ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ ތެރޭގައި އެ ބަލި ފެތުރުން އާންމުވުމާ ގުޅިގެން، ކުރިއަށް އޮތް ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ނިންމަވައިފި އެވެ.


ރައީސް އޮފީހުން ބުނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރުގެ އޮފީސްތައް މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުކުރި ނަމަވެސް ގޭގައި ތިބެގެން މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް އެގޮތަށް ކުރިއަށް ގެންދަން ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް، ދެވެން ހުރި ޚިދުމަތްތައް އެ އުސޫލުން ދިނުމަށް ވެސް ދަންނަވަން ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އިން ކޮވިޑް ފެނުމާ ގުޅިގެން، މާޗު 12 ގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތަކާ އެކު، މިދިޔަ ޖުލައި 5 އާ ހަމައަށް ވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރި އެވެ. އެކަމަކު، އެ މުއްދަތުގެ ތެރޭގައި ވަކި ހިސާބަކުން، ކޮންމެހެން އޮފީސްތަކަށް ނުކުމެ ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވި އެވެ.

ސަރުކާރުގެ އޮފީސްތައް ކުރިއަށް އޮތް ތިން ދުވަހު ބަންދުކުރަން ނިންމިއިރު، ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ މެދުގައި އެ ބަލި ފެތުރުން ދަނީ އާންމުވަމުންނެވެ. އިއްޔެ އެކަނިވެސް 149 ދިވެއްސަކަށް އަލަށް ކޮވިޑް ޖެހުނެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ ދިވެހިންނަށް އެ ބަލި ޖެހުނު ފަހަރެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިދިޔަ ހަފުތާގައި އާންމުކުރި ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައި މަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެންމެ ގިނަ ބަޔަކު ކޮންޓެކްޓްވީ އޮފީސްތަކާއި އެހެނިހެން މަސައްކަތުގެ މާހައުލުންނެވެ.

ހިސާބުތައް ދައްކާ ގޮތުން، ކޮވިޑް ޖެހުނު މީހުންނާ މިދިޔަ މަހުގެ މަހުގެ އެކަކުން 28 ގެ ނިޔަލަށް އޮފީސްތަކުން 655 މީހަކު ކޮންޓެކްޓްވި އެވެ. އެއީ ކޮންޓެކްޓްވި މީހުންގެ 31 ޕަސެންޓެވެ. މަސައްކަތުގެ އެހެން މާހައުލުތަކުން ކޮންޓެކްޓްްވީ 564 މީހެެކެވެ. އެއީ 27 ޕަސެންޓެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮންޓެކްޓްވީ ސިއްހީ ހިދުމަތްދޭ ތަންތަނުންނެވެ. އެއީ 303 މީހުން ނުވަތަ 14 ޕަސެންޓެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހަތަރުވަނަ އަދި ފަސް ވަނަ އަށް އެންމެ ގިނަ މީހުން ކޮންޓެކްޓްވީ ކެފޭ/ރެސްޓޯރެންޓްތަކާއި ފިހާރަތަކުންނެވެ. ކެފޭތަކާއި ރެސްޓޯރެންްޓްތަކުން 154 މީހަކު ކޮންޓެކްޓްވި އިރު ފިހާރަތަކުން ކޮންޓެކްޓްވީ 89 މީހެކެވެ.