ހުޅުމާލޭގައި ގެނބިގެން މީހަކު މަރުވެއްޖެ، ކޮވިޑަށް ޕޮޒިޓިވް

ހުޅުމާލޭގައި މިއަދު މެންދުރު މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.


ކ. ތުލުސްދޫ ބިޖިލީއުފާ، ރިމާޒް އަބްދުލް މުހުސިން، 27 މަރުވުމުން ކޮވިޑަށް ޓެސްޓް ކުރި އިރު، އޭނާ އެ ބައްޔަށް ވެސް ޕޮޒިޓިވް އެވެ. ރިމާޒްގެ ކޮވިޑް ޓެސްޓް ހެދީ މި ދުވަސްވަރު މަރުވާ އެންމެންގެ ވެސް އެ ޓެސްޓު ހަދާތީ އެ އުސޫލުންނެވެ.

ފުލުހުން ބުނިގޮތުގައި ރިމާޒް މޫދަށް އެރުނީ، ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށެވެ. އަދި އޭނާ އަކުނިވަޔަށް ދަމައި، ހާލު ބޮޑުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެ އަށް ކޮވިޑް ފެތުރިފައިވާއިރު، މި ދުވަސްވަރު މަރުވެގެން ކޮވިޑަށް ޓެސްޓު ކުރާ ބައެއް މީހުން މީގެ ކުރިން ވެސް އެ ބައްޔަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ އެ ބަލީގައި 18 މީހަކު މަރުވެ، 4،164 މީހަކަށް ބަލި ޖެހިފަ އެވެ. ބަލިން ރަނގަޅުވީ 2،643 މީހެކެވެ. ފަރުވާގައި ތިބީ 1،488 މީހެކެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ވަރުގަދަ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، މިހާރު އުފެދިފައިވާ އެންމެ ބޮޑު ބިރަކީ ގިނައިން ދިވެހިންނަށް އެ ބަލި ޖެހުމެވެ. ރެކޯޑް އަދަދަކަށް އިއްޔެ ދިވެހިންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އިއްޔެ އެކަނި ވެސް 149 ދިވެއްސަކަށް އަލަށް އެ ބަލި ޖެހުނެވެ.