ހައްޔަރުކުރި 19 ބިދޭސީން އިމިގްރޭޝަންގެ ބަންދުން މިނިވަންކުރަން ކޯޓަށް ހުށަހަޅައިފި

ބ. ބޮޑުފިނޮޅުން ހައްޔަރުކުރި 19 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މީހުން ބަންދުން ދޫކުރުމުގެ ހެބިއަސް ކޯޕަސް އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.


ސީލް މޯލްޑިވްސް އިން ބޮޑުފިނޮޅުގައި ތަރައްގީކުރާ ރިސޯޓްގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން އެރަށުގައި ގެންގުޅުނު 179 ބިދޭސީންނަށް މުސާރަ ނުދިނުމުން ހިންގި ހަމަނުޖެހުންތަކަށް ފަހު 19 ބިދޭސީއަކު ފުލުހުން ހައްޔަރުކުރި އެވެ. ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ފަހު އިއްޔެ އެ މީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުންނަ ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ބަދަލުކޮށްފަ އެވެ.

އެ 19 ބިދޭސީންގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ ފުލުހުންގެ ބަންދުން އެ މީހުން ދޫކޮށްލަން ޖެހުނީ އެ މީހުންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ އުފުލާފައި ނުވާތީ ކަމަށެވެ. އަދި އެ މީހުން އިމިގްރޭޝަނާ ފުލުހުން ހަވާލުކުރީ ޑީޕޯޓް ކުރުމަށްޓަކައި ކަމަށާއި އެކަމަކު އިމިގްރޭޝަންގެ ގާނޫނާ ޚިލާފްނުވާ ބަޔަކު ނުރުހުމުގައި ރާއްޖެއިން ފޮނުވާލަން އިމިގްރޭޝަނާ ހަވާލުކުރުމުގެ ބާރު ފުލުހުންނަށް ނޯންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޖަލުތަކާއި ޕެރޯލްގެ ގާނޫނު އޮތް ގޮތުން މީހުން ބަންދުކުރެވޭ މަރުކަޒުތަކުގެ ތެރޭގައި އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ނުހިމެނޭއިރު، އެ ގާނޫނުގައި ނުހިމެނޭ ތަނެއްގައި ބަޔަކު ބަންދު ކުރުމަކީ އެންޓި ޓޯޗާގެ ގާނޫގައި ބުނާ ޓޯޗާގެ އަމަލެއް ކަމަށް ވެސްއެ ބަޔާނުގައިވެ އެވެ. އެހެންވެ، އެ 19 ބިދޭސީން ބަންދުގައި ބައިތިއްބަނީ ގާނޫނާ ޚިލާފަށް ކަމަށާއި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށައެޅީ އެހެންވެގެން ކަމަށް ވަކީލުން ބުނެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ފަހު ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކުރަން ފުލުހުން ނިންމީ ވަކީލުންނަށް ވެސް އެންގުމެއް ނެތި އެވެ. އަދި އެކަމާ ގުޅިގެން އިމިގްރޭޝަނާ ބައްދަލު ކުރަން މަސައްކަތް ކުރުމުންއެ ފުރުސަތު ނުދިން ކަމަށް އެ ބަޔާނުގައިވެ އެވެ.

ބޮޑުފިނޮޅުގައި ރިޒް ކުންފުނިން ގެންގުޅުނު 170 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ ހުޅުމާލެއަށް ގެނެސްފަ އެވެ.

އެ ބިދޭސީންނާ ހަވާލުވާން ރިޒްގެ މައްޗަށް ބ. ތުޅާދޫ ކޯޓުން އަމުރެއް ނެރުނަސް، އެކަމަށް އެ ކުންފުނިން އިންކާރުކުރެ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.