ކޮވިޑް ޖެހިގެން އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން އަނެއްކާވެސް ދިވެއްސަކު މިރޭ މަރުވެއްޖެ އެވެ. މިއީ އެ ބަލީގައި ރާއްޖެ އިން މަރުވި 18 ވަނަ މީހާ އެވެ.


އެޗްޕީއޭ އިން ދެންމެ ބުނީ، މިރޭ 8:57 ގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 89 އަހަރުގެ ފިރިހެނަކު ކަމަށެވެ.

މިއީ، ކޮވިޑް ޖެހިގެން މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މަރުވި ތިންވަނަ މީހާ އެވެ. މިދިޔަ ބުރާސްފަތި ދުވަހާއި ރޭގައި ވެސް ކޮވިޑް ބަލީގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

ބުރާސްފަތި ދުވަހު މަރުވި އުމުރުން 71 އަހަރުގެ އަންހެން މީހާ އާއި ރޭ މަރުވި އުމުރުން 52 އަހަރުގެ އަންހެން މީހާ ވެސް އައިޖީއެމްއެޗަށް ދިޔައީ ނޭވާލާން އުނދަގޫ ވެގެންނެވެ. މީގެ ތެރެއިން 71 އަހަރުގެ އަންހެން މީހާ އަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ މަރުވި ފަހުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިއުމާ އެކު، އޮންނަ އުސޫލުގެ ތެރެއިން ވަގުތުން ކޮވިޑަށް ޓެސްޓު ކުރި ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެ އެވެ.

ރޭ މަރުވި، އުމުރުން 52 އަހަރުގެ އަންހެން މީހާ ވެސް އިއްޔެ ހަވީރު ހޮސްޕިޓަލަށް ދިއުމާ އެކު، ކޮވިޑަށް ޓެސްޓުކުރިއިރު ނަތީޖާ ޕޮޒިޓިވްވީ އެވެ. ސ. ހިތަދު އަށް އުފަން އެ މީހާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ 11:20 ގަ އެވެ.

މިދިޔަ މާޗު 7 ގައި ރާއްޖެ އިން ކޮވިޑް ފެނުނު ފަހުން އެ ބަލީގައި މިހާތަނަށް ވަނީ 12 ދިވެއްސަކާއި ހަ ބިދޭސީއަކު މަރުވެފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އެޅި ހަރުކަށި އަދި ވަރުގަދަ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، އެ ބަލި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ މަތިވަމުންނެވެ. ޚާއްސަކޮށް ކޮވިޑް ބަލި ދިވެހިންގެ މެދުގައި އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ފެތުރެމުންދާތީ ހާލަތު ވަނީ މާ ބޮޑަށް ސީރިއަސްވެފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު 6 ން އިއްޔެ ހަވީރު 6 އަށް 156 މީހަކަށް ރާއްޖެ އިން އަލަށް ކޮވިޑް ޖެހުނުއިރު އޭގެ ތެރެއިން 136 މީހުންނަކީ ދިވެހިންނެވެ. އަދި އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އަށް 215 މީހަކަށް އަލަށް އެ ބަލި ޖެހުނުއިރު އޭގެ ތެރެއިން ދިވެހިންގެ އަދަދު ވަނީ 149 އަށް އަރައިފަ އެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް ބަލީގެ މީހުން ފެނުނު ދުވަހެވެ. އަދި އެ ބައްޔަށް އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވި ދުވަސް ވެސް މެ އެވެ.

އެޗްޕީއޭގެ ޓުވީޓް

މިއަދުގެ ހިސާބުތަކަށް ބަލާއިރު، 149 ދިވެހިންގެ އިތުރުން ދެން އަލަށް ކޮވިޑް ޖެހުނީ ބަންގްލަދޭޝްގެ 54 މީހަކަށާއި އިންޑިއާގެ ހަތް މީހަކަށާއި ސްރީ ލަންކާގެ ދެ މީހަކަށާއި ނޭޕާލްގެ އެކަކު އަދި އިންޑޮނޭޝިއާގެ މީހަކަށެވެ. މި އަދަދުތަކާ އެކު، ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 4،000 ހުރަސްކޮށްފަ އެވެ. މިހާރުގެ ޖުމްލަ އަކީ 4،164 އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ، ކޮވިޑް ޖެހިހެން 72 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އިއްޔެގެ ހަވީރު 6 ން މިއަދުގެ ހަވީރު 6 އަށް އެޗްޕީއޭ އިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މިހާރު ވަނީ 84 އަށް އަރައިފަ އެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 12 މީހަކު އެޑްމިޓް ކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ޑރ. ނަޒްލާ ރޭ ވިދާޅުވި 72 މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާދެމުން އަންނައިރު، ދެ މީހަކު ވަނީ ވެންޓިލޭޓަރުގަ އެވެ.

އެންމެ ގިނަ މީހުން އެޑްމިޓް ކޮށްފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ. އެ ތަނުގައި 65 މީހަކު އެޑްމިޓް ކޮށްފައިވާއިރު 60 މީހަކަށް ފަރުވާދެނީ ވޯޑުގައި ކަމަށާއި ބާކީ ފަސް މީހުން ތިބީ އައިސީޔޫގައި ކަމަށް ޑރ. ނަޒްލާ ރޭ ވިދާޅުވި އެވެ.