ކުއްޖާ ދައުލަތަށް ނަގައި އެބޯޓްކުރީ ޑޮކްޓަރުންގެ ލަފައާއެކު

ރޭޕްގެ ސަބަބުން ބަނޑުބޮޑުވި އުމުރުން 15 އަހަރުގެ އޯޓިސްޓިކް ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު އެބޯޓުކުރީ ޑޮކްޓަރުންގެ ލަފައާއެކު ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.


މެދު ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅޭ އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރުގެ ކަންތައް ނުޖެހި 3-4 މަސް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އާއިލާގެ އެދުމުގެ މަތިން ޓެސްޓު ހަދައި ބެލިއިރު އެ ކުއްޖާގެ ބަނޑަށް ތިން މަސް ކަން އެނގުނީ ވެސް މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ.

ރޭޕްގެ ތުހުމަތުގައި ކުއްޖާގެ ޅިޔަނު، ފ. ފީއަލީ، ފީރޯޒްގެ، އިބްރާހިމް ޝާފިއު، 37، ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހެވެ.

އެ އާއިލާ އިން ބުނިގޮތުގައި އެ ކުއްޖާ ދައުލަތަށް ނެގީ ކުއްޖާގެ ބައްޕަގެ ރުހުމަކާ ނުލަ އެވެ. އާއިލާގެ ރުހުމެއް ވެސް ނެތް ކަމަށް އެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެބޯޓުކުރީ ފަތުވާ ކޮމިޓީ އާއި އައިޖީއެމްއެޗުން ދިން ލިޔުންތަކަށް ބެލުމަށް ފަހުގަ އެވެ.

އެ މައްސަލައާ ގުޅިގެން، އެ ކުއްޖާ ދައުލަތަށް ނެގީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ. ސައިކޮލޮޖިސްޓުންނާއި ޑޮކްޓަރުންނަށް ދައްކައި، ކުއްޖާއަށް އެންމެ ރަނގަޅު ގޮތަކީ އެބޯޓްކުރުން ކަމަށްވާތީ، އެގޮތަށް ކުރިއަށް ގެންދިޔައީ ކަމަށް އެނގިފައި ވެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި، ކުއްޖާ އެބޯޓްކުރަން އާއިލާގެ އެހެން މީހުން ގަބޫލެއް ނޫނެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ރައްކާތެރިކަމުގެ އަމުރެއް މިނިސްޓްރީން ނެރުނީ އެހެންވެ އެވެ.

ނަފްސާނީގޮތުން ހުރި މައްސަލަތަކާއި ކުއްޖާގެ ހަށިގަނޑު ބަލިކަށިކަމުން، ކުޑަކުއްޖެއް ގެންގުޅުމުގެ ގާބިލްކަމެއް އެ ކުއްޖާގެ ނެތް ކަމަށް ވެ އެވެ.

އެ އާއިލާއިން "މިހާރު" އަށް ކުރިން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި އެ ކުއްޖާއަކީ އޯޓިޒަމްގެ މައްސަލަތައް ވަރަށް ބޮޑަށް ހުންނަ ކުއްޖެއް ކަމަށެވެ. ވާހަކަ ދެއްކުމުގައި ވެސް ވަރަށް އުނދަގޫ ގޮތެއް ހުންނަ ކަމަށާއި ބައެއް އަކުރުތައް ވެސް ރަނގަޅަށް ނުކިޔޭނެ ކަމަށް ބުންޏެވެ. އެގޮތުން 2018 ވަނަ އަހަރު ނަފްސާނީ ބަލީގެ ޑޮކްޓަރަށް ދެއްކުމުން އޭރު އެނގުނު ގޮތުގައި ވާހަކަ ދެއްކުމުގައި އޭނާގެ ހުންނަނީ 10 އަހަރުގެ ކުއްޖެއްގެ ގާބިލްކަމެވެ. ކަންކަން ކުރުމުގެ ގާބިލްކަން ހުންނަނީ ދެ އަހަރާއި ދެ އަހަރާ ބައިގެ ކުދިންގެ ސިކުނޑިއެއް ކަމަށް، އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.