13.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޕެވީލިއަން ވީރާނާވަނީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 13.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ރަސްފަންނުގައި ހެދި ޕެވީލިއަންގެ ބޭނުމެއް ނުހިފި، ވީރާނާވާން ފަށައިފި އެވެ.


އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ވިދާޅުވީ، 2018 ވަނަ އަހަރު ހުޅުވި ޕެވީލިއަން ހަދަން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން 4.3 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. މަސައްކަތުގެ އަގާއެކު ޕެވީލިއަނަށް މުޅި ޖުމްލަ 13.9 މިލިއަން ރުފިޔާ ހަރަދުކުރިކަން، ފެންނަން ހުރި ރެކޯޑުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެތަން ހަދަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ ކުރީގެ ހައުސިން މިނިސްޓްރީންނެވެ.

އެހާ ބޮޑު ހަރަދެއް ކޮށްގެން ތިން ބުރިއަށް ހެދި ޕެވީލިއަންގައި ހިންގަމުން އައި ރެސްޓޯރެންޓުތައް ހުސްކުރަން ނޯޓިސްދީ، ޕެވީލިއަން ވެސް ވަނީ ބަންދުކޮށްފަ އެވެ. އެއާއެކު، މުޅި ސަރަހައްދު ގޮނޑަކަށް ބަދަލުވެ، ބޮޑު މަރާމާތެއް ކޮށްގެން ނޫނީ އަލުން ބޭނުން ނުކުރެވޭ ވަރު ވަނީ ވެފަ އެވެ.

ޕެވީލިއަންގެ ސިޑިތަކާއި އެތަނުގެ ވަށައިގެން ޖަހާފައި ހުރި ބައެއް ފެންސްތައް ވެސް ފީވެގެން ވަނީ ވެއްޓިފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕެވީލިއަންނާ ގުޅޭ ދެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅި އެވެ. އެއް މައްސަލައަކީ، ޕެވިލިއަން ހުސްކުރަން އެމްޑަބްލިއުއެސްސީން، އެތަން ހިންގަމުން ދިޔަ ސިބްކޯ އަށް ދިން ނޯޓިސް ބާތިލް ކުރުމުގެ އަމުރަކަށާއި އެމްޑަބްލިއުއެސްސީ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި އަމުރެވެ. އެތަނުން އެއް މައްސަލަ މިހާރު އޮތީ ހައި ކޯޓުގަ އެވެ.

ޕެވީލިއަން ހިންގިއިރު، ސިބްކޯއިން، އެމްޑަބްލިއުއެސްސީއަށް ދައްކަންޖެހޭ ކުއްޔާއި އެޑްވާންސް ފައިސާ ވެސް ނުދައްކަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅީ އެ ފައިސާތައް ހޯދުމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ޕެވީލިއަންނާ މެދު ގޮތެއް ނުނިމި ލަސްވެގެންދަނީ އެކަމާ ގުޅޭ ދެ މައްސަލައެއް ކޯޓުގައި އޮތުމުންނެވެ. އެހެންވެ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ވެސް ނުލިބެ އެވެ.

ޕެވީލިއަން ގޮނޑަކަށް ބަދަލުވެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސިބްކޯ އަކީ، ޔާމީންގެ ސަރުކާރުގެ ވެރިންނާ ގާތް ގުޅުމެއް އޮތް މުހައްމަދު ޝަވީދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ޕެވިލިއަން ހުސްކުރަން އެންގިއިރު، އެތަނުގައި ހިންގަމުން އައި ޗިކިންނާއި ގްލޯރިއާ ޖިންސަކީ ވެސް ޝަވީދުގެ ހިއްސާ އޮތް ތަންތަން ކަމަށް ވެ އެވެ.

މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހެދި ތަނުގެ އެންމެ ތިރީ ބުރީގައި ކުރިން ހަދަން ނިންމާފައި އޮތީ ފަސް ފާހާނަ ހިމެނޭ ގޮތަށް، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި އާއްމުންނަށް އިށީނދެ ތިބެވޭނެ ޖާގައެކެވެ. އަދި އެ ތަނުގައި ލުއި ކާނާ ފަދަ ތަކެތި ވިއްކާ ފިހާރައެއް ވެސް ހަދަން ނިންމި އެވެ. އެކަމަކު ތަން ބަންދުކުރި އިރު، މީހުން އިށީންނާނެ ތަން ފިޔަވައި އިތުރު ކަމެއް ކޮށްފައެއް ނެތެވެ.

މާފަންނު ކޮޅުގައި 2016 ވަނަ އަހަރު ހުޅުވި ރަސްފަންނު ބީޗަށް ވެސް، ދައުލަތުގެ ބަޖެޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ.