަސާތަކާއި މަޝްވަރާކުރާ ވާހަކަ ބުނެފި..މަޝްވަރާ ކުރާނީ ވެރިންނާއި ވެރިންނަނީ ޕާޓީމީހުން..

The name is already taken The name is available. Register?

މެލޭޝިޔާ ދީދީ

22 July 2020

އިސް ދެކޯޓްގެ ފަނޑިޔާރުނަށް އަދި އިސް މުވައްސަސާތަކުގެ ރައީސުން ނަށް ފްލެޓް ދީފައި ވަނީ ތިބުނި އުސޫލުން ނެވެ. ކޮރަޕްޓްް ގޮތަކަށެވެ.20، 30 އަހަރު ޚިދުމަތް ކޮށްފައި ތިބި މީހުން ތިއްބައި އެއްމެ ދެއަހަރު ޚިދުމަތް ކުރި މީހުނަށް ސޯސަލް ހައުސިން ގެ ތެރެއިން އެމީހުނަށް ފްލެޓް ލިބުނު ގޮތް ބަލަން ޖެހޭ ނެއެވެ.

The name is already taken The name is available. Register?

ބައިރޯ

22 July 2020

ތިކަމެއް ނުވޭ، ނުވެސްވާނެ، 5 އަހަރު ކީއްކުރަން 10ވިއަސް، ހަގީގަތަކީ ހުރިހާ ޕާޓީއެއްގެ އިސްމީހުން ތިކަމުގަ ހިމެނޭކަން، ނުވާނެ، ނުވާނެ....

The name is already taken The name is available. Register?

ދިއްދޫމީހާ

22 July 2020

ދާލެއް ބާރުކަމުން ވަކި ހިސާބަކުން ވެއްޓެނީ ފުން ވަޅު ގަނޑަކަ..

The name is already taken The name is available. Register?

މިރިންޑާ

22 July 2020

އަދީބް އަތުން އެހެން މީހަކަށް ފައިސާދީފިނަމަ ވަގުރުފިޔާއަށް ބަދަލުވަނީ ކިހިނެއް؟އަދީބްއަތުގައި ހުރިއްޔާ އޯކޭ..އެހެންމީހަކު އަތަށް އެރުމާއިއެކު ވަގުރުރިޔާ..އަދީބް ގޭގައި ހުންނަނީ ކީއްވެޔޯ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!