އުސޫލާ ޚިލާފުވި ދެ ފިހާރައަކާއި ސެލޫނެއް ބަންދުކޮށްފި

ލޮކްޑައުން އުވާލައި ދިން ލުއިތަކާ އެއްގޮތަށް އާއްމު ޚިދުމަތް ދޭ ތަންތަން ހިންގާތޯ ބަލަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މާލޭގައި ހިންގާ އޮޕަރޭޝަންގައި ގިނަ ތަންތަން އިންސްޕެކްޓްކޮށް މިއަދު ދެ ފިހާރަ އާއި ސެލޫނެއް ބަންދުކޮށްފި އެވެ.


ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އާންމު ޚިދުމަތް ދޭ ތަންތަން ހުޅުވުމުގެ ހުއްދަ ދިނީ އެޗްޕީއޭއިން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރާ ގޮތަށެވެ.

އެޗްޕީއޭއިން ބުނީ މިއަދު 35 ތަނެއް އިންސްޕެކްޓް ކުރި ކަމަށާއި މިންގަނޑަށް ނުފެތޭތީ އޭގެ ތެރެއިން ދެ ފިހާރަ އަކާއި އެއް ސެލޫނެއް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ.

އިއްޔެ ވެސް 50 ތަނެއް ބަންދު ކޮށްފައިވާއިރު، އޭގެކުރިން 27 ތަނެއް ބަންދުކުރި އެވެ.

އާންމު ޚިދުމަތް ދޭ ތަންތަން އިންސްޕެކްޓް ކުރަން ފެށީ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުންނެވެ. ކުރިއަށް އޮތް އޮގަސްޓް މަހު ބާރަށް ބަލި ފެތުރޭނެ ކަމަށް ލަފާކޮށްފައިވާ އިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ އަދަދު އިތުރުވާނެ ކަމަށް ވެސް ޕްރޮޖެކްޝަންސުން ދައްކަ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ވަނީ 2607 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ބަލީގައި 16 މީހަކު ވަނީ މަރުވެފަ އެވެ.