ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ފަޒީލްގެ މައްސަލަ ބަލައިދިނުމަށް އެމްއާރުއެމް އިން އެދިއްޖެ

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ އަހުމަދު ފަޒީލަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަށް އެ ޕާޓީން އިއްޔެ ހުށަހަޅައިފި އެވެ.


ޖިންސީ ފުރައްސާރަކުރުމުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފަޒީލް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދަށާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަށް އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ފަޒީލަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާ ކަމަށެވެ.

"ޖިންސީ އަނިޔާ އާއި ގޯނާގެ އަމަލުތަކަކީ ގާނޫނާ ހިލާފު އަދި މި ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫނެވެ. އެހެންވީމާ އަހުމަދު ފަޒީލްގެ މައްޗަށް ތުހުމަތުކުރާ ޖިންސީ އަނިޔާ އާއި ގޯނާގެ މައްސަލަތައް ބަލައިދެއްވުން އެދެން،" ސިޓީގައިވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒްގެ ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ ފަޒީލަށް، ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން ފަދަ ތުހުމަތުތައް ކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އެމްއާރުއެމްގެ ހަރަކާތްތަކުން ވެސް އޭނާ އެކަހެރިކޮށް އެ ޕާޓީން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ދާދި ފަހުން ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދާއި އެ މިނިސްޓްރީގެ އިސް އެހެން ބޭފުޅަކު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތައްކޮށް ފާޅުގައި ވާހަކަ ދެއްކުން މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލެރެންސް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.