ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުުމަދު އަދީބުގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި އަދީބަށް ކުރި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ ވަނީ މިނިވަން ވެފަ އެވެ. އެ މައްސަލަތައް ދައުލަތުން އިސްތިއުނާފްކޮށް، އިސްތިއުނާފް މަރުހަލާ ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އޮތީ ހައި ކޯޓުގައި މިއަދު ހެނދުނު އެދިިފަ އެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ، އަދީބު ދޫކޮށްލައިފި ނަމަ، އޭނާ ފިއްލަވައިފާނެ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ސަބަބުތައް ނަފީ ކުރެވޭނެ ވަރުގެ ކަންތައްތަކެއް އަދީބުގެ ފަރާތުން ހުށަނާޅުއްވާ ކަމަށެވެ. އަދީބުގެ ސިއްހީ ހާލަތާ ބެހޭގޮތުން އޭނާގެ ފަރާތުގެ ކަންތައްތަކެއް ހުށަހެޅުއްވިޔަސް، އެއީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހައްލު ހޯދޭނެ ކަންކަން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި އަދީބަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، ތުހުމަތެއް ކުރެވޭ މިންވަރުގެ އެކަށީގެންވާ ހެކި ހުރިއިރު، އޭނާ ދޫކޮށްލައިފި ނަމަ ފިއްލަވައިފާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، އެ މައްސަލަތައް ހައި ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް ކޯޓުން އަންގަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަންދުކުރަން އަމުރުު ކުރެއްވީ ކަމަށް ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ.

އެ އަމުރާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތަށް ދިން ފުރުސަތުގައި ދައުލަތުން ބުނީ އަދީބަށް ކުރެވެނީ ބޮޑު ކުށެއްގެ ތުހުމަތު ކަމަށް ވުމުގެ އިތުރަށް އޭނާ ކުރިން ރާއްޖެ އިން ފިއްލަވަން މަސައްކަތް ކުރައްވާފައިވާތީ، އަނެއްކާވެސް އެކަން ތަކުރާރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަދީބު ވިދާޅުވީ، ފިއްލެވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ދައުލަތުން ވާހަކަ ދައްކާއިރު، އޭނާ ޖަލުގައި ބަހައްޓައިގެން ގާނޫނުތަކާ ޚިލާފަށް ދައުލަތުން އެތައް ފަހަރަކު އަމަލުކުރި ކަމަށެވެ. އޭނާ ފަހުން ގެއަށް ބަދަލު ކޮށްފައި ހުރީ ސިއްހީ މައްސަލަތަކަކާ ގުޅިގެން ކަމަށާއި މިހާރު ވެސް އެ މައްސަލަތައް ހުރި ކަމަށް ވިދާޅުވެ، އެކަމުގެ ލިޔުންތައް އޭނާ ހުށަހެޅުއްވި އެވެ.

އަދީބުގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ، އަދީބު ފިއްލެވި މައްސަލައިގައި އޭނާ ރާއްޖެ ގެނައުމަށް ފަހު، ދައުލަތުން އަމަލުކުރި ގޮތުން ވެސް އެއީ ފިއްލަވާނެ ބޭފުޅެއް ނޫންކަން ހާމަވާނެ ކަމަށެވެ. އޭރު ރާއްޖެ ގެނައުމަށް ފަހު އަދީބު ގޭބަންދުގައި ބެހެއްޓީ އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓްގެ ބޭރުގައި ކެމެރާއެއް ހަރުކޮށް އަދި ގޭގެ ބޭރުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތިބޭ ގޮތަށް ކަމަށާއި އަދި މިހާރު ވެސް އެޕާޓްމެންޓްގެ ބޭރުގައި ކެމެރާ އެބަހުރި ކަމަށް މަހްފޫޒް ވިދާޅުވި އެވެ. އަދީބުގެ އެދިވަޑައިގަތުމަށް ފުލުހުން މިހާރު ވެސް އޭނާއަށް 24 ގަޑިއިރު ސެކިއުރިޓީ ފޯރުކޮށްދޭ ކަމަށް ވެސް މަހްފޫޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ އެޕާޓްމެންޓްގެ ބޭރުގައި ހުރި ކެމެރާ ނަގަން އަދީބު ބޭނުންވެވަޑައިގެންފި ނަމަ ނުވަތަ ފުލުހުންގެ ސެކިއުރިޓީ ހޯދުމަކީ އޭނާ ދެކޮޅު ހައްދަވައިފި ނަމަ، މިހާރު ވެސް އެކަން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެއީކީ އޭނާ ނުފިއްލަވާނެ ކަމަށް ބެލެވޭނެ ސަބަބެއް ނޫން ކަމަށާއި އަދި ކުރިން އަދީބު ގޭގައި ބެހެއްޓީ ޖަލު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައި ވަނިކޮށް ކަރެކްޝަނަލް ސާވިސް އިން އަމިއްލަ އަށް ކަމަށާއި އެއީ ދައުލަތުން އެދިގެން ކުރި ކަމެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އަދީބު ބަންދު ކުރަން ހައި ކޯޓުގައި އެދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވިދާޅުވެ، ގާނޫނީ ނުކުތާތަކެއް މަހްފޫޒް ނެންގެވި އެވެ. އޭނާ ވިދާޅުވިގޮތުގައި، ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރަން އެދެވޭނީ ދަށު ކޯޓުން ކުށް ސާބިތުނުވެ ނުވަތަ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭނެ ކަމަށް ނިންމައިފި ނަމަ އެވެ. އެކަމަކު އަދީބުގެ މައްސަލާގައި ދަށު ކޯޓުން ނިންމީ އެފަދަ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބުގެ މައްސަލަ ދަށު ކޯޓުން ބޭރުކޮށްލީ އިޖްރާއީ ނިންމުމެއްގެ ދަށުން ކަމަށާއި އެފަދަ ނިންމުންތައް އިސްތިއުނާފް ކުރާއިރު، އިސްތިއުނާފް މަރުހަލާގައި ބަންދު ކުރަން އެދެވޭނެ ކަމަށް ގާނޫނުގައި ނެތް ކަމަށް ވެސް މަހްފޫޒު ވިދާޅުވި އެވެ. ގާނޫނެއްގައި ވަކި ކަމެއް ކުރެވޭނީ ވަކި ހާލަތެއްގައި ބުނާ ނަމަ، އެ ނޫން ހާލަތްތަކުގައި އެކަން ނުކުރެވޭނެ ކަމަށް ބަލަން ޖެހޭނެ ކަމަށް މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި އޮންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ ރައްދުގައި ދައުލަތުން ބުނީ އެ މަައްސަލަ ދަށު ކޯޓުން ބޭރުކޮށްލުމަކީ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭނެ ކަމަށް ނިންމި ނިންމުމެއް ކަމަށެވެ. އެހެންވެ، އެ މައްސަލާގެ އިސްތިއުނާފް މަރުހަލާގައި އަދީބު ބަންދުކުރަން އެދެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަތައް ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ޝުއައިބުގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކުރިއިރު، އެ މައްސަލަތައް ދަށު ކޯޓުން ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ދަނީ ބަލަމުންނެވެ. އެ މައްސަލަތަކާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑްކޮޮށްފަ އެވެ.