ދިވެހިންގެ އަދަދު ހައްތާ މައްޗަށް، މިއަދު 134

ކޮރޯނާވައިރަހަށް، އެއް ދުވަސްތެރޭގައި ރެކޯޑު އަދަދަކަށް ދިވެހިން މިއަދު ޕޮޒިޓިވްވެއްޖެ އެވެ.


ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އާ ހަމައަށް 134 ދިވެހިންނާ އެކު 154 މީހަކު އަލަށް އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ދިވެހިންގެ އިތުރުން މިއަދު ދެން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާ އަދި ލަންކާގެ މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް މާޗް 7 ގައި ފެނި އަދި އޭޕްރީލް 15 ގައި މާލެ އިން ބަލި ފެނުނު ފަހުން މިހާ ގިނަ އަދަދަކަށް ދިވެހިން އެއް ދުވަސް ތެރޭގައި އެ ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ. މީގެ ކުރިން އެންމެ ގިނައިން އެއް ދުވަސްތެރޭގައި ޕޮޒިޓިވްވީ 92 ދިވެހިންނެވެ. އެއީ ލޮކްޑައުން އަށް ލުއި ދިން ފަހުން މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ދުވަހު 137 މީހަކަށް އަލަށް ކޮވިޑް ޖެހުނުއިރު، އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 92 އެވެ.

ރާއްޖެ އިން ކޮވިޑަށް މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ އެޕްރީލް 30 ގަ އެވެ. އެ ދުވަހު 179 މީހަށް އެ ބަލި ޖެހުނެވެ. އެކަމަކު، އެއީ ކޮވިޑުން ރައްކާތެރިވާން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނެސް ބޮޑެތި ލުއިތަކެއް ދިން ފަހުން ދިވެހިންގެ ތެރޭގައި އެ ބަލި ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކާ އެކު، ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3،949 އަށް އަރައިފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހަ މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އެހެންވެ މި ވަގުތު ފަރުވާ ދެމުން އަންނަނީ 1،305 މީހުންނަށެވެ. ހޮސްޕިޓަލުގައި 72 މީހަކަށް މި ވަގުތު ވެސް ފަރުވާ ދެ އެވެ.

މާލޭގެ އިތުރުން، އިތުރު 10 ރަށަކުން ކޮވިޑް-19 ގެ ބަލި މީހުން ފެނިފައިވެ އެވެ. އެއީ، ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށީ، ބ. ކަމަދޫ، ބ. ހިތާދޫ، ބ. ސީސައިޑް ފިނޮޅު، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. މާފުށި އަދި ވ. ފުލިދު އެވެ.

ދިވެހިންގެ ތެރޭގައި ކޮވިޑް-19 ފެތުރުން އިތުރުވަމުންދާ އިރު މިހާރު ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނަށް ވުރެ ދިވެހިންނަށް އެ ބަލި ޖެހޭ ވަރު އިތުރުވެފަ އެވެ. މީގެ ކުރިން ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް ޖެހުނީ ބަންގްލަދޭޝްގެ މީހުންނަށެވެ.

ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު 1،936 އަށް އަރާއިރު ބަންގްލަދޭޝް މީހުންގެ އަދަދަކީ 1،611 އެވެ.